ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަށް ތާއިދު ކުރުމުގެ ގޮތުން މާލޭ ވޯޓާ އެންޑް ސުވަރޭޖު ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ޖުމްހޫރީ ޕާޓީގެ ކައުންސިލް ކަމުގެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމަށް ޝާހް ފޮނުވި އިހްތިރާމުގެ ސިޓީއެއްގައި ވިދާޅުވެފައި ވަނީ ރައީސް ސޯލިހްގެ ރިޔާސީ ދައުރުގައި ދައްކަވައި ދެއްވާފައި ވަނީ ގައުމުގެ ހަމަޖެހުމާއި، އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމާއި ތަރައްގީ ކަަމަށެވެ.
މަގާމުން އިސްތިއުފާ ދެއްވުމަށް ޝާހު ވިދާޅުވީ، އިންތިހާބުގައި ރައީސް ސޯލިހު އަށް ތާއިދު ކުރާތީ ކައުންސިލް މެމްބަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވީ ކަމަށެވެ.
"ވީމާ 2023ގެ އިންތިހާބުގައި އެމަނިކުފާނަށް ތާއިދު ކުރާތީ ތިޔަ ޕާޓީގެ ކައުންސިލް މެންބަރުކަމުން އަޅުގަނޑު އިސްތިއުފާ ދީފީމެވެ. އަދި ޖޭޕީގެ ދަފްތަރުން އަޅުގަނޑުގެ ނަން އުނިކޮށްދެއްވުން އެދި އިހްތިރާމާއެކު ދެންނެވީމެވެ". އެ ސިޓީ ގައި ޝާހު ވިދާޅުވިއެވެ.
އަދި އެ ސިޓީގައި ޝާހު ވަނީ ޖޭޕީގެ ދަފްތަރުން އޭނާގެ ނަން އުނި ކޮށްދެއްވުމަށް ވެސް ގާސިމް އިބްރާހީމްގެ އަރިހުން އިހްރިތާމާއެކު އެދިފައެވެ.
މީގެ އިތުރުން ސިޓީ ގައި ޝާހު ވަނީ އެ ޕާޓީ ގައި މަސައްކަތް ކުރެއްވި ދުވަސް ވަރު ގާސިމް އިބްރާހީމް ގެ ފަރާތުން ލިބިލެއްވި އެއްބާރުލުމަށްއެ މަނިކުފާނަށް ޝުކުރު ދަންނަވާ ފައެވެ.
ޖުމްހޫރީ ޕާޓީ ވަކިން ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމެވުމާގުޅިގެން އެޕާޓީގެ އަސްލު ޒަމާންވީ ބައެއް މެންބަރުން އެޕާޓީން ވަކިވަމުންދާކަން ފާހަގަކުރެވެއެވެ. އެ ގޮތުން އޭގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ސްލޮޓްގައި މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުގެ ޑެޕިއުޓީ މިނިސްޓަރުކަން ފުރުއްވާ ވަލީދާ ވަލީދު އާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ހިމެނެއެވެ. މީގެ އިތުރުން ޖޭޕީގެ ސްލޮޓެއްގައި ޓޫރިޒަމް މިނިސްޓަރު ކަމުގައި މަގާމުގައި ހުންނެވި ޑރ. މައުސޫމް އެ ޕާޓީގެ ގްރޫޕްތަކުންވަނީ ނިކުމެ ވަޑައިގެންފައެވެ.
ކިޔުންތެރިންގެ ޚިޔާލުތައް
ސާހް އަށް ވެސް އަދި ބޮލެއް ހުރި ކޮންމެ މީހަކަށްވެސް، މިއުޅެނީ ބަޔަކު ގާސިމްގެ ބޮލަށް ވަދެގެން މޮޔަ ހައްދައިގެންކަން އެގޭނެއެވެ. ހަމަހޭގައި މިތިބަ މުސްލިމް ދިވެހިން ރާއްޖޭގައި އެންމެ ގިނައިން ރާ ވިއްކާ ސްޕާ ހިންގާ މީހާއަށް ވެރިކަމަށް ވޯޓެއް ނުދޭނެއެވެ. ދިވެހިންގެ ދީނެއް ފައިސާއަކަށް ނުވިއްކާނެއެވެ.