ރާއްޖޭގެ ގިނަ ރަށްތަކުގެ ދިވެހި އާބާދީ އަދިވެސް އޮތީ 1،000 އިން ދަށުގައި ކަމަށް މިދިޔަ އަހަރު ކުރިއަށް ގެންދިޔަ ބޯހިމެނުމުގެ ނަތީޖާއިން ދައްކައިފި އެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން މިދިޔަ އަހަރު ކުރިއަށް ގެންދިޔަ ބޯހިމެނުމުގެ ނަތީޖާ ދައްކާ ގޮތުން ރާއްޖޭގައި މީހުން އުޅޭ 187 ރަށުގެ ތެރެއިން 40 ރަށަކީ އާބާދީ 500 އިން ދަށުގައިވާ ރަށްތަކެވެ. އެފަދަ ރަށްތަކުގައި ޖުމްލަ 14،406 މީހުން އުޅޭ އިރު އޭގެ ތެރެއިން 2،164 މީހުންނަކީ ބިދޭސީންނެވެ. މީހުން އުޅޭ ރަށްތަކުގެ ތެރެއިން 72 ރަށެއްގެ އާބާދީ އަދި ވެސް އޮތީ 500 އާއި 1،000 އާ ދެމެދު ކަމަށް ވާއިރު އެއީ ރާއްޖޭގެ މީހުން އުޅޭ ރަށްތަކުގެ މެޖޯރިޓީ އެވެ. އެ ފަންތީގެ ރަށްތަކުގައި ޖުމްލަ 51،323 މީހުން އުޅެ އެވެ. އެއީ 45،240 ދިވެހިންނާއި 6،083 ބިދޭސީންނެވެ.
ރާއްޖޭގެ ޖުމްލަ ރަށްތަކުގެ މެޖޯރިޓީ އަކީ ހާހެއް ހަމަނުވާ ރަށްތައް ކަަމަށް ވިޔަސް، އެއާ ހަަމަ ގާތްކުރާ އަދަދެއްގެ ރަށްތަކުގެ އާބާދީ މިހާރު ވަނީ ހާހުން މައްޗަށް ވެސް އަރައިފަ އެވެ. އެގޮތުން 70 ރަށެއްގެ އާބާދީ މިހާރު އުޅެނީ 1،000 އާއި 4،999 އާ ދެމެދުގަ އެވެ. އެ ފަންތީގެ ރަށްތަކުގައި ޖުމްލަ 131،623 މީހުން އުޅެ އެވެ. އެއީ 113،182 ދިވެހިންނާއި 18،441 ބިދޭސީންނެވެ.
މިދިޔަ އަހަރުގެ ބޯހިމެނުމުގެ ނަތީޖާ ދައްކާ ގޮތުން އާބާދީ 5،000 އިން މަތި، އެކަަމަކު 10،000 ހަމަނުވާ އޮތީ އެންމެ ދެރަށެވެ. އެ ދެރަށުގެ ޖުމްލަ އާބާދީއަކީ 15،399 ކަމަށް ވާއިރު އޭގެ ތެރޭގައި 2،121 ބިދޭސީން ވެސް ހިމެނެ އެވެ.
އާބާދީގައި 10،000 އަށް ވުރެ އިތުރަށް އުޅެނީ އެންމެ ތިން ރަށުގަ އެވެ. އެއީ މާލެއާއި ކުޅުދުށްފުއްޓާއި އައްޑޫ ހިތަދޫ އެވެ. އެ ތިން ރަށުގައި ޖުމްލަ 236،134 މީހުން އުޅޭ އިރު އޭގެ ތެރޭގައި 54،691 ބިދޭސީން ވެސް ހިމެނެ އެވެ.
300 ހަމަނުވާ 10 ރަށް، 100 ހަމަ ނުވާ ދެރަށް
ރާއްޖޭގައި އާބާދީގައި 300 މީހުން ހަމަނުވާ 10 ރަށެއް އަދި ވެސް އެބަ އޮތެވެ. އެއީ ހއ.މުޅަދުއާއި ތަކަންދޫ، ހދ.ހިރިމަރަދޫ، ބ.ފެހެންދޫ، އދ.ދިއްދޫ، ވ.ރަކީދުއާއި އެއަތޮޅު ތިނަދޫ އަދި ލ.މުންޑޫ އެވެ. މީގެ ތެރެއިން އެންމެ މަދު އަދަދެއްގެ މީހުން އުޅެނީ ވ.ރަކީދޫގަ އެވެ. އާބާދީގައި 300 ހަމަ ނުވާ 10 ރަށުގެ ތެރެއިން ދެ ރަށެއްގެ އާބާދީގައި ދިވެހިންގެ އާބާދީ 100 ވެސް ހަމައެއް ނުވެ އެވެ. އެއީ އެންމެ 63 ދިވެހިންނާއި 14 ބިދޭސީން އުޅޭ ރަކީދުއާއި 75 ދިވެހިންނާއި 184 ބިދޭސީން އުޅޭ ވ. ތިނަދު އެވެ. މީގެ ތެރެއިން ތިނަދޫ ވެފައި މިވަނީ ދިވެހިންގެ އާބާދީއަށް ވުރެ ބިދޭސީންގެ އާބާދީ ދެގުނައަށް ވުރެ ވެސް ބޮޑު ރަށަކަށެވެ.