logo minivan

English

އަންގާރަ, 23 ޖުލައި 2024

ނަފުސާނީ ބަލިތަކަށް ފަރުވާ ކުރުމުގައި އާއިލާގެ ދައުރު

" ދެން އޭނާ ގުރައިދުއަށް ފޮނުވަންވީނު؟" ނަފުސާނީ ބައްޔެއްގެ ސަބަބުން މީހަކު ނުވަތަ ކުއްޖަކަށް މުޖުތަމައުގެ ތެރޭގައި އުޅެން އުނދަގޫ ހާލަތަކަށް ދާ ކޮންމެ ފަހަރަކު އެންމެ ގިނައިން އިވޭނެ އަޑަކީ މި އެވެ. އާއިލާގެ މެމްބަރަކު ބެލެހެއްޓުމުގެ ބުރަ އެއްގޮތަކަށް ވެސް އުފުލަން ބޭނުން ނުވާ އާއިލާތަކަށް އެއީ ރަނގަޅު ލަފަޔަކަށް ވެދާނެ އެވެ. އެއީ އެހައިރުން، އެ އާއިލާއަަށް ބަލިމީގެ ކަންތަކުން މުޅިން އަތް ވީއްލޭނެތީ އެވެ.

ނަފުސާނީ ބަލީގެ މީހުންނަށް ފަރުވާ ކުރާ ޑޮކްޓަރުންނާއި އެފަދަ ބަލިތަކާ ބެހޭ ގޮތުން ބަލައި ދިރާސާކުރާ ސައިންްސްވެރިންގެ ލަފާ އެކަމަކު ތަފާތެވެ. ސިންގަޕޫރުގެ ސިންގަޕޯ މެޑިކަލް ޖާނަލްގައި 2021 ވަނަ އަހަރު ޝާއިރުކުރި ދިރާސާއަކުން ދެއްކި ގޮތުގައި ނަފުސާނީ ބަލީގެ މީހުންގެ ހަޔާތުގައި އާއިލާ ވަރަށް މުހިއްމު ދައުރެއް އަދާކުރެ އެވެ. ހަމަ އެހެންމެ އާއިލާއެއްގެ ތެރޭގައި ކަންހިނގާ ގޮތަކީ ނަދުސާނީ ބައެއް ބަލިތަކުގެ ފެށުން އެކަންކަމާ ގުޅިފައި އޮންނަ ކަމެކެވެ.

"ފެމިލީ އެންގޭޖްމެންޓް އޭޒް ޕާޓް އޮފް މެނޭޖިން ޕޭޝަންޓްސް ވިތު މެންޓަލް އިލްނަސް އިން ޕްރައިމަރީ ކެއާ" ގެ ނަމުގައި ޝާއިރު ކުރި އެ ދިރާސާގެ ރިޕޯޓްގައިވާ ގޮތުން ނަފުސާނީ ބަލީގެ މީހުންނަށް ފަރުވާކުރުމުގައި އާއިލާ ބައިވެރިކުރުމުގެ ދިގުމުއްދަތުގެ ފައިދާއާއި ކުރު މުއްދަތުގެ ފައިދާތައް ވެސް ގިނަ އެވެ. ބަލިމީހާއަށް އެންމެ ފުރަތަަމަ އަޅައިލާ ޕްރައިމަރީ ކެއާ ޕްރޮވައިޑަރެއްގެ ހައިސިއްޔަތުން އާއިލާގެ އެހީތެރިކަން ލިބުމަކީ އެކަމުގެ ސަބަބުން ބޮޑެތި ފަސޭހަތަކެއް ވާ ކަމެއް ކަމަށް އެ ރިޕޯޓުގައި ވެ އެވެ. ބަލިމީހާއާ މުއާމަލާތްކުރަން ފަސޭހަވުމާއި ބަލިން ފަސޭހަވުމުން ރަނގަޅުވުމުން ލަދުވެތިވާ މިންވަރު ކުޑަވުމާއި އޭނާ އުޅޭ ނޫޅޭގޮތް ބަލަން ފަސޭހަވުން ފަދަ އެތައް ފައިދާއެއް އެކަމުގައި ވެ އެވެ، ތިރީގައި މިވާ މައުލޫމާތު ތަކަކީ އެ ދިރާސާ ރިޕޯޓުން ނަގާފައިވާ މައުލޫމާތު ތަކެކެވެ.

ނަފުސާނީ ދުޅަހެޔޮކަމާއި އާއިލާ

"އާއިލީ އަސްލަކީ އަހަރެމެންގެ ދިރިއުޅުމުގައި ވަރަށް ވަރުގަދަ ނުފޫޒެކެެވެ. އެއީ އަހަރެމެންގެ ކަންތައް އެންމެ ފުރަތަމަ ދުވަހުން ފެށިގެން ބަލަހައްޓާ މީހުންގެ ހައިސިއްޔަތުން އެބަޔަކާ ވަރަށް ވަރުގަދަ ތަތްވުމަކުން ތަތްވެފައިވާ ބައެކެވެ. މީހުންނާ ގުޅިލައި މެހިގެން އުޅެން ބޭނުންވާ ބޭނުންވުމަކީ މުޅި ހަޔާތަށް ދެމިގެންދާ ކަމެކެވެ. އެގޮތުން އަހަރެމެންގެ ހަޔާތް ބައްޓަންކުރާ ބަޔަކީ އާއިލާ އެވެ. އަހަރެމެންގެ ތަރައްގީއަށް ފޯރަނީ އެމީހުންގެ ނުފޫޒެވެ، އަހަރެމެން ނަމޫނާއަކަށް ބަލަނީ އެމީހުންގެ އުުޅުމާއި އާދަކާދަ އެވެ، ހިޔާވަހިކަމާއި މަދަދާއި އެހީތެރިކަމުގެ ވަސީލަތެއްގެ ގޮތުގައި އަހަރެމެން ބަލަނީ އާއިލާއަށެވެ. އެހެންވީމާ އަހަރެމެންނަށް ބެލެވޭނީ އެހީތެރިކަމަށް ބޭނުންވާ ވަގުތު އާއިލާ އޮންނާނެ ކަމަށެވެ،" މީހަކާ އޭނާގެ އާއިލާއާ ދެމެދު އޮންނާނެ ގުޅުން ސިންގަޕޫރުގެ ދިރާސާ ރިޕޯޓުގައި ސިފަކޮށްފައި އޮތީ މިހެންނެވެ.

ކަން މިހެން ހުރުމުން، ނަފުސާނީ ބަލީގެ މީހަކަށް އާއިލާ އަދި މާ ބޮޑަށް މުހިއްމު ވެ އެވެ. އެހެނީ އޭނާއަށް ޖެހުނު ނަފުސާނީ މައްސަލަތައް ގުޅިފައި ވާނީ ވެސް އާއިލާގެ ތެރޭގައި ހިނފައި ގޮސްފައިވާނެ އެތައް ކަމަކާ އެވެ. އޭގެ ތެރޭގައި މައިންބަފައިންގެ އަރައިރުމާއި އާއިލާގެ ތެރޭގައި އެކަކު އަނެކަކަށް އަޅައިލުމާއި އަަޅައިނުލުން އޮތް މިންވަރު ހިމެނެ އެވެ. ޖަޒުބާތީ ގޮތުން މައިންބަފައިންނާއި އޮތް ގުޅުމާއި ދަރިން ތަރުބިއްޔަތު ކުރުމުގެ ވައްޓަފާޅި އަކީ ވެސް އެ މައްސަލަތަކާ ގުޅިފައި ވާނެ ކަންތައްތަކެވެ.

ބަލިމީހާއަށް ފަރުވާކޮށް ބަލަަހައްޓާ ބަޔަކީ އާއިލާއަށް ވުން

ނަފުސާނީ ބަލިތަކަށް ފަރުވާކުރުމަކީ އާއިލާތަކާ ވަކިން، އެކަމަށް ހާއްސަ މަރުކަޒެއްގައި ބަލިމީހާ ބަހައްޓައިގެން ކުރާ ކަމެއްގެ ގޮތުގައި އޮތް އޮތުން މިދިޔަ ސާޅީހަކަށް ފަންސާހަކަށް އަހަރު ތެރޭގައި ވަނީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. މިހާރު ގިނަ ގައުމުތަކުގައި އޮންނަނީ މަރުކަޒުތަކުގައި އެކަހެރިކޮށްގެން ފަރުވާ ދިނުމުގެ ބަދަލުގައި ބަލިމީހުން އެމީހުންގެ އާއިލާތަކާ އެކު މުޖުތަމައުގައި ބައިތިއްބައިގެން ފަރުވާ ކުރުމެވެ. އެގޮތަށް ފަރުވާ ކުރުމުގައިކުރާ ކަމަކީ ބަލިމީހާގެ މައްސަލަ ދެނެގަނެ، އެ ބައްޔާ ބެހޭ މައުލޫމާތު އާއިލާއަށް ދީގެން، އެމީހުންނަށް ފަރުވާ ކުރުމުގައި އާއިލާ ބަައިވެރިކުރުމެވެ.

ސިންގަޕޫރުގެ ދިރާސާގައިވާ ގޮތުން އެގައުމުގައި ކުރާ ކަަމަކީ ބަލިމީހާއަށް އަޅައިލާ އޭނާއަށް ފަރުވާކުރާނެ ވަކި މީހަކު އާއިލާގެ ތެރެއިން ހާއްސަކޮށް އެމީހަކަށް ބޭނުންވާ ފަންނީ އެހީތެރިކަން، ސިއްހީ ފަރުވާ ދޭ މަރުކަޒުތަކުން ދިނުނެވެ. އެއީ ބަލިމީހާއަށް ފަރުވާ ދޭ މީހުންނަކީ އޭނާގެ ޒާތީ ދިރިއުޅުން ރަނގަޅަށް އެނގޭ މީހަކަށް ވުމަކީ ވަރަށް މުހިއްމު ކަމެއް ކަން ފަހުގެ ހޯދުންތަކުން އެނގޭތީ އެވެ.

ވޯލްޑް ސައިކިއޭޓްރިކް އެސޯސިއޭޝަން (ވީޕީއޭ) އިން އެކުލަވާފައިވާ ބެސްޓްޕްރެކްޓިސް އުސޫލުގައި ވެސް ބުނެފައިވާ ގޮތުގައި މުޖުތަމައަށް އަލުން ނެރުމަށް ޓަކައި ރިހެބިލިޓޭޓް ކުރަން ޖެހޭ ފަދަ ހާލަތަކަށް ގޮސްފައިވާ ނަފުސާނީ ބަލީގެ މީހުންނަށް ފަރުވާކުރުމުގައި އާއިލާތައް ވަރަށް ބޮޑަށް ބައިވެރިކުރުމަކީ އެ ޖަމާއަތުން އިރުޝާދުދޭ ކަމެކެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ، ޑަބްލިއުއެޗްސޯގެ "މެންޓަލް ހެލްތު އެކްޝަން ޕްލޭން (2013-2020) ގައި ވެސް ގޮވާލާފައި ވަނީ ނަފުސާނީ ބަލިތަކުގެ މީހުންނަށް ފަރުވާކުރުމުގައި ސިއްްހީ ހިދުމަތްދޭ ތަންތަނާ އެކު އާއިލާތަކުން މަސައްކަތްކުރުމަށެވެ.

ނަފުސާނީ ބަލީގެ މީހުންނަށް ފަރުވާ ކުރުމުގައި އާއިލާތައް ބައިވެރިވުމުގެ ފައިދާ

ނަފުސާނީ ބަލީގެ މީހުންނަށް ފަރުވާކުރުމުގައި އާއިލާތައް ބައިވެރިކުރަން ބާރު އަޅާ ހަރަކާތަކީ ސައިންޓިފިކް ދިރާސާތަކުގެ މައްޗަަށް ބިނާކޮށްފައިވާ ހަރަކާތެކެވެ. އެ ދިރާސާތަކުން ދައްކާ ގޮތުގައި ހަމަ އެކަނި ސިއްހީ އިދާރާތަކުން ކުރާ ކަމެއްގެ ގޮތުގައި ފަރުވާގެ ނިޒާމު ބޭއްވުމުގެ ބަދަލުގައި އާއިލާތައް ބައިވެރިކުރުުމުގެ ދިގުމުއްދަތާއި ކުރުމުއްދަތުގެ ފައިދާތައް ގިނަ އެވެ. އެފަދަ އެއް ކަމަކީ ބަލިން ރަނގަޅުވުމަށް ފަހު ބަލި އަލުން އިއާދަވުމާ ދޭތެރޭގައި ހޭދަވާ މުއްދަތު ދިގުވުމެވެ. ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރަން ޖެހޭ ވަރު މަދުވުމާއި ދޭ ބޭހުން ފައިދާކުރާ މިންވަރު އިތުރުވުމަކީ ވެސް އާއިލާތަކުގެ ބެލުމުގެ ދަށުން ފަރުވާ ކުރިއަށް ގެންދިއުމުގެ ފައިދާ އެކެވެ.

ނަފުސާނީ ބައެއް ބަލިތަކުން ރަނގަޅުވުމަށް ފަހުގައި ވެސް މީހުންގެ ފަރާތުން ފެންނަ ބައެެއް އަލާމާތްތައް ހުރެ އެވެ. އާއިލާގެ ގާތުގައި ބަހައްޓައިގެން ފަރުވާ ކުުރުމަކީ އެފަދަ އަލާމާތްތައް ވެސް މަދުކޮށްދޭ ކަމެކެވެ. ބަލި އަލުން އިއާދަވާން އުޅޭކަމުގެ އަލާމާތްތައް އަވަހަށް ދެނެގަނެވި އެކަމަށް ތައްޔާރުވުމާއި ބަލިމީހުންނަށް ކުރިމަތިވާ އެޕިސޯޑްތަކުގެ ގެއްލުން ކުޑަވުމަކީ ވެސް ފައިދާ އެކެވެ.

އެހެންވީމާ ނަފުސާނީ ބަލިމީހުންނަށް ފަރުވާ ކުރުމުގައި އާއިލާގެ ދައުރު ވަރަށް ބޮޑެވެ. މުހިއްމީ އަވަހަށް ގުރައިދުއަށް ފޮނުވައިލުމެއް ނޫނެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *