logo minivan

English

ބުދަ, 24 ޖުލައި 2024

ކުރުވާހަކަ – ވޭނުގާ…

އައިސޮލޭޝަން ސެންޓަރުގެ އައިސީޔޫގެ އެނދެއްގައި އޮތް ނިހާލާގެ ހަށިހަނޑުގައި ކިރިޔާ ފުރާނަހުރިކަމެވެ. މެޝިންތަކުގެ އެހީގައި ނޭވާލައްވަމުން ދިޔަ އެހަށިގަނޑުގައި އަޅަމުންދިޔަ ވޭނަކީ އެހެން މީހަކަށް ތަސައްވަރު ކުރެވޭނެ ވޭނެއްނޫނެވެ. ތަންމަތީގައި ބާއްވާފައޮތް ހަތަރުގަނޑު ކަށި ހެން މިއަދު ހީވިޔަސް ، އޭނާ އެނބުރި ކުރިން ހުރި ފުރިހަމަ ހާލަތަށް ދާނެ ކަމުގެ އުއްމީދު މީގެ ހަމަ ކުޑަ ދުވަސްކޮޅެއް ކުރިން ވެސް ކުރި އެވެ.

ނިހާލާއަށް ލޭގެ ކެންސަރު ޖެހިފައިވާކަން އެނގުނީ މީގެ މަސްތަކެއް ކުރިންނެވެ. އެއިރު އޭނަ ހުރީ އޮފީސް ދަތުރެއްގައި ރާއްޖެއިން ބޭރުގައެވެ. އާދައިގެ މަތިން އެރޭވެސް ފިރިމީހާ ވިޔާމްއާ ވީޑިއޯ ކޯލެއްގައި ހުރީ ، އުފަލަކުން ނޫނެވެ. އޭނާގެ ޝަކުވާތައް ބަންޑުން ކުރަމުން ދިޔަ އިރު ވިޔާމްގެ ބޮލަށް އުނދަގޫވާ ވަރުން އޭނާ ބެލީ ވާހަކަ ކުރުކޮށްލާފައި އަވަހަށް ފޯނުކަނޑާލެވޭތޯއެވެ. ނިހާލާ ކުރި ކޮންމެ ސުވާލަކަށް ވިޔާމް ދިނީ ކުރު ޖަވާބެކެވެ.

" އޭނާ ގުޅި ދޯ " ނިހާލާ ތަކުރާކުކޮށް އެހިއެވެ.

" ކިހާ ބޮޑު ކަމެއް . . . ކާކުހޭ ގުޅީ ؟ އާނ ގުޅި ، ދެނޯ ؟ ނިހާ ކީއްކުރާނީ ، ސަތޭކަ ފަހަރު ގުޅި " އެންމެ ފަހުން ވިޔާމްގެ ރުޅިގަނޑު ހައްދުން ނެއްޓި އެވެ. ބުނަން ނުޖެހޭ އެތައް އެއްޗެއް ވެސް ބުނެލިއެވެ.

ނިހާލާގެ މެޔަށް ހީވީ ހޫނުފެން އެއްޗެއް އަޅާލިހެންނެވެ. ވަށައިގެން ދުނިޔެ އެނބުރިގަތެވެ. ކުއްލިއަކަށް އޭނާ ހޭނެތިގެން ވެއްޓުނެވެ.

ވިޔާމް ވަގުތުން ނިހާލާ ހުރި ހޮޓެލްއަށް އެކަން އެންގިއެވެ. އަދި ނިހާލާއާ އެކު ދަތުރުގައި ބައިވެރިވި އޮފީސް މީހުނަށް ވެސް އެންގިއެވެ. ކެންސަރު ބަލި ހުރިކަން އެނގުނީ އެފަހަރު ނިހާލާ ހޮސްޕިޓަލަށް ގެންގޮސް ހެދިޓެސްޓުތަކުންނެވެ.

ނަމަވެސް އެއިރު ނިހާލާގެ އެތެރެ ހަށި ހަފާ ކަމުން ދިޔަނީ ކެންސަރު ބަލި އެކަންޏެއްނޫނެވެ. އެއަށްވުރެ ވަކި ކުޑަނޫން ޝައްކު ބަލި ވެސް މެއެވެ.

ނިހާލާއާ ވިޔާމް ކައިވެނި ކުރީ ރައްޓެހިވެގެން އުޅެތާ މާގިނަދުވަހެއް ނުވެއެވެ. ފުރަތަމަ ދުވަހުން ފެށިގެން ވެސް ނިހާލާ ވިޔާމް ދެކެ އިންތިހާއަށް ލޯބިވިއެވެ. ވިޔާމްއަށް ވެސް ނިހާލާ ދެކެ ލޯބިވެވުނީ އޭނާ ބޭނުންވާ އެތައް ރަނގަޅު ސިފައެއް ނިހާލާގެ ކިބައިން ފެނުމުން ނެވެ.

ނިހާލާ އަކީ ހިތްހެޔޮ ދީލަތި ކުއްޖެކެވެ. ކިޔަވައިގެން ހުރި ޒިންމާދާރު ވަޒީފާއެއް އަދާކުރާ ޒުވާނެކެވެ. ކުރިން ކައިވެންޏެއް ކުރިނަމަވެސް ބޭކާރު ގޮތުގައި ފިރިހެނުންނާ ވާހަކަދައްކާ އުޅޭ މީހެއްނޫނެވެ. އެހުރިހާ ކަމަކާ އެކު ވެސް ވިޔާމަށް އެންމެ ކަމުދިޔައީ ނިހާލާގެ ގެވެހިކަމާއި ސާފްތާހިރުކަމެވެ. ވިޔާމްގެ ރައްޓެހިން އޭނާއަކީ އޯސީޑީ ހުންނަމީހެކޭ ކިޔަނީ އޭނާގެ ތަރުތީބުކަމާއި ގަވައިދުބޮޑުކަމުންނެވެ. ކޮންމެ ކޮންމެ މީހަކަށް އޭނާއާ އެކު އެއްގެއެއް ހިއްސާކޮށްގެން އުޅެން ދަތިވާނެއެވެ. ނިހާލާގެ ގެވެހި ކަމުން އެކަން ވީ ވިޔާމްވަރަށް އުފާވިކަމަކަށެވެ.

ކައިވެނީގެ ކުރީކޮޅު ދެމީހުން ގެ ގުޅުން ވަރަށް ރަނގަޅެވެ. ދިރިއުޅުން ވަރަށް އުފާވެރިއެވެ. ބުރަކޮށް އުޅެން ޖެހުމުން އެކުގައި ހޭދަކުރާ ވަގުތު މަދުވާން ފެށިއެވެ.

ނިހާލާ އަކީ ސަރުކާރުގެ ވަޒީފައެއްގައި އުޅޭ މީހަކަށް ވުމުން ، އޮފީސް ގަޑި ނިމުމަށް ފަހު ގިނަވަގުތު ގޭގައި ހޭދަކުރަން ލިބެއެވެ. އެއާ ހިލާފަށް ވިޔާމް ކުރާ މަސައްކަތުގެ ގޮތުން އޭނާ ކޮންމެ އިރަކުވެސް އޮފީހާށް ދާންޖެހިދާނެއެވެ. ރޭގަނޑު ލަހުން ގެއަށް އާދެވެނީ، ދިވެހިންގެ އާންމު ދިރިއުޅުން ހުންނަގޮތުން، ވަޒީފާއާ މަސައްކަތާ ގުޅޭ ނުރަސްމީ ބައްދަލުވުންތަށް ބާއްވަން އެހެން މީހުނަށް ވަގުތު ވަނީ، ރޭގަނޑުގެ ލަސްގަޑިތަކުގައި ކަމަށްވާތީއެވެ. ނަމަވެސް އެފަދަ ކޮފީތައް ގިނަވުމުން ، ނިހާލާ ގެ ޝަކުވާތައް ގިނަވާންފެށިއެވެ.

ނިހާލާއަކީ ، އޭނާ އަމިއްލައަށް ދެކޭ ގޮތުގައި މާ ރީތި މީހެއްނޫނެވެ. ވިޔާމަށް އޭނާއަށް ވުރެ މާ ރީތި ކުދިން ވެސް ވާނެއެވެ. އަދި އޭނާ ގަބޫލުކުރާގޮތުގަ ކޮންމެ ފިރިހެނަކު ވެސް ބޭނުންވާނީ ރީތި އަންހެންކުދިންނެވެ. ނިހާލާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ދައްވުމުގެ ސަބަބުން، ފިރިމީހާއާ މެދު ޝައްކު ކުރެވެން ފެށިއެވެ. އޭނާގެ ކުރީގެ ފިރިމީހާ، އުޅުނު ގޮތް ހަނދާންވާ ކޮންމެ ފަހަރަކު ވިޔާމްގެ މައްޗައް ވެސް ޝައްކުކުރެވެއެވެ.

ނިހާލާގެ ޝައްކާއި ވަހުމް ދުވަހެއް ދުވަހަކަށް ދިޔައީ ބޮޑުވަމުންނެވެ. ސޯޝަލް މީޑިއާގައި ވިޔާމްގެ ހުރިހާ ރައްޓެހިންނާއި ރައްޓެހިންގެ ރައްޓެހިންނާއި ދަންނަހެން ހިވާ އެންމެނެގެ ތެރޭގައި ހިމެނޭ ހުރިހާ އަންހެން ކުދިން ސްޓޯކް ކުރުމަކީ ނިހާލާގެ ހޮބީ ކަމުގައި ވެއްޖެއެވެ.

ވިޔާމްގެ ފްރެންޑް ލިސްޓުގައި ހުރި ހުރިހާ އަންހެން ކުދިންގެ ވަނަވަރު އޭނާ ބެލިއެވެ. ކޮންމެ މީހަކީ ވެސް ވިޔާމްއާ، ކޮންމެވެސް ގުޅުމެއް އޮންނަ، ނުވަތަ އޮތް، ނުވަތަ ބާއްވަން ބޭނުންވާ ނުވަތަ ބާއްވަފާނެ މީހެއްކަމުގައި ނިހާލާއަށް ހީވިއެވެ.

ވިޔާމް އޮފީސް ދަތުރެއްގައި ތިންދުވަހަށް ރަށަކަށް ދިޔުން ވެގެންދިޔައީ، ނިހާލާގެ ހިތައް ކެތްނުވިކަމަކަށެވެ. އެރަށުގައި ނުލާހިކު ޒަމާނީ ރީތި ކުދިން އުޅޭކަން އޭނާ ދަނެއެވެ. އަދި ބޭރުން ދާ ފިރިހެނުންނަށް އެފަދަ ބައެއް ކުދިން ކިޔާ މަރުހަބާ އަކީ ތުންތުން މަތިން އޭނާ އަޑުއަހާ ވާހަކައެކެވެ. އިރު އިރު ކޮޅާ ފޯނުކޮށް ވީޑިއޯކޯލްކޮށް ވިޔާމް ދާނުދާތަނަކާއި އުޅޭނޫޅޭ ގޮތް ބަރާބަރަށް ބަލަމުން ދިޔައީ އޭނާގެ ހިތައް ކެތްނުވާތީއެވެ.

ކޮންމެ ގަޑިއަކު އެއްފަހަރު ގުޅައިގެން ވެސް އޭނާއަކަށް ނުފުދުނެވެ. ވިޔާމް އެނބުރި އަންނަން އޮތް ދުވަހުގެ ކުރީރޭ، ފޯން ޗާޖަށް ނުޖަހާ ނިދަން އޮވެވުނީ ހަނދާން ނެތިގެންނެވެ. ހެނދުނު ހޭލައިގެން ފޯނު ހުޅުވާލި އިރު ކަމަކުދާކަށް ނެތެވެ. އެތައް ސަތޭކަ ކޯލަކާއި މެސެޖެއް އޮތެވެ. އާއިލާގެ އެކި މީހުން ވެސް ގުޅާފައި ހުއްޓެވެ. ވިޔާމް ހާސްވިވަރުން ފުރަތަމަ ވެސް ގުޅީ މަންމައަށެވެ.

" ދަރިފުޅު އެންމެ އަވަހަށް އޮތް ފްލައިޓަކުން އާދޭ، ނިހާ އޮތީ ހޮސްޕިޓަލުގަ " މަންމަ އަވަސް އަވަހަށް ބުނެލިއެވެ.

" ކިހިނެއް ވީ މަންމާ، ނިހާއަށް ކިހިނެއް ވީ " ވިޔާމް ހުރީ ހާސްވެފައެވެ.

" ނިހާ ގުޅީ ފަތިހު، އޭނާ ރޮނީ، އިރުކޮޅަކުން ބުނެފި ވިޔާމްދެން ނާންނާނެއޭ، ދެންނޭގެ ވީގޮތެއް، ގޮވާ ގޮވާ ހަބަރު ނުވުމުން މަންމަ އެޕާޓްމަންޓަށް ވަން އިރު ނިހާ އޮތީ ވެއްޓިފަ ހަބަރު ހުސްވެފަ، މިހާރު އެކަމަކު ހޭ އަރައިފި، އަދިވެސް ރޮނީ ވާހަކައެއް ނުދައްކާ … ވިޔާމް އޭ ކިޔާ، ޝޮނާ އެކޭވެސް ކިޔާ "

މަންމަގެ ވާކަހަ އަޑުއިވިފައި ވެގެން އުޅޭގޮތް ވިޔާމަށް އެނގުނެވެ. އޭނާ ހައިރާންވެ ދެލޯބުޑުވިއެވެ. ނިހާލާގެ ޝައްކު އެހާ ބޮޑުވެދާނެކަމަކަށް ވިޔާމް ހިޔެއްނުކުރެއެވެ.

ޝޮނާލީ އަކީ ވިޔާމް ކުރަންދިޔަ މަސައްކަތާ ހަވާލުވި އޮފީހުގައި އުޅޭ އަންހެން މުވައްޒިފެކެވެ. ބައެއް ބައްދަލުވުންތަކުގައި އޭނާވެސް ބައިވެރިވިއެވެ. ނަމަވެސް އޭގެ އިތުރުން ވިޔާމްއެއްވެސް ގޮތަކަށް އެކުއްޖާއާ އަނގައިން ވެސް ނުބުނެއެވެ. ހަމައެކަނި ފޮޓޯއަކަށް އެރިކަމެވެ.

އެވަރަށް ޝައްކުބަލި ބޮޑު މީހަކާ އެކީ އުޅެވޭނީ ކިހިނެއްބާއޭ ވިޔާމްގެ ހިތައް އެރިއެވެ.

ނަމަވެސް ނިހާލާ ބެލި ޑޮކްޓަރުން ދެއްކި ވާހަކައިން ވިޔާމްއަށް މަޖުބޫރުވީ ނިހާލާއާ އިތުރަށް އާޅާލާށެވެ. އޭނާގެ ހަށިގަނޑުގައި ގޮތް ނޭގޭ ބައްޔެއް ހުރިކަމަށާއި، ފިކުރު ބޮޑުވާނަމަ ގޯސްވާނެ ކަމަށް ޑޮކްޓަރުން ބުންޏެވެ. ބައެއްފަހަރު ޖިސްމާނީ ބަލިމަޑުކަމެއްގެ ސަބަބުން ސިކުނޑިއަށް އަސަރުކޮށް، ޝައްކު ކުރުން ފަދަ ކަންކަން ހައްދުފަހަނަޅައިގެން ދަނީ ކަމުގައި ޑޮކްޓަރުން ބުންޏެވެ. އަދި އެފަދަ މީހުން އެކަނިކޮށް ބާކީ ނުކޮށް، ލޯތްބާއި އަޅާލުމާއި އިތުބާރު ހޯދާދީގެން ރަނގަޅުކުރެވޭނެކަމުގައިވެސް ބުންޏެވެ.

އޭގެ ފަހުން ނިހާލާ އަބަދުވެސް ބަލިވެއެވެ. ވިޔާމް ބެލީ އޭނާއަށް ވީ އެންމެ ރަނގަޅަކަށް ނިހާލާއާމެދު ކަންކަން ކުރެވޭތޯއެވެ.

ނަމަވެސް ދުރުގައި މާގިނައިރު ވިޔަސް ނިހާލާގެ ޝައްކު އިންތިހާއަށް ދެއެވެ.

އެފަހަރު ވެސް އެވީ އެހެންނެވެ. ނިހާލާ ސިންގަޕޫރަށް ދިޔައީ އޮފީސް ދަތުރެއްގައެވެ. އެދަނޑިވަޅު ވިޔާމްގެ އޮފީހަށް އަލަށް ވެއްދި އަންހެން ކުއްޖަކު އެފްބީއިން އޭނާ އެޑްކުރީއެވެ. ނިހާލާގެ ހާލު ގޯސްވީ އެހިސާބުންނެވެ. އެދެމީހުން ގެ ގުޅުމެއް އޮންނަކަމަށް އޭނާގެ ސިކުނޑިން ނިންމާލިއެވެ.

ހުވަފެނުގައި ފެނުނީ ވެސް ހަގީގަތެއް ކަމަށް ހެދިއެވެ. އެއަންހެން ކުއްޖާ ވިޔާމަށް ގުޅައިގެން ބައްދަލުކުރާކަން ހަގީގަތެއް ފަދައިން ނިހާލާ ގަބޫލުކުރިއެވެ.

އެނބުރި ރާއްޖެ އައި އިރު ނިހާލާގެ ކީމޯތެރަޕީ ފަށައިފިއެވެ. ސިންގަޕޫރުން ނެގި ޑޯޒާއި އެކު، އެނާއަށް ބޮޑެތި ބަދަލުތަކެއް އަޔެވެ. ބޮލުން އިސްތަށި ފައިބަން ފެށިއެވެ. ހަށިގަނޑުގައި އަޅާ ވޭން ބޮޑެވެ. ނަމަވެސް އެއަށް ވުރެވެސް ބޮޑީ އޭނާގެ ހިތަށާއި ސިކުނޑިއަށްކުރަމުންދިޔަ ވޭނެއެވެ.

ދުވަހެއް ދުވަހަކަށް ނިހާގެ ހާލު ދައްވަމުން ދިޔައެވެ. އައިޖީއެމްއެޗްގައި އެޑްމިޓްކުރެވުނު އިރު ވެސް ވިޔާމް ދިޔައީ ވަފާތެރިކަމާ އޯގާތެރިކަމާއެކު އަނބިމީހާއަށް ހިދުމަތް ކޮށްދެމުންނެވެ. ނިހާލާގެ ބަލިތަކަށް ހަމްދަރްދީވަތީއެވެ.

ނަމަވެސް ނިހާލާގެ ޝައްކަކަށް ބަދަލެއް ނާދެއެވެ. ޝަކުވާތައް އިރުރިވިއެވެ.

" ވިޔާމް ދެން އެހެން މީހަކާ އިންނަންވީނުން ތިވަރުން… އަހަރެން މަރުވުމުގެ ކުރިން ވިޔާމް އެހެން މީހަކާ އިންނަންވީނުން " އެހެން ބުނި ނަމަވެސް ބަލި ރަނގަޅު ވުމުގެ އުންމީދު ނިހާލާ ވެސް އަދި ވިޔާމް ވެސް ކުރިއެވެ.

" އެނަރުސްކުއްޖާ އާ ދިމާއަށް ދޯ ތިބަލަނީ … މަށަށް އެނގޭ އޭނާ އުޅެނީ މަ މަރުނުވެގެން ކަން، ވިޔާމް އާ ގުޅޭ ހިތުން .."

ބައެއް ފަހަރު ނިހާލާ ދައްކާ ވާހަކަ އިން ވިޔާމް ރުޅިނާންނަން ހުއްޓަސް ރުޅި އާދެވެއެއެވެ.

" މަ ނޫޅެމޭ މީހަކާ އިންނާކަށް، ނިހާ ގަބޫލުކޮށްބަ ، މަ ލޯބިވަނީ ވެސް އެކީ އުޅެން ބޭނުމީ ވެސް ނިހާ އާ އެކީ އެކަނި ، ނިހާ ހުއްޓަސް ނެތަސް އެހެން މީހެއް ބޭނުމެއް ނޫން " ވިޔާމް އެހެން ބުނި އިރު ނިހާ އަށް އަޑު އިވުނު ނަމަ ވެސް ގަބޫލެއް ނުކުރެއެވެ.

އުނދަގޫ ބޮޑު، އެހާ ބަލި އަންހެނަކާ އެކު އުޅެން ބޭނުންވާނީ ކާކުހެއްޔެވެ.

ނިހާލާ އެނދުމަދިވެފައި އޮތް ދުވަސްތަކުގައި އޭނާގެ ހާލު ދިޔައީ ގޯސްވަމުންނެވެ. އެދުވަސްވަރަކީ ކޯވިޑް 19 ގެ ބަލިމަޑުކަން އެންމެ ބޮޑަށް ފެތުރި، ލޮކްޑައުން ކުރި ދުވަސްވަރެވެ. ނިހާލާ އޮތް ވޯޑުގައި ކޯވިޑް ފެތުރުނީ ކުއްލިއަކަށެވެ. ކުރިންވެސް އެތައް ވޭނެއް އަޅަމުން ދިޔަ ނިހާލާގެ ހަށިގަނޑަށް އެ ނުރައްކާތެރި ބަލިން ސަލާމަތެއް ނުވެވުނެވެ. އެކަހެރި ކޮށް އައިސޮލެޝަނަށް ގެންދިއުމުން، ސައުވީސް ގަޑި އިރު ނިހާލާގެ ބޮލުގައި އެނބުރެނީ، ވިޔާމްގެ ހިޔާލެވެ. ވިޔާމްގެ ހަނދާންތަކެވެ. ލޮލުކުރިމަތިން ހަގީގަތެއް ހެން ފެންނަމުން ދިޔައީ ވިޔާމް އޭނާއަށް ބޭވަފާތެރިވާ މަންޒަރެވެ.

އެއީ ކެތްކުރަން ދަތި ވޭނެކެވެ. އެވޭނުގައި ނިމިގެން ދިޔަ އިރު ވެސް ނިހާލާއަށް ހަގީގަތާއި ވަހުމް ވަކިކުރާކަށް ނޭނގުނެވެ. އޭނާގެ 'ޕެރަނޯއިޔާ' ބުނަމުން ދިޔައީ އަބަދުވެސް އޭނާގެ ދިރިއުޅުން ހަލާކުކޮށްލަން އެންމެން އުޅެނީ ކަމުގައެވެ. – ނިމުނީ –

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *