logo minivan

English

ބުދަ, 24 ޖުލައި 2024

ގުދަނެއްގެ މިލްކުވެރިކަމާ މެދު ޔޫތު މިނިސްޓްރީއާއި ސިޓީކައުންސިލުގެ އަރައިރުމެއް

އިއްޔެ މާލެ ސިޓީ ކައުންސިލުން ވަދެ މުދާ ނަގާފައި ވަނީ ޔޫތް މިނިސްޓްރީގެ ގުދަނަކުން ކަމަށް ބުނެ އެމިނިސްޓްރީއިން ނޫސް ބަޔާނެއް ނެރެފައިވަނިކޮށް، އެތަނަކީ މާލެ ސިޓީ ކައުންސިލުގެ ތަނެއް ކަމަށް އެ ކައުންސިލުން ވެސް އަނެއްކާ ބަޔާން ނެރެފި އެވެ.

ޔޫތު މިނިސްޓްރީއިން ބުނީ، 353 ވަނަ ނަމްބަރު ކޮށްޓަކީ ކުޅިވަރުގެ ބޭނުންތަކަށް ކަނޑައަޅައި މޭ 15، 2019 އިގައި އެ މިނިސްޓްރީ އަށް ޕްލޭނިން މިނިސްޓްރީން ދޫކޮށްފައިވާ ބިމެއް ކަމަށެވެ. އެ ބިމުގެ "ޑިވެލޮޕްމަންޓް ކޮންޓްރޯލް" ނޮވެމްބަރު 27، 2019 ގައި ޕްލޭނިން މިނިސްޓްރީން ޔޫތު މިނިސްޓްރީ އަށް ދީފައިވާ ކަމަށް ޔޫތު މިނިސްޓްރީއިން ނެރުނު ބަޔާނުގައި ވެއެވެ.

އަދި ޖެނުއަރީ 16، 2022 ގައި ޕްލޭނިން މިނިސްޓްރީއިން އެމިނިސްޓްރީއަށް ފޮނުވި ޗާޓުގައި ވެސް އެ ބިމަކީ އެ މިނިސްޓްރީއާ ހަވާލުކޮށްގައިވާ ބިމެއްކަން ސާފުކޮށް އެނގޭކަމުގައި ޔޫތު މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ޕްލޭނިން މިނިސްޓްރީން ބިން ހަވާލުކުރި ކަމުގެ ސިޓީގެ އިތުރުން، އެ ބިމުގައި ހަދަން ނިންމާފައިވާ ސްޕޯޓްސް ސެންޓަރުގެ ކުރެހުން ފާސްކުރުމާ ގުޅޭ ގޮތުން ޔޫތު މިނިސްޓްރީ އާއި ސިޓީ ކައުންސިލާ ދެމެދު އެކި ތާރީހުތަކުގައި ބަދަލުކޮށްފައިވާ ސިޓީތައް ވެސް ޔޫތު މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި، މާލެ ސިޓީ ކައުންސިލާ ދެމެދު 2019 އިން ފެށިގެން ކޮށްފައިވާ މުއާމަލާތުތަކަށް ބެއްޔަސް އެއީ މިނިސްޓްރީގެ ބިމެެއްކަން ކައުންސިލަށް އެނގޭނެ އެވެ.

" މި މުއާމަލާތްތައް ހިނގަމުން ދިޔައިރު، މި ބިމަކީ މާލެ ސިޓީ ކައުންސިލްގެ ބިމެއް ކަމަށް އެންމެ ފަހަރަކު ވެސް ސިޓީ ކައުންސިލުން ދަންނަވާފައި ނުވާ ކަން ފާހަގަކުރަމެވެ،" ޔޫތު މިނިސްޓްރީގެ ބަޔާނުގައި ވެ އެވެ.

ޔޫތުް މިނިސްޓްރީއިން އެހެން ބުނަމުން ދަނިކޮށް މިއަދު އަނެއްކާ ވެސް މާލެ ސިޓީ ކައުންސިލުން ޔޫތު މިނިސްޓްރީގެ ބަޔާން ދޮގުކޮށް، ބަޔާނެއް ނެރެފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މާލޭގެ 353 ނަންބަރު ކޮށީގައި ހިމެނޭ ބިމަކީ މާލޭ ސިޓީ ކައުންސިލްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ، މާލޭ ހިޔާ ފުލެޓުތައް ހުރި ބިމަކަށްވާއިރު އެ ބިން ނުވަތަ އެބިމުގެ ބައެއް ޔޫތު މިނިސްޓްރީއަށް ދީފައިވާ ކަމަށް ބުނެ ނެރެފައިވާ ނޫސްބަޔާނަކީ ކަމުގެ ހަގީގަތް އޮޅުވާލުމުގެ ބޭނުމުގައި ނެރެފައިވާ ނޫސްބަޔާނެއްކަމުގައެވެ.

" ޔޫތު މިނިސްޓްރީއަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން ޔޫތު މިނިސްޓްރީއަށް އެ ބިމުގެ އެއްވެސް މިންވަރެއް ދީ އަދި އެ ބިން ހަވާލުކޮށްފައިވެސް ނުވާނެއެވެ. " މާލެ ސިޓީ ކައުންސިލުން ބުންޏެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ ،އެ ބިމުގެ އެއްވެސް މިންވަރެއް ޔޫތު މިނިސްޓްރީގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިނުވާއިރު އެއްވެސް ކަމެއްކުރުމަށް އެއްބަސްވުމެއްގެ ދަށުންވެސް އެއްވެސް މިންވަރެއް ހަވާލުކުރިކަމުގެ ލިޔުމެއް އެ ކައުންސިލުގައި ފެންނަން ނެތްކަމުގައެެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *