logo minivan

English

އަންގާރަ, 23 ޖުލައި 2024
Photo: Marriage.com

ގޭޭސްލައިޓިންއާ ދެކޮޅަށް ކުރެވިދާނެ 10 ކަމެއް!

ގޭސްލައިޓިން އަކީ ޖަޒުބާތީ ގޮތުން އޮޅުވާލެވޭ އޮޅުވާލެވުމެކެވެ. ގޭސްލައިޓް ކުރާ މީހުން ހަދާގޮތަކީ، އަނެކާގެ މައްޗައް ނުސިދާގޮތުން ބާރުފޯރުވާ އޭނާ އަކީ އާރެއް ބާރެއް ނެތް މީހެއްކަން އިހުސާސް ކުރުވާ، އޭނާގެ ނަފްސު ކުއްވެރިކުރުވާ ގޮތަށް އޭނާގެ ޖަޒުބާތުތަކުގެ މައްޗައް ވެރިވެގަންނަނީއެވެ. އޭނާ އަށް ހީވާނީ އެއީ ހަގީގަތެއްކަމަށެވެ. ކުއްވެރިވަނީ އޭނާ ކަމަށެވެ. ގޭސްލައިޓް ކުރާ މީހުން އަނެކާއަށް ހަގީގަތް އޮޅުވާލާނެއެވެ.

މިސާލަކަށް ގޭސްލައިޓް ކުރާ މީހުން މިފަދަ ޖުމްލަތައް ބޭނުންކޮށްގެން އަނެކާގެ ސިކުނޑިއާ ކުޅެލައެވެ. ހަގީގަތް ނޫން ގޮތަށް ގަބޫލުކުރަން މަޖުބޫރުކުރުވައެވެ.

"އަހަރެން ދުވަހަކުވެސް އެގޮތަށް ނުބުނަން."

"އަހަރެން އެކަން ކުރީ ކަލޭދެކެ ލޯބިވާތީ/ ރަނގަޅަކަށް"

"އަހަންނަކަށް ނޭނގެ ކީއްވެގެން ކަމެއް އެކަން ތިހާ ބޮޑުތިކުރަނީ "

"ތި އުޅެނީ މާ މައުސޫމު ވެގެން "

"ތިއީ ޑްރާމާ "

"މައްސަލަ އަކީ ތިއީ، އަހަންނެއްނޫން ނޫން "

"އަހަރެންދެކެ ލޯބިވިނަމަ…"

" ވަޒީފާ އަށް ވަފާތެރިވާ ނަމަ .. "

"ތިއީ ބޮޑު މޮޔައެއް "

" ކަލޭގެ މައްސަލަ އެއް "

ގޭސްލައިޓް ކުރުމުގެ ޝިކާރައަކަށް ވެފައިވާނަމަ އެއީ ކިހާ ފަނާކުރަނިވި ކަމެއްކަން އިހުސާސްވާނެއެވެ. ގޭސްލައިޓިން އާ ދެކޮޅަށް އަމިއްލައަށް ކުރެވިދާނެ ބައެއްކަންކަން ހުރެއެވެ.

އޮގޮތުން :

  1. ހިތްބުނާ ކަންކަމަށް އިތުބާރު ކުރުން

ގޭސްލައިޓު ކުރާ މީހުންނަކީ އަމިއްލަ ނަފްސާއި މެދު ސުވާލު އުފައްދާލާ ވަރަށް މީހާ އޮޅުވާލާ ބަޔަކަށް ވާ އިރު އެފަދަ މީހުންގެ ކިބައިން ރައްކާތެރިވުމަށްޓަކާ ތިމާގެ އަމިއްލަ އަށް އިހުސާސްވާ ގޮތް ނުވަތަ އަމިއްލަ ޒަމީރު ބުނާގޮތް ގަބޫލުކުރުން ވަރަށް މުހިންމެވެ. އަމިއްލަ ބުއްދިން ވެސް ވިސްނޭކަން ގަބޫލުކުރުން މުހިންމެވެ.

2. ޖާނަލްއެއް ގެންގުޅުން ނުވަތަ ހެކި ރައްކާކުރުން

ގޭސްލައިޓްކުރާ މީހުން އަނެކާއަށް އޮޅުވާލުމަށްޓަކާ، ކުރިން ބުނެފައިވާ ވާހަކަތައް ނުވަތަ ކޮށްފައިވާ ކަންކަމަށް އިންކާރު ކުރަން މަސައްކަތް ކޮށްފާނެއެވެ.

އެހެންވެ އެފަދަ މީހުން ބުނާއެއްޗެއްސާއި ކުރާ ކަންކަން ތާރީހާއި ގަޑި އެނގޭގޮތަށް ލިޔެލުން ނުވަތަ ފޯނުގެ އަލްބަމެއްގައި ނަމަވެސް ރައްކާކުރުމަކީ ފަހުން  ބޭނުންވެއްޖެނަމަ އެފަދަ މީހަކާ ދެކޮޅަށް ބެލޭ ހެއްކަކަށް ވާނެއެވެ. އެއްކުރެވެން  އޮތް ލިޔުމެއް ނަމަ ފޮރުވާށެވެ. މިސާލަކަށް އީމެއިލް، ޗެޓްލޮގް، މެޖެސް ނުވަތަ ވާހަކަތަކުގެ ރެކޯޑިން ހިމެނެއެވެ.

3. އެހެން މީހެއްގެ އެހީ ހޯދުން

ގޭސްލައިޓިން އަކީ އެކަނިވެރި ތަޖުރިބާއަކަށް ވެ، އެކަހެރިކަމާއި އޮޅުންބޮޅުން އިހުސާސް ކުރަން ޖެހިދާނެތީ،  އިތުބާރުކުރާ ރައްޓެހިން ނުވަތަ އާއިލާގެ މެމްބަރުންނާ ވާހަކަ ދެއްކުމަކީ މުހިންމުކަމެކެވެ.

އެހީތެރިވެދޭނެ ސަޕޯޓް ސިސްޓަމެއް  ހޯދުމަކީ މުހިންމު ކަމެކެވެ.

4 . އަމިއްލައަށް ބަލާ ހޯދާ އުނގެނުން

ގޭސްލައިޓަރުން އެމީހުންގެ ޝިކާރައަކަށްވާ މީހުން މެނިޕުލޭޓް ކުރުމަށް ތަފާތު އުކުޅުތައް ބޭނުން ކުރެ އެވެ. މި އުކުޅުތައް ވިސްނޭ ވަރަކަށް އެމީހުންގެ ކިބައިން އަމިއްލަ ނަފްސު ދިފާއު ކުރެވޭނެ އެވެ. ފޮތްތަކާއި ލިޔުންތައް ކިޔައި، ނުވަތަ ގޭސްލައިޓިން  އާއި ބެހޭ ވީޑިއޯތައް ބަލާށެވެ. އިލްމަކީ ބާރެއްކަމަށް ވާއިރު މިކަންވެސް އެނގިގެން ހުރުމުން އަނެއްމީހާއަށް ތިމާގެ މައްޗަށް ބާރުފޯރުވަން އުނދަގޫވާނެއެވެ.

5 . ވަކި ހުދޫދުތަކެއް ކަނޑައެޅުން

ގޭސްލައިޓުކުރާމީހުން ގިނަ ފަހަރަށް ބައުންޑަރީސް ހުރަސްކުރެއެވެ. ތިމާގެ ދިރިއުޅުމުގައި ހުރިހާކަމެއްގައި ވެސް އަނެކާއަށް ބާރުފޯރުވޭނެ ވަކި ހައްދަކާއި ހުދޫދެއް ކަނޑައަޅާށެވެ. ބަލައިނުގަނެވޭނެ ކަންކަމަކީ ކޮބައިކަން އަދި އެކަންކަން ކޮށްފިނަމަ ނަތީޖާއަކީ ކޮބައިކަން ގޭސްލައިޓުކުރާ މީހާއަށް އެނގޭނެ ގޮތް ހަދާށެވެ.

6. އެފަދަ މީހުނާއި ޖަދަލު ކޮށް ޒުވާބުކޮށް ނުހެދުން

ގޭސްލައިޓަރުން ގިނައިން ޖަދަލުކުރަނީ އެމީހުންގެ ޝިކާރައަކަށްވާ މީހުން މެނިޕުލޭޓް ކުރުމަށެވެ. ގޭސްލައިޓަރަކާ އެކު ޒުވާބު ކުރުމަކީ އޭނާއަށް އެކަން ކުރަން ދެވޭ ފުރުސަތެކެވެ. އެފުރުސަތު ނުދޭށެވެ.

  1. އަމިއްލަ ނަފްސަށް އަޅާލުމާއި އަމިއްލަ ވަގުތު ހޭދަކުރުން

ގޭސްލައިޓިން އަކީ ޖަޒުބާތުތަކާ ގުޅިފައިވާކަމަކަށްވާތީ އަމިއްލައަށް ވަގުތު ހޯދައި ނަފްސު ރިލެކްސް ކުރުމަކީ ޖަޒުބާތުތައް ހަމަޖެއްސުމަށްޓަކާ ކުރަން މުހިންމުކަމެކެވެ. ގޭސްލައިޓް ކުރުމަކީ ޖިސްމާނީ އަދި ނަފްސާނީ ސިއްހަތަށް ގެއްލުން ލިބިދާނެކަމެކެވެ. އެހެންވެ، ރަނގަޅަށް ކެއުމާއި، ގަވާއިދުން ކަސްރަތު ކުރުމާއި، އެކަށީގެންވާ ނިދި ލިބުމާއި، ކުރާހިތްވާ އުފާލިބޭކަންކަން ކުރުން މުހިންމެވެ.

  1. ޖަޒުބާތުތައް ކޮންޓްރޯލްކުރުމާއި ވަރުގަދަ ސްޓޭންޑެއްގައި ހުރުން

މާ ބޮޑަށް ޖަޒުބާތީ ވާނަމަ ގޭސްލައިޓް ކުރާ މީހާއަށް މެނިޕިއުލޭޓް ކުރަން ފަސޭހަވެއެވެ. އެހެންކަމުން އަމިއްލަ ޖަޒުބާތުތައް ކޮންޓްރޯލް ކުރާށެވެ. އަދި އަމިއްލަ ނަފްސަށް ތެދުވެ، އުނދަގޫވާ ވަގުތުތަކުގ ވެސް ތެދުވެ ވާހަކަ ދައްކާ، ސާބިތުކަން މަތީ ދެމިހުންނާށެވެ. އެނަކާއަށް ތިމާގެ މައްޗަށް ބާރުފޯރުވުނަ ނުދޭށެވެ.

  1. އަމިއްލަ ނަފްސު ކުއްވެރި ނުކުރުމާއި އަމިއްލައަށް ގޭސްލައިޓްކުރުމުގައި ބައިވެރި ނުވުން

ގޭސްލައިޓް ކުރާ މީހުން ނިކަންމޮޅަށް އަނެކާގެ ނަފްސަށް އޮޅުވާލާނެއެވެ. ކުއްވެރިވަނީ ތިމާ ކަމަށް ހީކުރުވާނެވެ. ގިލްޓް ޓްރިޕް ވެސް ކުރާނެއެވެ. އެ މަޅީގައި ނުޖެހޭށެވެ. އެމީހުންގެ އަމަލުތަކުގެ ޒިންމާ ނަގަންޖެހޭނީ ހަމަ އެމީހުންކަން ހަނދާން ކުރާށެވެ، އެއީ އަމިއްލަ ކުށެއްނޫނެވެ.

ގޭސްލައިޓިން އަކީ ވިހަ ކަމެއްކަން ދަނެ އަމިއްލައަށް އެކަމުގެ ތެރެއަށް ނުވަންނާށެވެ. ބަދަލު ހިފުމަށް ވިޔަސް ވުވަތަ ދަސްވި ކަމަކަށް ވިޔަސް އެކަން އެހެންމީހަކާ ދޭތެރޭ ވެސް އަދި ގޭސްލައިޓް ކުރި މީއާދޭތެރޭ ވެސް ނުކުރާށެވެ.

  1. ފިޔަވަޅު އެޅުން

ގޭސްލައިޓިންގެ ޝިކާރައަކަށް ވެފައިވާނަމަ ، އެކަމާ މެދު ފިޔަވަޅު އަޅާށެވެ. އެގޮތުން ގޭސްލައިޓް ޖެހުމުން ކުރާ ޖަޒުބާތީ އަސަރުތަކާ ކުރިމަތިލުމަށް އެހީތެރިވެދޭނެ ތެރަޕީ ހޯދުމަކީ މުހިންމުކަމެކެވެ. ޕްރޮފެޝަނަލް ނަފްސާނީ އެހީތެރިއެއްގެ އެހީ ހޯދާށެވެ.

ދެވަނަ ކަމެއްގެ ގޮތުން ކަމާ ބެހޭ އިދާރާތަކުގެ އެހީ ނުވަތަ ގާނޫނީ އެހީ ހޯދާށެވެ. މިސާލަކަށް މަސައްކަތުމާހައުލުގައި އެކަން ތަޖުރިބާ ކުރާނަމަ، ޓްރައިބިއުނަލް އަށް ހުށަހެޅިދާނެއެވެ. ގޭގައި ދިމާވާނަމަ ނަފްސާނީ ގެވެށިއަނިޔާގެ ގޮތުން  ރިޕޯޓްކުރެވިދާނެއެވެ.

ގޭސްލައިޓިންގ ގެ ސަބަބުން ބާރެއް ނެތް ކަމާއި އެއްވެސް އެހީތެރިކަމެއް ނެތް ކަމުގެ އިހުސާސް ކުރެވެއެވެ. އެކަމާއި މެދު ފިޔަވަޅު އެޅުމަކީ އަމިއްލަ ނަފްސުގެ މައްޗައް އިތުބާރު ލިބި އަލުން ކޮންޓްރޯލް ލިބިދޭނެ ކަމެކެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *