ގިނަ ވައްތަރުތަކެއްގެ މާމުއި ހުންނައިރު، މާމުއަކީ މާމަލުގެ ފޮނި ނަގައިގެން މާމުއި ކުޅަދުރު އޭގެ ހަތާގައި އުފައްދާ ދިޔާ އެއްޗެކެވެ. މާމުއިގެ އެކި ފައިދާ ތަކަކީ ޒަމާނުއްސުރެ އެންމެން ވެސް ދަންނަކަންކެމެވެ. އެ ގޮތުން މާމުއަކީ ފޮނި އެއްޗެއްގެ ގޮތުގައި ބޭނުންކުރާ ގުދުރަތީ އެއްޗަކަށް ވުމުގެ އިތުރުން، އެމިނޯ އެސިޑް، ވިޓަމިން، މިނަރަލްސް، އަޔަން، ޒިންކް އަދި އެންޓިއޮކްސިޑެންޓްސް ގިނައިން ހުންނަ އެއްޗެކެވެ. އާންމުކޮށް ކެއްސުމަށާއި ހަމުގެ ފަރުވާތަކަށް މާމުއި ބޭނުން ކުރެއެވެ.
މާމުއަކީ އަންނަނިވި ފައިދާތައް ހިމެނޭ އެއްޗެއްކަން މިހާރު ދިރާސާތަކުން ކަށަވަރު ވެފައިވާކަމަށް، މާޔޯ ކްލިނިކް ފަދަ އިތުބާރުހިފޭ ފަރާތްތަކުން ބުނެއެވެ.
ކާޑިއޯ ވެސްކިއުލަރ ބަލިތަކަށް ފަރުވާއެއް
މާމުއިގައި ހިމެނޭ އެންޓިއޮކްސިޑެންޓްތަކަކީ ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ އެއްޗެއްކަމަށް ދިރާސާތައް ބުނެއެވެ.
ކެއްސުންމަށް ލިބޭ ލުޔެއް
ދިރާސާތަކުން ދައްކާ ގޮތުގައި މާމުއިގެ ގިނަވައްތަރުތަކަކީ ނޭވާލާ ނިޒާމުގެ އިންފެކްޝަންތަކާއި ރޭގަނޑުގެ ވަގުތުތަކުގައި ސީރިއަސް ކެއްސުން ހުންނަ ބައެއް މީހުންނަށް އިތުބާރު ހުރި ފަރުވާއެކެވެ.
ގޭސްޓްރޯއިންޓެސްޓިނަލް ބަލިތަކަށް ފަރުވާއެއް
މާމުއިގެ ސަބަބުން ގޭސްޓްރޯއެންޓަރައިޓިސް އާއި ގުޅުން ހުރި ބޭރަށްހިންގުން ފަދަ ގޭސްޓްރޯއިންޓެސްޓިނަލް ޓްރެކްޓްގެ ހާލަތްތަކަށް ލުއި ލިބިދާނެ ކަމަށް ދިރާސާތަކުން ބުނެއެވެ. އަދި އޯރަލް ރީހައިޑްރޭޝަން ތެރަޕީގެ ބައެއްގެ ގޮތުގައި ވެސް މާމުއި ބޭނުންކުރެއެވެ.
ނާރުގެ ބަލިތަކަށް ލުއި ލިއްބައިދޭ
ދިރާސާތަކުން ދައްކާ ގޮތުގައި މާމުއަކީ ހަނދާނާ ގުޅިފަ ހުންނަ އުނދަގޫތަކަށް ލުޔެއް ލިއްބައިދޭ އެއްޗެއްގެ އިތުރުން އެންޓި ޑިޕްރެސެންޓް ގެ ބައި އެކުލެވޭ އެއްޗެއް ވެސްމެއެވެ.
ޒަހަމްތަކަށް ފަރުވާ އެއް
ފިހިފައި ހުންނަތަންތަނަށް އަރާމުލިއްބައިދީ ހަމުގެ އެހެނިހެން ބަލިތަކަށް ވެސް ލުއެއް ހޯދުމަށް މާމުއި ބޭނުން ކުރެއެވެ. އެގޮތުން އެކްޒީމާގެ ފަރުވާއަކަށް ވެސް މާމުއި އުނގުޅާއުޅެއެވެ.
މީގެ އިތުރުން ވެސް ސިއްހީ އެހެނިހެން ބޭނުންތަކަށް މާމުއި ބޭނުންކޮށްއުޅެއެވެ.
ކޮންމެ އެއްޗެއް ކޮންމެ ކަމަކަށް ބޭނުންކުރިޔަސް އޭގެ ފައިދާތައް ވާ ފަދައިން ކޮންމެވެސް ވަރެއްގެ ގެއްލުން ލިބުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތުން މާމުއި ވެސް މާ ގިނައިން ބޭނުންކޮށްފިނަމަ ނުރަނގަޅު ނަތީޖާ ނިކުތުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ބޮޑެތި ބަލިތަކުގެ ޝިފާއެއްކަމަށް ދެކި މިފަދަ އެއްޗެއް ބޭނުންކުރަންވާނީ ޑޮކްޓަރެއްގެ ލަފާ ހޯދައިގެންނެވެ.