ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމުއަށް ވ. އާރަށު މައްސަލާގައި ކުރިމިނަލް ކޯޓުން އިއްވާފައިވާ ޙުކުމާއި ގުޅުވައި، އެޙުކުމަކީ "ޙަރާމް" ޙުކުމެއްކަމުގައި ބުނެ، ޗެނަލް 13 އިން ބާއްވަމުންދާ ޤާނޫނީ ވަކީލުންގެ ޕެނަލް ޑިސްކަޝަންގައި ކޯޓުގެ ޙުރުމަތް ކަނޑައިފިއެވެ.
ޗެނަލް 13 އިން ގެނެސްދޭ ޕެނަލް ޑިސްކަޝަނަކީ ރައީސް ޔާމީންއަށް ކުރިމިނަލް ކޯޓުން އިއްވާފައިވާ ޙުކުމުގެ މައްޗަށް ފާޑުކިޔުމަށް ބާއްވާ ޕެނަލް ޑިސްކަޝަނެއްކަމުގައި ބެލެވޭއިރު، ޕެނަލް ޑިސްކަޝަންގައި ބައިވެރިވާ ޤާނޫނީ ވަކީލުން ކުރިމިނަލް ކޯޓުގެ ޙުރުމަތް ކަނޑައި ވާހަކަ ދައްކަމުން ދާކަމަށް ޤާނޫނީ ދާއިރާގެ ތަޖުރިބާކާރުން ބުނެއެވެ.
ކުރިމިނަލް ކޯޓުން ރައީސް ޔާމީނަށް އިއްވާފައިވާ ޙުކުމަކީ ޙަރާން ޙުކުމެއްކަމުގައި ބުނެ ޤާނޫނީ ވަކީލުން ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަމުންދާއިރު، އަދި، މިހާތަނަށް ރާއްޖޭގެ އެއްވެސް ޝަރުޢީ ކޯޓަކުން ރައީސް ޔާމީން މައްޗަށް ވ. އާރަށުގެ މައްސަލާގައި އިއްވާފައިވާ ޙުކުމް ބާޠިލުކޮށްފައެއް ނުވެއެވެ.
ޖިނާޢީ އިޖުރާއާތުގެ ޤާނޫނު ބުނާ ގޮތުން ކޯޓެއްގައި ހިނގަމުންދާ މައްސަލައެއްގެ މަރުޙަލާއެއްގައި ކޯޓުގެ އިޙްތިރާމާއި ޤަދަރު ގެއްލޭ ގޮތަށް ޢަމަލުކޮށްފިނަމަ އެއީ ކޯޓުގެ ޙުރުމަތް ކެނޑުންކަމުގައި ބެލެވޭނެއެވެ. މިއަދު، ރާއްޖޭގެ ޤާނޫނީ ވަކީލުންގެ ބެލެނިވެރިފަރާތަކީ ބަރ ކައުންސިލް ކަމުގައިވާއިރު، ޤާނޫނީ ވަކީލުންނަކީ ކޯޓުގެ ޙުރުމަތާއި ޤަދަރަށް އިޙްތިރާމް ކުރަންޖެހޭ ބަޔަކު ކަމުގައި ވާންޖެހޭނެކަމާއި، ކޯޓުގެ އިތުބާރު ގެއްލޭފަދަ އެއްވެސް އަމަލެއް އެއްވެސް ޤާނޫނީ ވަކީލަކު ކޮށްގެން ނުވާނެކަމުގައި ޤާނޫނީ ފަންނުގެ ޤާނޫނުގެ 46 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.
ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކުން އިއްވާފައިވާ ޙުކުމަކީ ޙަރާން ޙުކުމެއްގައި ބުނުމަކީ ކޯޓުގެ ޙުރުމަތް ކެނޑޭނެކަމެކެވެ. އެކަންކުރީ، ޤާނޫނީ ވަކީލަކު ކަމުގައިވާނަމަ، އެއީ އެވަކީލެއްގެ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބަރ ކައުންސިލުން ބަލަންޖެހޭނެ މައްސަލައެއްގައި ޤާނޫނީ ފަންނުގެ ޤާނޫނުގައިވެސް ބަޔާންކޮށްފައިވެއެވެ. ޤާނޫނީ ފަންނުގެ ޤާނޫނުގެ 54 ވަނަ މާއްދާގައި ބުނާ ގޮތުން،ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ހަމަތަށް ނެގެހެއްޓުމުގައި ޤާނޫނީ ފަންނުގެ ދާއިރާގެ އިތުބާރު ގެއްލޭފަދަ ޢަމަލެއްކޮށްފިނަމަ، އެކަން ބަރ ކައުންސިލުން އަމިއްލަ އިސް ނެގުމަށްވެސް ބަލަންޖެހޭނެއެވެ.
ވީމާ، ހަރާން ޙުކުމުގެ ނަމުގައި ޗެނަލް 13 އިން ބާއްވާ ޕެނަލް ޑިސްކަޝަންގައި ރައީސް ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން ވ. އާރަށު މައްސަލާގައި އިއްވާފަވާ ޙުކުމަކީ ޙަރާން ޙުކުމެއްކަމުގައި ބުނެ، ކޯޓުގެ ޤަދަރާއި ހައިބަތު ގެއްލޭ ގޮތަށް އަދި ޝަރުޢީ ދާއިރާގެ ޤަދަރާއި ހައިބަތު ގެއްލޭނެ ފަދައިން ވާހަކަ ދައްކާފައިވާ ޤާނޫނީ ވަކީލުންގެ މައްސަލަތަށް ބަރ ކައުންސިލުން ބަލަންޖެހޭނެއެވެ.