logo minivan

English

އަންގާރަ, 23 ޖުލައި 2024

އައިވީ ގުޅާފައިވާ ބަލި މީހަކު ވުޟޫކުރާނީ ކިހިނެއް؟

ބަލިމީހުންގެ ތެރޭގައި، އަމިއްލައަށް ތެދުވެ ހިނގާ ބިނގާވެ އުޅެވޭ މީހުންނާއި، މީހެއްގެ އެހީއާއެކު މެނުވީ ނުތެދުވެވޭ މީހުންނާއި، އެއްގޮތަކަށްވެސް ނުތެދުވެވޭ ޙާލުބޮޑު ބަލިމީހުންވެސް ތިބެއެވެ. އަދި ބަލީގެ ސަބަބުން ހަށިގަނޑުގެ އެތައް މިތަނަށް ގުޅާފައި ހުންނަ އެކި އެކި ޒާތްޒާތުގެ މެޑިކަލް ޑިވައިސްތަކާއި، ވުޟޫ ކުރާއިރު ދޮންނަން ޖެހޭ ގުނަވަންތަކުގައިވެސް، ހިއްޕާ ހަރުކޮށްފައި ހުންނަ މަލަން، ކަށި، ހޮޅި މިފަދަ ތަކެތި ހަރުކޮށްފައި ހުންނައިރު، އެފަދަ މީހުން ވުޟޫކުރާނީ ކިހިނެއްތޯ، މިއީ ވަރަށް ގިނަ މީހުން ކުރާ ސުވާލެކެވެ.

ވުޟޫކުރުމަށްޓަކައި ނުތެދުވެވޭ މީހަކު ވުޟޫކުރާނީ ކިހިނެއްތޯ؟ އެހެން މީހަކު ލައްވާ ބަލިމީހާގެ ގުނަވަންތަކަށް ފެންލައިދީ، ވުޟޫކުރުވައިދެވިދާނެތޯ؟ އެހެން މީހަކު ލައްވާ އޭނާ ތަޔައްމުމު ކުރެވިދާނެތޯ މިއީ ހައްތާވެސް ޖަވާބު ބޭނުންވާ ސުވާލުތަކެވެ؟

ނަމާދު ކުރުމަށްޓަކައި، ފެން ބޭނުންކޮށްގެން ކުޑަ ޙަދަޘުންނާއި ބޮޑު ޙަދަޘުން ޠާހިރުވުން، ޞިއްޙަތު ސަލާމަތުން ހުރި މީހުންގެ މައްޗަށް ވާޖިބުވެގެންވާ ފަދައިން، ބަލިމީހުންގެ މައްޗަށްވެސް ވާޖިބުވެގެންވެއެވެ. ކުޑަ ޙަދަޘްވެރިވެފައިވާނަމަ ބަލިމީހާވެސް ޖެހޭނީ ވުޟޫކުރާށެވެ. އަދި ބޮޑު ޙަދަޘްވެރިވެފައިވާނަމަ ބަލިމީހާވެސް ޖެހޭނީ ހިނައިގަންނާށެވެ. ވުޟޫކުރުމަށް ކުޅަދާނަވެގެންނުވާނަމަ، އެހެންމީހަކު ބަލިމީހާގެ ގުނަވަންތަކަށް ފެންލައިދީ ވުޟޫކޮށްދޭނީއެވެ. އަދި އަމިއްލައަށް ވުޟޫ ނުކުރެވޭ އަދި ތަޔައްމުމުވެސް ނުކުރެވޭ ޙާލަތުގައި އޮތްނަމަ އެހީތެރިޔަކު ބަލިމީހާއަށް ތަޔައްމުމު ކޮށްދޭނީއެވެ.

 

އަލްބަހޫތީ ރަޙިމަހުﷲ ކައްޝާފުލް ޤިނާޢި ގައި ވިދާޅުވެފައިވެއެވެ. “އެއްއަތް ނެތް މީހަކު ނުވަތަ އެފަދަ ޙާލަތެއްގައިވާ މީހަކު، މިސާލަކަށް ވާގިނެތޭ ބަލި ޖެހިފައިވާ މީހަކު، ނުވަތަ އަމިއްލައަށް ވުޟޫ ކުރުމުގެ ކުޅަދާނަކަން ލިބިފައިނުވާ ބަލިމީހަކު، މީހަކަށް އުޖޫރަ ދީގެންނަމަވެސް އޭނާ ވުޟޫކުރުމުގައި އަދި ހިނައިގަތުމުގައި އެހީތެރިވެދޭނެ މީހަކު އޭނާއަށް ލިބިއްޖެނަމަ، ފަހެ އޭނާ އެކަންކުރުން ހުއްޓެވެ. އެހެނީ އޭނާއަކީ ޞިއްޙަތު ސަލާމަތުން ހުރި މީހާ ފަދައިން، އަޅުކަން ކުރުމަށްޓަކައި ޠަހާރަތު ލިބިގަތުން ލާޒިމުވާ މީހެކެވެ.” “كشاف القناع” (1/103)

ފަހެ ބަލިމީހާ އެއްވެސް ގޮތަކަށް އޭނާ އަމިއްލައަށް ވުޟޫ ކުރުމަށް ކުޅަދާނަކަން ލިބިގެންނުވާނަމަ، އަދި އޭނާއަށް އޭނާގެ ގުނަވަންތަކުގައި ފެންލައި ވުޟުކޮށްދޭނޭ މީހަކު ނުވިނަމަ، އޭނާ ތަޔައްމުމު ކުރާނީއެވެ. ފާރުގައި އަތްޖައްސާފައި ނުވަތަ އެނދުގައި (ހިރަފުސް ހުރިނަމަ) އޭގައި އަތްޖައްސާފައިވިޔަސް އެންމެ ރަނގަޅެވެ. ނުވަތަ ތަޔައްމުމު ކުރުމަށްޓަކައި ތައްޓެއްގައި ނުވަތަ ކޮތަޅެއްގައި އޭނާއާއެކުގައި ވެލިކޮޅެއް ބަހައްޓާނީއެވެ. ތަޔައްމުމު ކުރުމަށްވެސް ކުޅަދާނަކަން ނުލިބުނު ނަމަ، އެ ޙާލަތުގައި ވުޟޫނެތި، ތަޔައްމުމު ނެތިވެސް ނަމާދުކުރާނީއެވެ.

އަލްބަހޫތީ ރަޙިމަހުﷲ ކައްޝާފުލް ޤިނާޢި ގައި ވިދާޅުވެފައިވެއެވެ. “ފަހެ އޭނާއަށް ވުޟޫކުރުމުގައި އެހީތެރިވެދޭނޭ މީހަކު ނުވަތަ ތަޔައްމުމު ކުރުމުގައި އެހީތެރިވެދޭނޭ މީހަކު ނުވިނަމަ، އެކަމަށް މީހަކަށް އުޖޫރަ ދިނުމުގެ ކުޅަދާނަކަން ބަލިމީހާގެ ކިބައިގައި ނެތްނަމަ، ނުވަތަ އެފަދަ މީހަކު އަގު ދީގެން ހޯދުމަށް ވެސް ބަލިމީހާ ނުކުޅެދުނު ނަމަ، އޭނާ އެ އޮތް ޙާލަތެއްގައި އޭނާ ނަމާދު ކުރާނީއެވެ.” “كشاف القناع” (1/103)

ބަލިމީހާއަށް ވުޟޫ ނުކުރެވޭނެމަ އެހެން މީހަކު އޭނާއަށް އެހީތެރިވާނީއެވެ. ބަލި މީހާ ވުޟޫ ކުރުމަށް އޭނާގެ އަތަށް ފެން އަޅައިދެވިދާނެއެވެ. ނުވަތަ ބަލިމީހާގެ ގުނަވަންތައް ދޮވެދެވިދާނެއެވެ.

ފަހެ، ނޭފަތާއި އަނގަޔަށް ފެން ލުން ދަންނައެވެ. ބަލިމީހާ އަމިއްލައަށް އެކަން ނުކުރެވޭނަމަ، އެކަމަށް ޢުޛުރުވެރިވާނަމަ ބަލިމީހާ އެދެކަންތައް ދޫކޮށްލުމަކުން މައްސަލައެއް ނެތެވެ. އެކަމަކު އެގޮތަށް ދޫކޮށްލައިފިނަމަ، ވުޟޫކޮށް ނިންމާފައި ތަޔައްމުމު ކުރަންވާނެއެވެ. އެހެނީ އޭރުން ވުޟޫގެ ގުނަވަނެއް ދޫކޮށްލެވުނީއެވެ. އަނގަޔާއި ނޭފަތަށް ފެންލުމާ ނުލައި ވުޟޫވެސް އަދި ހިނައިގަތުންވެސް ޞައްޙައެއް ނުވާނެއެވެ.

ތަޔައްމުމު އަމިއްލައަށް ނުކުރެވޭ ބަލިމީހާއަށް، ތަޔައްމުމު ކުރުމަށް އެހީތެރިވެވިދާނެއެވެ. އެހީތެރިޔާ ބިންމަތީގައި އަތްތިލަ އެއްފަހަރު ޖަހައި ބަލިމީހާގެ މޫނުގައި އެއްފަހަރު، އަދި ބަލިމީހާގެ ކަނާތުކުޑަހުޅުން ފެށިގެން އަތްތިލައިގެ ނުފުށުގައި އެއްފަހަރު، އަދި ވާތު ކުޑަހުޅުން ފެށިގެން އަތްތިލައިގެ ނުފުށުގައި އެއްފަހަރު، ފުހެދޭނީއެވެ.

 

ޚުލާޞާ

*  ބަލިމީހާއަށް ވުޟޫ ކުރެވޭނަމަ ވުޟޫ ކުރާނީއެވެ. އަދި ވުޟޫ ކުރުމަށް އުޛުރުވެރިވާނަމަ ތަޔައްމުމު ކުރާނީއެވެ.

*  ބަލިމީހާގެ ގައިގައި ބެންޑޭޖު ފަދަ އެއްޗެއް އަޅާފައިވާނަމަ، ވުޟޫކޮށްފައި އެ ބެންޑޭޖުގެ މަތިން ފެން ފުހޭނީއެވެ. އައިވީ ގުޅާފައިވާނަމަވެސް ޢަމަލު ކުރާނީ އެފަދައިންނެވެ. ފެން ޖެއްސުނު ހިސާބެއްގައި ޖައްސާފައި، އައިވީ ގުޅުމަށް އަތުގައި ހިއްޕާފައިވާ ހިއްޕުމުގެ މަތީގައި ފެން ފުހެލާނީއެވެ.

*  ބަލިމީހާ އަމިއްލައަށް ވުޟޫ ނުކުރެވޭ ނަމަ އެހެން މީހަކު އޭނާއަށް ވުޟޫ ކުރުމުގައި އެހީތެރިވާނީއެވެ. އެހެންމީހަކު އެހީތެރިވެގެންވެސް ވުޟޫ ނުކުރެވޭނަމަ، ބަލިމީހާ ތަޔައްމުމު ކުރާނީއެވެ. ބަލިމީހާ އަމިއްލައަށް ތަޔައްމުމު ނުކުރެވޭނަމަ ތަޔައްމުމު ކުރުމުގައި އެހެން މީހެއްގެ އެހީތެރިކަން ހޯދާނީއެވެ.

*  ބަލިމީހަކު ބޮޑު ޙަދަޘްވެރި ވެއްޖެނަމަ، އެބަހީ ޖުނުބުވެރިވެ ނުވަތަ ޙައިޟު ނިފާސްވެރި ވެމ ދެން ފަހެ އެކަން ނިމި އެކަމުން ޙަދަޘް އެރިގަންނަން ބޭނުން ވެއްޖެނަމަ، ހިނައިގަންނާނީއެވެ. ހަށިގަނޑުގެ ބައެއްގައި ފެން ޖެއްސޭނަމަ އެބައި ދޮންނާނީއެވެ. ދެން ތަޔައްމުމު ކުރާނީއެވެ. އެއްވެސް ވަރަކަށް ފެން ނުޖެއްސޭނަމަ އާދެ ހިނައިގަންނަން ކުޅަދާނަވެގެން ނުވާނަމަ ތަޔައްމުމުކުރާނީއެވެ. އޭރުން ހިނައިގަތް ފަދައެވެ.

* އެއް ވަޤުތެއްގައި ދެ ނަމާދު ޖަމްޢުކުރުމަކީ ބަލިމީހާއަށް ލިބިގެންވާ ލުއި ފަސޭހަކަމެކެވެ. މިގޮތުން އެއްވުޟޫއަކުން އެއްވަޤުތެއްގައި މެންދުރު ނަމާދާއި ޢަޞްރުނަމާދު އިސްކޮށް ނުވަތަ ފަސްކޮށް ޖަމްޢު ކުރެވިދާނެއެވެ. އޭރުން ކުރާނީ މެންދުރު ނަމާދުގެ 4 ރަކްޢަތްކޮށް ސަލާމް ދީފައި ޢަޞްރު ނަމާދުގެ 4 ރަކްޢަތެވެ. އަދި އެއްވުޟޫއަކުން އެއްވަޤުތެއްގައި މަޣްރިބް ނަމާދާއި ޢިޝާ ނަމާދު އިސްކޮށް ނުވަތަ ފަސްކޮށް ޖަމްޢުކުރެވިދާނެއެވެ. އޭރުން ކުރާނީ މަޣްރިބް ނަމާދުގެ 3 ރަކްޢަތްކޮށް ސަލާމްދީފައި ޢިޝާ ނަމާދުގެ 4 ރަކްޢަތެވެ.

ޝެއިޙް މުޙައްމަދު ޝާފއިޢުގެ ލިޔުމަކުން ނަގާފައި

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *