ޕާކިސްތާނުގެ ހުޅަނގު އުތުރުގައި ހުންނަ ކައުންޓަ ޓެރަރިޒަމް ފެސިލިޓީއެއްގައި ދެ ބޮމެއް ގޮވައި 12 މީހުން މަރުވެ 50 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ހައިބަރު ޕަހްތޫންހުވާ ޕްރޮވިންސްގައި އޮންނަ ސްވަޓް ވެލީގެ ކައުންޓާ ޓެރަރިޒަމް ޑިޕާޓްމަންޓް (ސީޓީޑީ) ގައި މި ހާދިސާ ހިނގާފައިވަނީ ހޯމަ ދުވަހުއެވެ.
ޝަރީފްﷲ ހާން ނަމަކަށް ކިޔާ ފުލުހުންގެ އޮފިޝަލަކު ވަނީ މި ހާދިސާގައި 12 މީހުން މަރުވެ 50 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާކަން ބައިނަލްއަގްވާމީ ނޫސްތަކަށް ކަށަވަރުކޮށްދީފައެވެ.
އޭނާ ވިދާޅުވީ ބޮން ގޮވީ ސީޓީޑީ އިމާރާތުގެ ބޭސްމަންޓްގައި ހުރި ގޮވާތަކެތި ހުރި ފުޅިއެއްގައި އަލިފާން ރޯވުމާ ގުޅިގެން ކަމަށެވެ. އެ ބިލްޑިން ކޮމްޕްލެކްސްގައި ކަބަލް ޑިސްޓްރިކްޓް ޕޮލިސް ސްޓޭޝަނާއި ރިޒާވް ޕޮލިސް ފޯސްގެ ހެޑްކުއާޓާސް ވެސް ހުރި ނަމަވެސް އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ސީޓީޑީ އިމާރާތަށެވެ.
ޕްރޮވިންސް ޕޮލިސް ޗީފް އަހުތަރު ހަޔާތު ވިދާޅުވީ އެއީ ގަސްދުގައި ދިން ހަމަލާއެއްތޯ ފުލުހުން ބަލަމުން އަންނަ ކަމަށެވެ.
މަރުވި މީހުންގެ ތެރޭގައި ގިނައީ ފުލުހުންގެ ކައުންޓަ ޓެރަރިޒަމް އޮފިސަރުން ކަމަށާއި އެ އިމާރާތުގެ ކައިރިން ހިނގާފައި ދިޔަ އަންހެނަކާއި އޭނާގެ ދަރިފުޅުވެސް ވެސް މަރުވެފައިވާ ކަމަށް ހަޔާތު ވިދާޅުވިއެވެ.
ހައިބަރު ޕަހްތޫންހުވާގެ ޕްރޮވިންޝަލް ރެސްކިއު ސާވިސްގެ ތަރުޖަމާނު ބިލާލް ފާއިޒީ ވިދާޅުވީ ޒަހަމްވި އިތުރު މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށެވެ.
ރީޖަނަލް ހޮސްޕިޓަލް އެޑްމިނިސްޓްރޭޝަނުން ބުނީ ޒަހަމްވި މީހުންގެ ތެރެއިން ބައެއް މީހުންގެ ހާލު ސީރިއަސް ކަމަށެވެ.
މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ހުޅަނގު އުތުރުގެ ސިޓީއެއް ކަމަށްވާ ޕިޝާވަރުގެ ފުލުހުންގެ ކޮމްޕައުންޑެއްގެ ތެރޭގައި ހުރި މިސްކިތެއްގައި ދިން ބޮމުގެ ހަމަލާގައި އިމާރާތް ވެއްޓި 80 އަށް ވުރެ ގިނަ ފުލުހުން މަރުވެ، ނަމާދުކުރަން ތިބި ބަޔަކަށް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބިފައެވެ.