ދިވެހި ރައްޔިތުންނަށް ޗަމްޕާ ބްރަދާސްގެ ފަރާތުން ހަދިޔާ ކޮށްފައިވާ ކާށި އަދި ކަރާ މާލެ ސިޓީ ކައުންސިލުން މާދަމާ ބަހާނެކަމަށް އެކައުންސިލުންބުނެފިއެވެ.
މާލެ ސިޓި ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ކާށި އަދި ކަރާ ބެހުމަަށް ހަމަޖެހިފައިވަނީ މާދަމާ އިން ފެށިގެން ކަމަށާއި ކާށި އަދި ކަރާ ބަލާ ދާއިރު ދާންޖެހޭނީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން ކަމަށެވެ. އަދި ފަގީރުންނަށާއި އާންމު ރައްޔިތުންނަށް ކާށި އަދި ކަރާ ލިބޭނެ ކަމަށް އެކައުންސިލުން ބުންޏެވެ.
އެގޮތުން ކާށި އަދި ކަރާ ބެހުން ކުރިއަށްދާނީ މާލެސިޓީ ކައުންސިލުގެ އާންމު ހިދުމަތްތަކާއި ބެހޭބައި (ތައިސޭކޮށި / ބޮޑުތަކުރުފާނުމަގު) މާދަމާ ހެނދުނު 09:30 ން 15:00 އަށާއި ރޭގަނޑު 21:30 ން 00:00 އަށެވެ. އަދި 29 އޭޕްރިލް ވާ ހޮނިހިރު ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 ން 12:00 އަށް، މެންދުރުފަހު 13:00 ން 17:00 އަށް، ރޭގަނޑު 20:30 ން 23:30 ށް ކާށި އަދި ކަރާ ބެހުން ކުރިޔަށްދާނެއެވެ. ނަމަވެސް ހުކުރު ދުވަސް ބަންދުވާނެ ކަމަށް އެ އޮފީހުން ބުންޏެވެ.