ޗާގޯސް އާކިޕެލާގޯގެ މައްސަލައާ ގުޅޭގޮތުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނެރެފައިވާ ބަޔާން ދޮގުކޮށް ސަރުކާރުން ނޫސް ބަޔާނެއްނެރެފިއެވެ.
ސަރުކާރުން ނޫސް ބަޔާނުގައި ބުނެފައި ވަނީ، އެ ބަޔާނުގައިވާ ގޮތާ ހިލާފަށް ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ އިން ވަކި ކުރުމުގެ މައްސަލައިގައި ދިވެހި ސަރުކާރުން ގެންގުޅެމުން އައި ސިޔާސަތު އެއްވެސް އިރެއްގައި ދިވެހި ސަރުކާރުން ބަދަލުކޮށްފައެއް ނުވާނެކަމަށެވެ. އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ކުރިއަށްދާ މައްސަލައިގައި ފާއިތުވި ދެ ދަހަރެއްހާ ދުވަހު ރާއްޖެއިން ގެންގުޅެމުން އައި ސިޔާސަތު ދެމެހެއްޓުމުގައި ދިވެހި ސަރުކާރުން ފަސްޖެހުމެއްނެތި ދެމިއޮންނާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ބަޔާނުގަި ބުނެފައިވަނީ، އ.ދ.ގެ ޢާއްމު މަޖިލީހުގެ ޤަރާރެއް ކަމަށްވާ "އެޑްވައިޒަރީ އޮޕީނިއަން އޮފް ދަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އޮން ދަ ލީގަލް ކޮންސިކުއަންސަސް އޮފް ދަ ސެޕަރޭޝަން އޮފް ދަ ޗާގޯސް އާކިޕެލާގޯ ފްރޮމް މޮރިޝަސް އިން 1965″ މިޤަރާރު އެމަޖިލީހުގެ ތަޅުމަށް އަލުން ހުށަހެޅިއްޖެނަމަ، އެޤަރާރަށް ރާއްޖެއިން ތާއީދުކުރުމަށް ނިންމާފައިވާކަން ދިވެހި ސަރުކާރުން މޮރިޝަސް ސަރުކާރަށް އަންގާފައިވާނެ ކަމަށެވެ.
މި ނިންމުން ނިންމެވީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އިސްތިޝާރީ ލަފާގައި ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތްކަމަށް ނިންމި ނިންމުން އިޓްލޮސްގައި ކުރިއަށްދާ މައްސަލައިގައި ފުރިހަމައަށް ބަލައިގަތުމަށް ނިންމާފައިވާކަން އިޓްލޮސްއިން އެންގުމާ ގުޅިގެން ކަމަށް ވެސް ބަޔާނުގައި ވެއެވެ. އ.ދ.ގެ ޢާއްމު މަޖިލީހުގެ އެޤަރާރަކީ ރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައާ އެއްވެސް ގޮތަކުން ގުޅުންހުރި ޤަރާރެއް ނޫންކަމަށާއި، މި ނިންމުމުގެ ސަބަބުން އިޓްލޮސްގައި ކުރިއަށްދާ ރާއްޖެއާއި ޗާގޯސް އާކިޕެލާގޯގެ ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލައިގައި ރާއްޖެއިން ނަގާފައިވާ ޤާނޫނީ ސްޓޭންޑަށް އެއްވެސް ބަދަލެއް ނާންނާނެކަން މޮރިޝަސްގެ ސަރުކާރަށްވެސް ވާނީ އަންގާފައި ކަމަށް ވެސް ބަޔާނުގައި ވެއެވެ.
ބަޔާނުގައި ބުނެފައި ވަނީ، އ.ދ.ގެ ޤަރާރުގެ ޗާގޯސް އާކިޕެލާގޯ 1965 އާ ދެކޮޅަށް ރާއްޖެއިން ކުރިން ވޯޓުލާފައިވާނެ ކަމަށާއި، 2019 ވަނަ އަހަރު އ.ދ.ގެ އެޤަރާރު ފާސްކުރުމާއި ގުޅިގެން ރާއްޖެއިން ލީ ވޯޓުގެ އެކްސްޕްލެނޭޝަނުގައި ރާއްޖެއިން ފާހަގަކުރިގޮތުގައި ރާއްޖޭގެ ވޯޓަކީ އެޤަރާރާ ދެކޮޅަށް ލީ ވޯޓެއް ނޫން ކަމަށެވެ. އަދި އެއީ އިސްތިޢުމާރިއްޔަތާ ދެކޮޅަށް ރާއްޖެއިން ގެންގުޅެމުން އައި ޒަމާންވީ ސިޔާސަތާ ވެސް ދެކޮޅު ވޯޓެއް ނޫނަ ކަމަށާއި، މީގެއިތުރުން، ރާއްޖެއިން ފާހަގަކުރި ގޮތުގައި ރާއްޖެއިން އެޤަރާރާ ދެކޮޅަށް ލީ ވޯޓަކީ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ކުރިއަށްދާ ރާއްޖެއާއި ޗާގޯސް އާކިޕެލާގޯގެ ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލައިގައި ރާއްޖެއިން ނަގާފައިވާ ޤާނޫނީ ނުކުތާތަކަށާއި ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް (ސީ.އެލް.ސީ.އެސް) އަށް 2010 ވަނަ އަހަރު ރާއްޖެއިން ހުށައަޅާފައިވާ ހުށައެޅުމަށް އެއްވެސް އުނިއިތުރުކަމެއް ގެނުވާނެ ކަމެއް ނޫން ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.
ބަޔާނުގައި ބުނެފައި ވަނީ، މި މައްސަލާގައި ރައީސުލްޖުމްހޫރިއްޔާ ޢަމަލުކުރައްވާފައި ވަނީ އެމަނިކުފާނަށް ޤާނޫނު އަސާސީން ދީފައިވާ ބާރުތަކުގެ ބޭރުންކަމަށް ޕީޕީއެމް އިންކުރާ ތުހުމަތުތައް ވެސް ދިވެހި ސަރުކާރުން ދޮގުކުރާ ކަމަށެވެ. ޤާނޫނު އަސާސީގެ 3 ވަނަ މާއްދާގައިވާގޮތުން ރާއްޖޭގެ ޞަރަޙައްދަށް އެއްވެސް ބަދަލެއް ގެންނަ ނަމަ، ރައްޔިތުންގެ މަޖިލީހުގެ ލަފާއަކަށް އެދެންޖެހޭނެ ކަމަށަާއި، ޗާގޯސް އާކިޕެލާގޯގެ މައްސަލައިގައި ހިމެނެނީ ރާއްޖޭގެ ދެކުނުގައި އޮތް ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދެއް ކަމަށެވެ. މި ސަރަޙައްދުގެ އިމަކީ މިހާތަނަށް އައި އިރު، ބައިނަލްއަޤުވާމީ ކަނޑާބެހޭ މުޢާހަދާގެ ދަށުން ކަނޑައެޅިފައިވާ ސަރަޙައްދެއް ނޫން ކަމަށާއި، ރާއްޖޭގެ ޤާނޫނުތަކާއި ބައިނަލްއަޤުވާމީ ޤާނޫނުތަކުގެ ދަށުން، ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ އިން ކަނޑައެޅުމަކީ ދިވެހި ސަރުކާރަށް ޤާނޫނު އަސާސީން ލިއްބައިދީފައިވާ ބާރަކަށްވީހިނދު އެ މަސްއޫލިއްޔަތު ދިވެހި ސަރުކާރުން ފުރިހަމައަށް ކަށަވަރުކުރާނެ ކަމަށް ވެސް ބަޔާނުގައި ވެއެވެ. މޮރިޝަސްއިން އިޓްލޮސްއަށް މައްސަލަ ހުށައެޅުމާއެކު، އިޓްލޮސް މެދުވެރިކޮށް މިމައްސަލައަށް ޙައްލުހޯދައި ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމަށް ދިވެހިރާއްޖޭގެ ސަރުކާރުން ނިންމެވީ ވަޒީރުންގެ މަޖީލީހުން އެކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ފަހު ކަމަށް ވެސް ބަޔާނުގަި ބުނެފައި ވެއެވެ.
ބަޔާނުގައި ވަނީ، ލިޔެވިފައިވާ ޤާނޫނު އަސާސީއެއްގެ ތަރަހައިގެ ތެރޭގައި ވެރިކަމެއް ރާއްޖޭގައި ކުރަމުންދާތާ ޤަރުނަކާ ގާތްވާއިރު، އަދި އެއަށްވުރެ ދުރު މާޒީއަށް ބެލިނަމަވެސް، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ބަޔާނުގައި ބުނެފައިވާ ގޮތާ ޚިލާފަށް، ޗާގޯސް އާކިޕެލާގޯގެ މައްޗަށް ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާކަމަށް އެއްވެސް އިރެއްގައި ރާއްޖެއިން ދަޢުވާ ކޮށްފައެއް ނުވާނެކަމަށެވެ.
ޕީޕީއެމް ގެ ބަޔާނަކީ ރައްޔިތުންނަށް އޮޅުވާލުމަށާއި ރައްޔިތުންގެ މެދުގައި ނުހަނު ޚައްސާސް މައްސަލައެއްގައި ސިޔާސީ މަންފާ ހޯދުމަށް ހިންގާފައިވާ ދަށުދަރަޖައިގެ ޢަމަލެއްކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ. މިކަން އެންމެ ސާފުވާކަމަކީ، 2019 މޭ 24 ގައި ޕީޕީއެމް އިން ނެރުނު ބަޔާނުގައި ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު އޮތްކަމަށް މޮރިޝަސްއިން ކުރާ ދަޢުވާގައި މޮރިޝަސްއަށް ނުހަނު ތާއީދުކޮށް، ޗާގޯސް އާކިޕެލާގޯ މޮރިޝަސްއަށް އަނބުރާ ދިނުމަށް ގޮވާލި އ.ދ.ގެ ޤަރާރާ ދެކޮޅަށް ރާއްޖެއިން ވޯޓުލުމާ ގުޅިގެން ދިވެހިރާއްޖޭގެ ސަރުކާރުން މޮރިޝަސްގެ ރައްޔިތުންގެ ކިބައިން މަޢާފަށް އެދެންޖެހޭނެކަމަށް ބުނެފައިވާތީ ކަމަށް ވެސް ބަޔާނުގައި ވެއެވެ. އަދި އެވޯޓަކީ މޮރިޝަސްގެ ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަތް ވޯޓެއްކަމަށް ވެސް ޕީޕީއެމް އިން އޭރު ބުނެފައިވާ ކަމަށް ވެސް ބަޔާނުގަި ވަނީ ބުނެފައެވެ. އެ ޕާޓީން މިހެން ބުނެފައިވީ ނަމަވެސް، ޕީޕީއެމް ސަރުކާރުން 2017 ޖޫން 22 ގައި ވަނީ ޗާގޯސްގެ މައްސަލާގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އިސްތިޝާރީ ލަފައަކަށް އެދި މޮރިޝަސްއިން އ.ދ.ގެ ޢާއްމު މަޖިލީހަށް ހުށަހެޅި ޤަރާރާ ދެކޮޅަށް ވޯޓު ލާފައި ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން ބަޔާނުގައި ވަނީ، 2019 ޑިސެމްބަރު 18 ގައި ރާއްޖެއިން ވާނީ އިޓްލޮސްގައި ކުރިއަށްދާ މައްސަލާގެ އިބްތިދާއީ މަރުޙަލާގައި ޕްރިލިމިނަރީ އޮބްޖެކްޝަންސްގެ ގޮތުގައި ޗާގޯސް އާކިޕެލާގޯގެ ސިޔާދަތީ ބާރުވެރިކަމާ ގުޅޭގޮތުން އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އުފެދިފައިވާ ޚިޔާލު ތަފާތުވުމާ ގުޅޭ މައްސަލައެއް ކުރިއަށް ދަނިކޮށް، އިޓްލޮސްއަށް ހުށަހެޅިފައިވާ މައްސަލަ ބެލުމުގެ އިޚްތިޞާޞް އެޓްރައިބިއުނަލަށް ލިބިގެންނުވާކަމަށް ވަކާލާތުކޮށްފައިކަމަށެވެ ނަމަވެސް، އިބްތިދާއީ އަޑުއެހުންތަކަށްފަހު އިޓްލޮސް އިން ނިންމެވީ ޗާގޯސް އާކިޕެލާގޯގެ ސިޔާދަތީ ބާރުވެރިކަމާ ގުޅޭގޮތުން އައި.ސީ.ޖޭ އިން ނެރެފައިވާ އިސްތިޝާރީ ލަފައަށް ރިޢާއަތްކޮށް މޮރިޝަސްއިން އިޓްލޮސްއަށް ހުށަހަޅާފައިވާ މައްސަލަ ބެލުމުގެ އިޚްތިޞާޞް އެޓްރައިބިއުނަލަށް ލިބިގެންވާކަމަށެވެ. އަދި އިޓްލޮސްގެ މިނިންމުމާއި ގުޅިގެން، އެޓްރައިބިއުނަލުގެ އަޑުއެހުންތަކުގައި ދިވެހި ސަރުކާރުން ވަކާލާތުކޮށްފައި ވާނީ ރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދުވާ ކަނޑުގެ ސަރަޙައްދުގެ އިން ވަކިކުރުމުގެ މައްސަލައިގައި ކުރިއްސުރެ ރާއްޖެއިން ގެންގުޅެމުންދިޔަ ސިޔާސަތުތައް ދިފާޢުކޮށްފައި ކަމަވެސް ބަޔާނުގައި ވަނީ ބުނެފައެވެ.
މިފަދަ މައްސަލައެއްގައި ރައްޔިތުންނާއި މުޖުތަމަޢަށް އޮޅުން އަރާގޮތަށް ސިޔާސީ ޕާޓިތަކުން ކުރާ މަސައްކަތްތަކާމެދު ސަރުކާރުން ނުހަނު ހިތާމަ ކުރާ ކަމަށާއި، އަދި ރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައިގައި ރާއްޖެއިން ހުށަހަޅާފައިވާ ކަންކަމަށް ރިޢާއަތްކޮށް، ޢަދުލުވެރިކަމާއި އިންސާފުވެރިކަމާއެކު އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ އިން މި މައްސަލަ ނިންމަވާނެކަމާމެދު ސަރުކާރުގެ ފުރިހަމަ އިތުބާރު އޮތްކަން ފާހަގަކުރާ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.