logo minivan

English

ބުދަ, 04 ޑިސެމްބަރ 2024

ތައުރީފް ބޭނުންވެ، ފަހުރުވެރިވެ، މަޝްހޫރުވާން ލޯބިކުރާނަމަ އިހުލާސްތެރިކަން ކުޑަވާނެ: ޚުތުބާ

ފަހުރުވެރިވުމަށާއި މަޝްހޫރުވުމަށް ލޯބިކުރެވުނު ވަރަކަށް އިހުލާސްތެރިކަން ފަނޑުވަމުން ދާނެކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރިއިން ތައްޔާރިކުރި ހުތުބާގައި ބުނީ، އަމިއްލަ އެދުންތައް ބޮޑުވެ، ތާރީފުކުރުމަށް ލޯބިކުރެވުނު ވަރަކަށް އިހުލާސްތެރިކަމުގެ ބައްތި ކަނިވަމުން ދާނެކަމަށެވެ. އަދި ފަހުރުވެރިވުމަށާއި މަޝްހޫރުވުމަށް ލޯބިކުރެވުނު ވަރަކަށް އިހުލާސްތެރިކަން ފަނޑުވަމުން ދާނެކަމަށެވެ.

ހެއްދެވިފަރާތުން ގަބޫލު ކުރައްވަނީ އެއްވެސް ކިލަނބުކަމެއްނެތް ސާފު ސާލިހު އަމަލުތައް ކަމުގަޔާ އިސްލާމް ދީން ދެކޭގޮތުގައި ކަންދެއްކުމަކީ ޝިރްކުގެ ބާވަތެއް ކަމުގައި ވެސް ހުތުބާގައިވެއެވެ.

" އަހަރެމެންގެ ރަނގަޅު އަމަލުތައް ނުބައި އަމަލުތަކަށް ބަދަލުކޮށްލާ އެންމެ ވަރުގަދަ ބާރަކީ ކަންދެއްކުމެވެ." ހުތުބާގައި ބުނެޏެވެ.

މީގެ އިތުރުން ވެސް ހުތުބާގައި ބުނިގޮތުގައި، ދުނިޔޭގެ އަރާމާއި ނަފްސުގެ ބައެއް އެދުންތަކަކީ ވެސް ރަނގަޅު ހެޔޮ ނިޔަތެއްގައި ކުރެވިއްޖެނަމަ، މާތްރަސްކަލާނގެ ހަޟްރަތާ ކުއްތަން ކުރުވަނިވި އަމަލެކެވެ. އަދި ތިމާ ކައި ބޮއި އުޅެނީ އެއިން ހަށިގަނޑުގައި ވަރުޖައްސައި  އެކަލާނގެ އެންގެވި ގޮތަށް ދިރިއުޅުމަށްޓަކައި ފުރިހަމަ ސިއްހަތެއް ހޯދުމަށް ކަމުގައިވާނަމަ އެއީ ސަވާބު ލިބޭނެ ކަމެކެވެ. ތިމާގެ ދަރިންނަށާއި އަނބިންނަށް ހަލާލު މަސައްކަތުން ހޯދާ ހަލާލު ތަކެތި ކާންބޯން ދިނުމަކީ ވެސް ސަވާބު ލިބޭނެ ކަމެކެވެ.

އަދި ކުރާ އަމަލާއި މަސައްކަތުގައި އިހްލާސްތެރިކަމެއް ނެތި ބޭރުފުށުން އެއީ ރަނގަޅު އަމަލުތަކެއް ކަމުގައި ފެނުނަސް އެވާނީ ފާސިދު އަމަލުތަކަކަށެވެ. ފަރުވާކުޑަކޮށް ދެއްކުންތެރިކަމުގެ ގޮތުން ކުރާ ނަމާދާ ބެހޭގޮތުން ވަހީ ބަސްފުޅެއްގެ މާނަގައިވަނީ " ފަހެ އެއުރެންގެ ނަމާދާ މެދު ޣާފިލުވެތިބެ، ނަމާދުކުރާ މީހުންނަށް ގެއްލުމާއި ހަލާކު ހުއްޓެވެ. އެއުރެންނީ ހަމަ ކަންދެއްކުމަށް ނަމާދުކުރާ މީހުންނެވެ".

ހުތުބާގައި ބުނިގޮތުން މިއިން އެނގެނީ އިހްލާސްތެރިކަމެއް ނެތި ދެއްކުމަށް ކުރެވޭ ނަމާދަކީ އެއިން އަޒާބު ލިބެނިވި ޢަމަލެއް ކަމެވެ. އެއީ އިހްލާސްތެރިކަމެއް ނެތި ކުރާ ނަމާދަކީ އޭގައި ރޫހެއްނެތް އަޅުކަމެއްކަމެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *