logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ފުލުންގެ ހިދުމަތަށް އެކަށީގެންވާ މުހިންމު ބަދަލުތަކެއް އަތުވެއްޖެ: ރައީސް ސޯލިހު

ދިވެހި ފުލުހުންގެ ތާރީޚުން ފާއިތުވެގެން މިދިޔަ މުއްދަތުގެ ތެރޭގައި އެ ޚިދުމަތަށް ވަރަށް އެކަށީގެންވާ މުހިންމު ބަދަލުތަކެއް އައިސްފައިވާ ކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ 90 ވަނަ އަހަރީދުވަސް ފާހަގަކުރުމަށް ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި ރައީސް ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ދައުލަތުގެ ވަޒީރުންނާއި، މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯހާއި ދިވެހިފުލުހުންގެ އިސްވެރިންނާއި އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ފާއިތުވެ ދިޔަ މުއްދަތުގެ ތެރޭގައި، ދިވެހި ފުލުހުންގެ ޚިދުމަތަށް އައި ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސް ސޯލިހުގެ ވާހަކަފުޅުގައި ވިދާޅުވީ، ފުލުހުންގެ ޚިދުމަތަށް އައި އެންމެ މުހިއްމު ބަދަލަކީ، އަސްކަރިއްޔާގެ ތެރެއިން ނުކުމެ، މުސްތަޤިއްލު މަދަނީ ޚިދުމަތެއްގެ ގޮތުގައި ހަމަޖެހުންކަމަށެވެ.

މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ، ފުލުހުންގެ ޚިދުމަތަކީ، ފަރުދުންގެ ވިސްނުމާއެކީ މުޖްތަމަޢަށް އަންނަ ބަދަލުތަކާ އެއްގޮތަށް، އަބަދުވެސް ކުރިއަރައި ތަރައްޤީވަމުން އަންނާނެ ޚިދުމަތެއް ކަމަށާއި އެކަމަށްޓަކައި ފުލުހުންގެ ޚިދުމަތުގެ ފެންވަރު މަތިކޮށް ތަރައްޤީކުރުމަކީ، އަބަދުވެސް ސަރުކާރުން އިސްކަން ދީގެން ދަމަހައްޓަންޖެހޭ ސިޔާސަތެއް ކަމުގައެވެ. މިގޮތުން މިދައުރުގެ ތެރޭގައި، ރާއްޖޭގެ 18 ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކޮށް، ޖުމްލަ 100 އަށް ވުރެ ގިނަ ރަށުގައި މިހާރު އަންނަނީ ނެއިބަހުޑް ޕޮލިސިންގެ ޚިދުމަތް ދެމުންއަންނަކަން ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުން މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ، މި އަހަރު ނިމުމުގެ ކުރިން، ހުރިހާ ރަށެއްގައި، ދިވެހި ފުލުހުންގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަވަންކަމުގައިވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ވާހަކަފުޅުގައި ވަނީ، ޒަމާނަށް އަންނަމުންދާ ބަދަލާއިއެކު ފުލުހުންގެ ޚިދުމަތް ކުރިއަރުވައި ފުޅާކުރެއްވުމަށް ކުރައްވަންޖެހޭ މައްސަކަތްތަކުގެ މައްޗަށްވެސް އަލި އަޅުއްވާލައްވާފައެވެ.

މިގޮތުން ރައީސް ސޯލިހު  ވިދާޅުވީ، އަމާޒަކީ، ފުލުހުންގެ ތެރޭގައި ޚިދުމަތްކުރާ ކޮންމެ މީހަކީ، އެ މީހެއްގެ ޚިދުމަތުގެ ދާއިރާއާ ގުޅޭ ގޮތުން ތަޢުލީމާއި ތަމްރީން ހޯދައިގެން ޚިދުމަތް ދޭ މީހަކަށް ހެއްދެވުން ކަމަށެވެ. އަދި ކުށުގެ ވެއްޓާއި ކުށްކުރާ ގޮތްތަކަށް އައިސްފައިވާ ބަދަލުތަކާއިއެކު ދިވެހި ފުލުހުންގެ ޚިދުމަތުގެ ކަޅި މިއަދު އަމާޒުކުރަން ޖެހެނީ ހަމައެކަނި މިރާއްޖެއަށް ނޫން ކަމުގައިވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ކުލައާ މެޑަލް ލިބިވަޑައިގެންނެވި، ފުލުހުންނަށް ކުލަޔާ މެޑަލް ހަވާލުކޮށްދެއްވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ. މީގެ އިތުރުން، ފުލުހުންގެ 90 ވަނަ އަހަރީދުވަހުގެ "ކޮމެމޮރޭޓިވް ކޮއިން"ވެސް އެމަނިކުފާނު ވަނީ އިފްތިތާޙްކޮށްދެއްވާފައެވެ.

ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީގެ ދަށުން ރާއްޖޭގައި ފުލުހުންގެ ޚިދުމަތް ޤާއިމް ކުރެވުނީ، 29 މާރިޗު 1933ގައެވެ. އަސްކަރިއްޔާގެ ދަށުން ފުލުހުންގެ ޚިދުމަތް ވަކިކުރައްވައި، ފުލުހުންގެ ޚިދުމަތަކީ މަދަނީ ޚިދުމަތެއްގެ ގޮތުގައި ހަމަޖެހުނީ، 1 ސެޕްޓެމްބަރު 2004 ގައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ