އިސްލާމީ ހަރުކަށި ޖަމާއަތް އައިއެސް ޖަމާއަތުގެ ލީޑަރު ކަމަށް ބެލެވޭ މީހަކު ތުރުކީގެ ޖާސޫސީ ބާރުތަކުން މަރާލާފައިވާ ކަމަށް އެ ގައުމުގެ ރައީސް ތައްޔިބް އުރުދުއާން ވިދާޅުވެއްޖެއެވެ.
އުރުދުއާން ވިދާޅުވީ އަބޫ އަލް ހުސައިން އަލް ހުސެއިނީ އަލް ގުރައިޝީ މަރާލާފައިވަނީ ތުރުކީގެ އިންޓެލިޖެންސުން އޭނާ އަށް ފާރާލައި، ހަރަކާތްތައް މޮނިޓާ ކުރަމުންދާތާ ދުވަސްތަކެއް ފަހުން ކަމަށެވެ.
"އޭނާ މަރާލާފައިވަނީ ތުރުކީގެ ނޭޝަނަލް އިންޓެލިޖެންސް އިއްޔެ (އާދިއްތަ ދުވަހު) ސީރިއާގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިން" އުރުދުއާން ވިދާޅުވިއެވެ. "އެއްވެސް ތަފާތުކުރުމެއް ނެތި ޓެރަރިސްޓް ޖަމާއަތްތަކާ ދެކޮޅަށް ކުރާ މަސައްކަތް ކުރިއަށް ގެންދާނަން" ތުރުކީގެ ރައީސް ވިދާޅުވިއެވެ.
ރިޕޯޓްތައް ބުނާ ގޮތުން އަބޫ އަލް ހުސައިން މަރާލާފައިވަނީ ތުރުކީއަށް ތާއީދުކުރާ ހަނގުރާމަވެރި ޖަމާއަތްތަކުގެ ބާރުގެ ދަށުގައި އޮންނަ ސީރިޔާގެ އުތުރު އަވަށެއް ކަމަށްވާ ޖިންދަރެސް ކައިރީގައެވެ. މިއީ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހު ތުރުކީއާއި ސީރިއާއަށް އައި ބިންހެލުމުގައި އެންމެ ބޮޑަށް އަސަރުކުރި ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ އެއް ސަރަހައްދެވެ.
ހަނގުރާމަވެރިޔާ މަރާލުމާއި ގުޅިގެން އައިއެސް އިން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ޖިންދަރުސް އަވަށުގެ ކައިރީގައި ދިރިއުޅޭ މީހަކު ރޮއިޓާސް ނިއުސް އެޖެންސީއަށް މައުލޫމާތު ދިން ގޮތުގައި ހޮނިހިރު ދުވަހުގެ ރޭ އެ އަވަށުގެ ބޭރުގައި ހަމަނުޖެހުންތައް ފެށުނު އިރު، ގޮތުންތަކުގެ އަޑު ގާތްގަނޑަކަށް ގަޑިއެއްހާއިރު ދެމިގެން ދިޔައެވެ.
އައިއެސްގެ ލީޑަރަށް އަބޫ އަލް ހުސައިން އައްޔަންކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އިރާގާއި ސީރިއާގެ ބޮޑު ބައެއްގެ ކޮންޓްރޯލް އައިއެސް އަށް ލިބުނީ 2014 ވަނަ އަހަރު އެ ސަރަހައްދުގައި އިސްލާމީ ހަލީފާއެއް އިއުލާނު ކުރެއްވި އަބޫބަކުރު އަލް ބައުދާދީގެ އިސްނެގެމުގެ ދަށުންނެވެ.