މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައިވާ "ޕްލާސްޓިކާ ދުރުވުމުގެ" ސިޔާސަތާއެކު މާލޭގެ ގޭބީސީތަކަށް ތިމާވެއްޓާ ރައްޓެހި ގިނަފަހަރު ބޭނުންކުރެވޭ ފޮތި ކޮތަޅު ބަހަން މާލެސިޓީ ކައުންސިލުން ނިންމައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރުގެ 100 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.
މި ޖަލްސާގައި ނިންމާފައިވަނީ މާލެ، ވިލިމާލެ، ހުޅުމާލެ ފުރަތަމަ ފިޔަވަހި އަދި ދެވަނަ ފިޔަވައްސަށް ސިޓީ ކައުންސިލުން ތިމާވެއްޓާ ރައްޓެހި ކޮތަޅު ބެހުމަށެވެ. ސިޓީ ކައުންސިލުން ނިންމާފައިވަނީ، ސިޓީ ކައުންސިލުގެ ޓީމުތަކުން ގޭބީސީތަކުގެ ދޮރުމައްޗަށް ގޮސް ކޮތަޅު ބަހާ ގޮތަށެވެ.
މި މައުޟޫއު އާއި ގުޅެގޮތުން މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ސިޓީ ކައުންސިލްގެ ބޭނުމަކީ މި މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރުން ކަމަށާއި، ތިމާވެށި ރައްކާތެރިކުރުމަށް އެކިކަހަލަ މަޝްރޫއުތައް ހިންގުމަކީ ސިޓީ ކައުންސިލްގެ އެއް އަމާޒުކަމަށެވެ.
”އަޅުގަނޑު މި ހުށަހަޅަނީ އެކަހަލަ 25 ކޮތަޅުގެ ޕެކް ހަދާފަ މާލެސިޓީ ކައުންސިލްގެ ޚަރަދުގަ މާލެ ސިޓީގެ ކޮންމެ ގޭބިސީ އަކަށް ހިލޭ ފޯރުކޮށްދޭން. މިކަހަލަ މަސައްކަތްކުރާ ބޭފުޅުންނާ ނުރަސްމީކޮށް ދެކެވުނު ވާހަކައިގަ ފްރައިޓް ޗާޖާ އެއްކޮށް މާލެ ހުޅުމާލެ އަދި ވިލިމާލޭގެ ގާތް ގަނޑަކަށް 50 ހާސް ގޭބިސީ އަށް 1.5 މިލިއަން ރުފިޔާ ޚަރަދު ވާނެ.“ މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން މުއިއްޒު ވިދާޅުވީ، އެއް ގޭބިސީ އަށް 25 ކޮތަޅު ދީފިއްޔާ ވަރަށް ގިނަ ދުވަހު ބޭނުން ކުރެވިދާނެ ކަމަށާއި، ކޮތަޅުން ނަގާ ފީ ސަރުކާރުން ކުރިއަށް އޮތްތަނުގައި ކަނޑަލި ކަމުގައިވިޔަސް ތިމާވެއްޓަށް ވިސްނާނަމަ މިއީ ރަނގަޅު ކަމެއް ކަމަށެވެ. އަދި މީގެ ސަބަބުން ދުވަސްކޮޅަކުން ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ހުއްޓާވެސް ލާފާނެ ކަމަށް ފެނިވަޑައިންނަވާކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
ސިޓީ ކައުންސިލުން ބަހަން ނިންމާފައިވަނީ އެކި ކަންކަމަށް އެކި ކުލަ ހާއްސަކޮށްފައިވާ ތިމާވެއްޓާ ރައްޓެހި ކޮތަޅެވެ. މި ކޮތަޅުތައް ހުންނާނީ ބާޒާރު ކުރުމުގައި ރައްޔިތުން އާންމުކޮށް ބޭނުންކުރާ މީޑިއަމް ސައިޒަށެވެ.