logo minivan

English

ބުރާސްފަތި, 28 މާރޗް 2024

މަންމައަކަށް ވީތީ ދިމާވާ ގޮންޖެހުން …

މިއަދު މަންމައިންގެ ދުވަސް ފާހަގަ ކުރަމުންދާ އިރު، މަންމައިންނާ ގުޅޭގޮތުން ވަރަށް ގިނަ ވާހަކަ ސޯޝަލް މީޑިއާ ފަދަ ޕްލެޓް ފޯމުތަކުގައި ދައްކާނެއެެވެ. " ހެޕީ މަދަރސްޑޭ" ތަހުނިޔާތަކުން ފުރާލާނެ އެެވެ. އެކަމަކު މަންމަ އަކަށް ވީތީ، މަންމައިންނަށް ދިމާވާ ގޮންޖެހުންތަކާ މެދު ވިސްނާލަނީ ކިތައްމީހުން ބާއެވެ. އެކި އުމުރު ފުރައިގެ މަންމަ އިންނަށް ދިމާވާ އެކިކަހަލަ ދަތިތަކާ މެދު ހިޔާލުކޮށްލިން ހެއްޔެވެ.

މަންމަ އަކަށް ވީތީ ދިމާ ވާ އެންމެ ބޮޑު ޗެެލެންޖް އެކި މަންމައިންނަށް ތަފާތެވެ. މަންމައިން އުޅޭ ގްރޫޕެެއްގަ އެ ސުވާލު ކޮށްލުމުން އެކި މަންމައިން ދިނީ އެކި ޖަވާބެވެ. ނަމަވެސް އެންމެން ވެސް ބުނާ އެކައްޗެއް އޮވެއެވެ. އެއީ އެންމެ ބޮޑު އެއްޗެލެންޖަކީ މަންމައަކަށް ވީތީ މުޖުތަމައުގެ އެހެން މީހުން "ޖަޖުކުރާ" ކުރުމެވެ. ބުނެލާ ހިތައް އުނދަގޫ ބަސްތަކެވެ.

އެހެން މީހުންގެ ފާޑުކިޔުން

" އެންމެ އުނދަގޫވަނީ، ތިހާ ޅަ އިރު ކުއްޖަކު ހޯދީ ކީއްވެހޭ ބުނާތީ ، އެމީހުންނަކަށް ނޭނގޭނެ ދޯ ކުއްޖެއް ހޯދަން ވީމަ " ޒުވާން މަންމައަކު ބުންޏެވެ.

" އެންމެ ބޮޑު ޗެލެންޖަކީ ކުދިންގެ ވެއިޓާ،  އަޅުގަނޑުގެ ވެއިޓާ ދޭތެރޭ މީހުން ކިޔާ އެއްޗެހި، ބުނާނެ، ވިހޭފަހުން ހާދަ ފަލައޭ، ހިކެން އުޅޭށޭ، ކުރިން އެޔޮއް ރީތި ކުއްޖާ ކިހިނެއް ވެފަހޭ، ތިމަންނަ ނޫނީ މިވެނި މީހަކު ވިހޭމަ ވެސް ތިހެން ބަނޑެއް ނުލައޭ، ވަރަށް ދެރަވޭ އަދި އެއަށް ވުރެ ދެރަވޭ ކުއްޖާ އަށް ފާޑު ކިޔާތީ، މިހާރު އެމަންޖެ ހާދަ ހިކިއްޖެ އޭ ، ކާން ނުދެނީހޭ .. " މަންމައަކު އޭނާގެ ކަންބޮޑުވުން ހިއްސާކުރިއެވެ.

" އެންމެ ޗެލެންޖިން ކަމަކީ، އަމިއްލަ އަށް ބޭނުންވާ ގޮތަށް ދަރިން ބަލަން ފުރުސަތު ނުލިބުން، މައިދައިތަ، މަންމަ ނޫނީ އާއިލާ އެހެން މީހުންގެ ނުފޫޒު ދަރިން ބެލުމުގަ އަންނާތީ ވަރަށް އުނދަގޫ " ޒުވާން މަންމައަކު ބުންޏެވެ.

" ހަމަ އެންމެ ބޮޑު ޗެލެންޖަކީ، އެހެން މީހުން ގޮތް ކިޔާ ފާޑުކިޔާތީ، ދަރިފުޅު ބާރަށް ރޯލިޔަސް، ދެން އެންމެން އެކި މޮޅެތި ވާހަަކަ ދައްކާނެ، މިހެން ހަދާ އެހެން ނަހަދާ ، ދެން ހަދާފަ ނަހަދަންވީ ގޮތެއް ނޭގެ މިސާލަކަށް ބުނެފަނެ ތީ ރޭގަނޑު ފެންވަރުވާތީއޭ، އަނެއް މީހެއް ބުނެފާނެ ނިކަނ ްފެންވަރުވާރަ ބަލާށޭ އެއިރުން ނުރޯނެއޭ، ދެން ކިހާ ބޮލަށް އުނދަގޫ" އެހެން މަންމައަކު ބުންޏެވެ.

ތެދެކެވެ. އެހެން މީހުންގެ ފާޑު ކިޔުމާ ނުފޫޒު ދަރިން ބެލުމުގަ ލިބުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ކޮންމެ މަންމައަކީ ވެސް ވަކި ގޮތަކަށް އެނާގެ ދަރިން ގެންގުޅެން ބޭނުންވާނެ މަންމައެކެވެ. މީހުންގެ ނުފޫޒާ ފާޑުކިޔުމުގެ ސަބަބުން މަންމައިންނަށް ވަރަށް އުނދަކޫވާނެއެވެ. ތަޖުރިބާގެ އަލީގަ ކަމެއް ބުނެދިނުމާ ފާޑު ކިޔުމާ، ވަކި ގޮތަކަށް ކަންތައް ކުރުވަން އުޅުމާ ވަރަށް ތަފާތެވެ. ގިނަ ފަަހަރު ހާއްސަކޮށް މައިދައިތައިންނަށް ހީވަނީ އެންމެ ބޮޑަށް އެނގޭނީ އެމީހުންނަށް ކަމަށެވެ.

އެކަނިވެރި މަންމައިން 

އެކަނި ވެރި މަންމައިނަށް ދިމާވަނީ އަދި މާ ބޮޑެތި ގޮންޖެހުންތަކެވެ. ގިނަފަހަރު ދަރިން ބަލަމުން ، ވަޒީފާ ނުވަތަ އާމްދަނީ ހޯދަން ކުރާ މަަސައްކަތް ކުރަމުން، އަދި އެހެން މީހުން ކިޔާ އެއްޗެހިިން ސަލާމަތްވާން މަަސައްކަތް ކުރުމަކީ، އެފަދަ މަންމައިންނަށް ވަރަށް ބޮޑު ގޮންޖެހުމެވެ.

" ކުރީގެ ފިރިމީހާ އާ ނޫނީ އޭނާގެ މަންމައާ ކުދިން ހަވާލުކޮށްފަ ވަޒީފާއަށް ދިޔާމަ ބުނާނެ ދަރިން އެއްލާލާފަ މަޖާ ކުރަނީއޭ، ވަޒީފާ އަށް ނުދާ އިރު ބުނާނެ، ކުދިންގެ ބައްޕަ ފެލައިގެން ކާންވެގެން މަސައްކަތް ނުކޮށް އުޅެނީއޭ… ރަނގަޅު އެއްގޮތްވެސް ނެތް " ދެކުދިންގެ މަންމައަކު ބުންޏެވެ.

" ވަޒީފާ އަށް ދިޔުން އެންމެ ބޮޑު ޗެލެންޖްކީ، ކުދިން ބަލާނެ މީހެއް ނުހުރޭ، ޖޮބް ލިބެން އެހާ އުންދަގޫ، ގޭގަ ވޯކް ކޮށްގެން އާމްދަނީ ލިބޭނެ ގޮތެއް ސަރުކާރުން ވެސް ހަދާދޭ ނަމައޭ ހިތައް އަރާ" އެކަނި އުޅޭ މަންމަ އަކު ބުންޏެވެ.

" އެކަނި ކުދިން ގޮވައިގެން އުޅޭނެ ތަނެއް ނެތުން އެއީ އެންމެ ބޮޑު ޗެލެންޖް، ފްލެޓް ލިބުނީ ފިރިހެންމީހާއަށް، ވަރިކޮށްފަ ގެއިން ނެރެލީމަ، ކުދިން ގޮވައިގެން ކުއްޔަށް މި އުޅެނީ، އޭނަ އެހެން މީހަކާ އިނދެގެން ކުދިންގެ ނަމުގަ ޕޮއިންޓް ލިބުނު ފްލެޓްގަ … އޮފީހަށް ދާ އިރު ކުދިން ބަލާނެ މީހެއް ނެތް، އެކަނި ދެކުދިން ތިބެނީ ، ސްކޫލު ދޮށަން ހިނގަން ޖެހޭތީ އޮފީހުން އެހާ މައްސަލަ ޖައްސާ.. މީ ހުސް ޗެލެންޖް ދޯ " އެކަނި މަަސައްކަތް ކޮށްގެން އުޅޭ މަންމައަކު ބުންޏެވެ.

އުމުރުން ދުވަސްވީ މަންމައިން 

މަންމައިންގެ ވާހަކަ ދައްކާ އިރު ހަމަ އެކަނި ޒުވާން މަންމައިންނަށް އެކަނި ދިމާވާ ގޮންޖެހުންތަކަކު ވާހަކަ ދައްކާފަ ނިންމާލެވޭކަށް ނެތެވެ. އެވާހަކަތަކަކީ ކިތަންމެ ވަރަކަށް ވެސް ދިގުކޮށް ދެއްކިދާނެ ވާހަކަ ތަކެވެ. އެހާވެސް ގޮންޖެހުންތައް ގިނައެވެ. ހަމަ އެއާ އެކު އުމުރުން ދުވަސްވީ މަންމައިންނަށް ވެސް ދަތި އުނދަގޫ އެތައް ކަމެއް ހުރެއެވެ.

" މާމަ ދަރިން މިބަލަނީ އެއްވެސް ޝަކުވާ އެއްނެތި، ކުރާ ހިތުން، އެކަމަކު އެކަން ނުދަނޭ، އޮފީހަށް ދެވެނީ ކުދިން ބަލާދޭތީ ނު، އެކަމަކު، މަށަށް ކަމެއް ވީމަ އަންނަނީ ރުޅި، އެއްދުވަހު ވެސް ކުދިން ކައިރި ނުހުރެވިއްޖެއްޔާ މައްސަލަޖެހޭ " ދޮށީ އުމުރުގެ މަންމައަކު އޭނާގެ މާމަދަރިން ބެލުމުގަ ދިމާވާ ގޮންޖެހުން ކިޔައިދިނެވެ.

ގިނަފަހަރު ދަރިން ބޮޑުކޮށްފަ އަދީ މާމަ ދަރިން ވެސް ބަލަން ޖެހުމަކީ، އުކުމުރުން ދުވަސް ނިކަމެތިވަމުންދާ މަންމައިންނަށް ޝަކުވާ ނުކުރި ނަމަ ވެސް ދިމާވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ.

" މަންމައަކަށް ވީތީ އެންމެ ބޮޑު ދެރައަކީ، ކުދިން ލޮލަށް ނުފެނުން، އެކަކު ހުރީ ބޭރުގަ، ގުޅާނީ ހިތައް އެރިއްޔާ، ގޭގަ އުޅޭ މީހުން ވެސް މިބަޔަށް ވަދެ ނުލާނެ އެތައް ދުވަހެއް ވަންދެން، ހަމަ އެކަނިމާއެކަނި މި އިންނަނީ، ދެން މިހެން ޓީވީ ބަލާލާ، ކިޔަވާލާ ހަދާލަނީ " ވަރަށް ހިތުގަ ޖެހިފަ ހުރި މަންމައަކު ބުންޏެވެ.

" ކުދިން ތިބީ ކިޔަވާ ނިމި ބޮޑެތި ވެފަ، އެމީހުން ނުލާހިކު ބިޒީ ވާނެ ނު، ވަގުތެއް ނުވާނެ، އެހެންވެ އަބަދު ކައިރިއަށް ނަޔަސް ޝަކުވާއެއް ނުކުރަން އެކަމަކު، ލޯބިން ވާހަކަ ދައްކާލާ ނޫޅޭތީ މައްސަލައަކީ " އެހެން މަންމައަކު ބުންޏެވެ.

މަންމައިންނަކީ ދަރިންދެކެ އިންތިހާއަށް ލޯބިވާ ބަޔަކަށް ވާ އިރު އެކުދިން ބޮޑެތި ވިޔަސް އެކުދިންގެ ލޯތްބާ އަޅާލުމާ، ގާތްކަން ބޭނުންވާ ބައެކެވެ.

މަންމައިންގެ ދުވަސް

މަންމައިންގެ އުދާސްތަކާ ޝަކުވާތަކުގެ ވާހަކަ ދައްކާ ދައްކާ ކޮޅުން ނުލާނެއެވެ. މަންމައިންގެ ދުވަސް ފާހަގަ ކުރާ އިރު ހަމަ އެކަނި މަންމައާ އެކު ސެލްފީ އެއް ނަގާފަ ސޯޝަލް މީޑިއާ އަށް ލުމުގެ ބަދަލުގަ، މަންމަގާތުގަ ލޯބިވާ ވާހަކަ ބުނެލުން ކީއްހެއްޔެވެ.

ދަރިންގެ މަންމަ އަށް މިއަދު ތަހުނީޔާ ކިޔާ އިރު، އެމަންމަ އަށް ފަސޭހަކޮށްދީ، އަތްގާތްކޮށްދީ، އެހީވެދީ، އުފާވާފަދަ ބަސްބަސް ބުނެލުން ކީއްހެއްޔެވެ. އަދި އެއީ މިއަދުގެ އެކަނި ކަމަކަށް ނުހަދާ އާދައަކަށް ހެދުން ކީއްހެއްޔެވެ.

އެކުވެރި މަންމައިންނާ ދިމާ އަށް " ހާދަ ފަލައޭ ، ހާދަ ހިއްކޭ " ބުނެލުމުގެ ބަދަލުގަ، " ހާދަ ހިތްވަރުގަދައޭ " ބުނެލުން ކީއްހެއްޔެވެ.

ދަރިފުޅު ހާދަ ހިއްކޭ، ހާދަ ހަލަންޏޭ، ހާދަ ފަލަވެއޭ، ބުނުމުގެ ބަދަލުގަ، މީ ހާދަ ލޯބި ކުއްޖެކޭ، ބުނެލުން ކީއްހެއްވެ.

މަންމައިން ހިތުގަ ޖެހޭ ކަހަލަަ ބަސްބަސް ބުނެ އެމަންމައިން އެ އުފުލާ ބުރަ އިތުރު ތަކުލީފަކަށް ހެދުމުގެ ބަދަލުގަ އުފާވާކަހަލަ ބަހެއް ބުނެލާ ވެވެން އޮތް އެހީއެއް ވެލުން ކީއްހެއްޔެވެ.

 

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *