logo minivan

English

ބުރާސްފަތި, 28 މާރޗް 2024

އެމް.ޑަބްލިޔު.އެސް.ސީއިން ވަނީ ފާއިތުވި 28 އަހަރުގެ ތެރޭގައި ގިނަ ކުރިއެރުންތަކެއްހޯދާފައި: ނައިބު ރައީސް

އެމް.ޑަބްލިޔު.އެސް.ސީއިން ވަނީ ފާއިތުވި 28 އަހަރުގެ ތެރޭގައި، ވަރަށް ގިނަ ކުރިއެރުންތަކެއްހޯދާފައި ކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ)ގެ 28 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް، ހެންވޭރު ދަނޑުގައި ބޭއްވި ހަފްލާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

މިޙަފްލާގައި ވާހަކަފުޅު ދައްކަވަމުން، ނައިބު ރައީސް ވިދާޅުވީ، ފެނަކީ އަސާސީ އެއްޗަކަށް ވާއިރު، އެމް.ޑަބްލިޔު.އެސް.ސީއިން މެދުކެނޑުމެއްނެތި ފޯރުވައިދެނީ ވަރަށް މުހިއްމު އަސާސީ ހިދުމަތެއް ކަމަށެވެ. އަދި މާލެ ސަރަހައްދާއި އަތޮޅުތަކުގެ ރަށްތައް ހިމެނޭ ގޮތުން މުޅި ރާއްޖޭގައި އެކުންފުނިން މިހާރުވެސް ގިނަ މަޝްރޫޢުތަކެއް ހިންގަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރެއްވުމަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ މުހިއްމު ވައުދެއްކަން ފާހަގަކުރައްވައި، އަތޮޅުތަކުގައި ފެނާއި ނަރުދަމާގެ ނިޒާމްތައް ގާއިމްކޮށް ހިދުމަތް ދިނުމުގައި އެމް.ޑަބުލިޔު.އެސް.ސީގެ ހީވާގި މުވައްޒަފުން ކުރައްވާ މަސައްކަތަށް އެމަނިކުފާނު ތައުރީފް ކުރެއްވިއެވެ. އަދި ކުންފުނިން މުވައްޒަފުންގެ ހިދުމަތްތަކުގެ އަގު ވަޒަންކުރައްވައި މުހިއްމު ދާއިރާތަކުން އެވޯޑްތައް ދެއްވަމުންގެންދަވާތީ އެކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، މިސަރުކާރުން ރައްޔިތުންނަށްދޭ ޔަގީންކަމަކީ، ކުޑަރަށެއް އަދި ބޮޑުރަށެއް، ކުޑަކަމެއް އަދި ބޮޑުކަމެއް ތަފާތުނުކޮށް، ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަން ހުއްޓުމެއް ނެތި އަދި މެދުކެނޑުމެއްނެތި މިސަރުކާރުން ކުރިޔަށް ގެންދެވުން ކަމަށެވެ.

މި ހަފްލާގައި ވަނީ، އެކިދާއިރާތަކުން ފާހަގަކޮށްލެވުނު ކުންފުނީގެ މުވައްޒަފުންނަށް އެވޯޑްތައް ދެއްވާފައެވެ. މީގެ އިތުރުން އެކުންފުނިންދޭ ޔުނީކް ޕަރފޯމަންސް އެވޯޑާއި، ޗެއަރމަންސް އެވޯޑް ފޮރ އެކްސެލެންސް ހާސިލް ކުރެއްވި މުވައްޒަފުންނަށް އެ އެވޯޑްތައް ހަވާލުކޮށްދެއްވީ، ނައިބު ރައީސް ފައިސަލް ނަސީމެވެ. އަދި މިހަފްލާގައި އެމް.ޑަބުލިޔު.އެސް.ސީ ގެ ފަރާތުން ވަނީ ނައިބު ރައީސް ފައިސަލް އަށް ހާއްސަ ހަނދާނީ ފިލައެއްވެސް އަރުވާފައެވެ.

މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އުފައްދަވާފައި ވަނީ، 1 އޭޕްރީލް 1995 ގައެވެ. އެކުންފުނީގައި މިހާރު 1247 މުވައްޒަފުން މަސައްކަތްކުރާއިރު، މިދައުރުގެ ތެރޭގައި ރާއްޖޭގެ 31 ރަށެއްގައި 68 މަޝްރޫޢެއް ހިންގުމާއި އެކުންފުނިން ޙަވާލުވެފައި ވެއެވެ. އޭގެތެރެއިން 28 މަޝްރޫއެއް މުޅިން ނިންމައި 40 މަޝްރޫއެއްގެ މަސައްކަތްތައް މިހާރުވެސް އެކުންފުނިން ދަނީ ކުރަމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *