logo minivan

English

ހޮނިހިރު, 20 އޭޕްރިލް 2024

ނައީމާގެ މަރު: ދެ ޒުވާނުން ވެގެން މުސްކުޅި އަންހެނަކު މަރާލީ ކީއްވެ؟

މިދިޔަ މަހު 7 ގައި ނ. މަނަދޫގައި އުމުރުން ދުވަސްވީ އަންހެނަކު މަރާލާފައި އޮއްވާ ފެނުން ވެގެންދިޔައީ އެރަށުގެ ރައްޔިތުންގެ އިތުރުން މުޅި ރާއްޖެ ވެސް ސިއްސުވާލި ކަމަކަށެވެ. އޭރު އެރަށުމީހުން ޝައްކުކުރާ މީހަކުވެސް ނެތެވެ. ނަމަވެސް ނައީމާ މޫސާގެ މަަރަށް މަހަކަށް ވުރެ ގިނަދުވަސް ވީފަހުން، ރޭ ފުލުހުން ވަނީ، ހަމަ އެރަށު ދެ ޒުވާނުން އެމައްސަލާގައި ހައްޔަރުކޮށްފައެވެ. މިއީ ގިނަބަޔަކަށް ލިބިގެން ދިޔަ ހައިރާން ކަމެކެވެ.

ނައީމާ މަރުވެފައި އޮއްވައި ފެނުނީ މިދިޔަ އޭޕްރީލް މަހުގެ ފަސްވަނަ ދުވަހުން ފެށިގެން ހަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް އޭގެ ދެ ދުވަސް ފަހުން އެ މަހުގެ ހަތްވަނަ ދުވަހުއެވެ.

ފުލުހުން ނައީމާގެ ކޮޓަރީގެ ދޮރު ހަލާކުކޮށްލައިގެން ވަންއިރު، އޭނާ އޮތީ ބިންމަތީގައި މަރުވެފައެވެ. އެނގިފައިވާ ގޮތުގައި އޭނާ މަރުވެފައި އޮތީ ބޮޑެތި ޒަހަމްތަކަކާ އެކުއެވެ.

އެކަމާ ގުޅިގެން އެންމެ ބޮޑަށް އުފެދޭ ސުވާލަކީ އެދެޒުވާނުން ނައީމާ މަރާލީ ކީއްވެގެން ތޯ އެވެ.

އެކި މީހުން އެކިގޮތަށް ވާހަކަދެއްކި 

އެނގިފައިފާ ގޮތުގައި ނައީމާގެ އެއްވެސް ގަހަނާއެއް މަރުވެފައި އޮތްއިރު ގަޔަކުނެތެވެ. އެހެންކަމުން ވައްކަން ކުރަން އެގެއަށް ވަދެ އުޅުމުގެ ތެރޭގައި ހިނގި ކަމަކުން މަރާލީ ކަމަށް ވެސް ވާހަކަ ދެކެވެއެވެ.

ދެން އޮތީ އެންމެ ގަބޫލުކުރަން ދަތި އަދި އެންމެ އުނދަގޫވާ ވާހަކައެވެ. އެރަށު ބައެއް މީހުން ތުހުމަތުކުރާ ގޮތުގައި އުމުރުން 62 އަހަރުގެ ނައީމާއަށް ޖިންސީ ގޯނާ ކުރަން އުޅެފައި ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެހެން ކަމަށްވާނަމަ، އެމީހުން އެކަން ކުރުމަށް ފަހު މަރާލީ ކަމަށް ވުމަކީ ވެސް ބައެއް މީހުން ބުނާގޮތުގަ އެކަށީގެންވާ ކަމެކެވެ.

މީގެ އިތުރުން ދެން ދެކެވުނު އެންމެ ތަފާތު ދެވާހަކައިގެ ތެރެއިން އެއްވާހަކަ އަކީ، ނައީމާ އަކީ ފަންޑިތަ ހަދާ މީހެއްކަމަށް އެރަށުމީހުން ބުނާ ބުނުމެވެ. އަދި މިކަމާ ހިންހަމަ ނުޖެހޭ ދީނީ ގޮތުން ހިޔާލުތަފާތު މީހުން އުޅޭކަމަށާއި، އެމީހުން ބަޔަކުލައްވާ އެނާ މަރާލުމަކީ ވެދާނެކަމެއް ކަމަށް ބުނާ ބުނުމެވެ. ނަމަވެސް މިއީ ގިނަބަޔަކަށް ގަބޫލުކުރަން އެހާ ފަސޭހަ ވާހަކައެއް ނޫނެވެ.

އަނެއް ކަމަކީ، ނައީމާގެ ގާތްތިމާގެ މީހަކު އޭނާއާ މެދު ހަސަދަވެރިކަމެއް އޮންނަކަމަށް ދެކެވޭ ވާހަކަ އެވެ. އެހަސަދަވެރިކަމުގައި ބަޔަކުލައްވާ ލޭގެ ގުޅުން އޮތް މީހަކު މަރާލަފާނެ ހެއްޔެވެ. މިސުވާލަކީ ވެސް ބައެއް މީހުން އުފައްދާ ސުވާލެކެވެ.

މިއީ ހުސް ތޯތޯ ވާހަކައެވެ. ގައިގެ އެތައް ތަނަކަށް ތޫނުއެއްޗަކުން ހަމަލާދީ އަނިޔާވެރި ގޮތަކަށް ނައީމާގެ މަރާލި ދެމީހުންނާއި މަރަން ބޭނުން ކުރި ހަތިޔާރުގެ އިތުރުން އެމީހުން ލައިގެން ތިބި އަންނައުނު މިހާރު ފުލުހުން މިވަނީ ހޯދާފައެވެ. 

ނަމަވެސް އެމީހުން ނައީމާ މަރާލި ސަބަބު ނުވަތަ މަރުގެ މޯޓިވް ފުލުހުން އަދި ހާމަނުކުރެއެވެ.

ފައިސާގެ ދަހިވެތިކަމުގަ އުމުރުން ދުވަސްވީ މީހުން މެރުން 

މަސްތުވާ ތަކެތި ބޭނުންކުރުމާ އެހެނިހެން ކުށްކުރާ މީހުން ފައިސާގެ ދަހިވެތިކަމުގަ، އުމުރުން ދުވަސް ވީ މީހުން މެރުމަކީ މީގެ ކުރިން ތަކުރާރުކޮށް ރާއްޖޭގައި ހިނގާފައި ހުރިކަމެކެވެ.

އަލީ ރަޝީދު(އަލިބެ)، 2014 ވަނަ އަހަރު ދ. ތިނަދޫ، ޑައިމަންޑްވިލާ، އަލީ ރަޝީދު، އަލިބެ ، 79 އ. މަރާލާފައި އޮތްވާ ފެނުނީ އޭނާގެ ގޭގެ ކޮޓަރިއެއްގެ ތެރެއިންނެވެ. މިމައްސަލާގައި ވެސް ޒުވާނުންތަކެއް ބައިވެރިވިއިރު އަލިބެ އަކީ ވެސް ފައިސާ ގެންގުޅުނު އެކަނި އުޅުނު މީހެކެވެ.

އިސްމާއިލް އަބްދުލް ރަހްމާން، 73 އަހަރު، ނ. ހޮޅުދޫ، ރޯސީ ބޭންކް، އިސްމާއިލް އަބްދުލް ރަހްމާން މަރުވެފައިވަނީ 2015 ވަނަ އަހަރުގެ ނޮވެމްބަރު 15 ވަނަ ދުވަހު ނަމާދުން ފައިބައިގެން ގެޔަށް ދިޔަ މަގުމަތީ އޭނާގެ އަރިކައްޓަށް ތޫނު އެއްޗަކުން ދިން ހަމަލާއަށް ފަރުވާ ހޯދަމުންދަނިކޮށް ނޮވެމްބަރު 18 ވަނަ ދުވަހު އެވެ.

އައްޔުބޭ، 2012 ވަނަ އަހަރު ދ. ކުޑަހުވަދޫ ސަމަންދަރު، އަލީ ހަސަން (އައްޔުބޭ) 70، ރަހުމް ކުޑަގޮތަކަށް ޒަހަމްކޮށް މަރާލުމުގެ ކުށުގައި ހައްޔަރު ކުރީ އޭނާއަށް ދޮން ކާފަ ދަރިއަކާއި އޭނާގެ ބައިވެރިންނެވެ.

އަބޫބަކުރު، ހަމަ 2012 ގައި ނ. މާފަރު ހިތްފަސޭހަގޭ، ހަސަން އަބޫބަކުރު، 65، ވަނީ މާރާލާފައެވެ. މީހުން ތުހުމަތުކޮށްފައި ވަނީ އުމުރު ދުވަސްވީ މީހުންނަށް ލިބޭ ފައިސާއިން އޭނާއަށް ގަނޑުކޮށް ލިބުނު ފައިސާގެ ދަހިވެތި ކަމުގައި ބަޔަކު އޭނާ މަރާލީ ކަމަށެވެ. އެ މައްސަލާގައި ވެސް ޒުވާނަކު ހައްޔަރުކުރިއެވެ.

ހުސޭނުބޭ، 2010 ވަނަ އަހަރު ފަޅުގެއެއްގެ ތެރެއަށް އެއްލާލާފައި އޮއްވައި ފެނުނު ހއ. ހޯރަފުށީ ވިޔަފާރިވެރިއާ އެ ރަށު ސީވިއު، ހުސައިން މުހައްމަދު މަނިކު (ހުސޭނުބޭ) އަށް ހަމަލަދީ މަރާލާފައި ވަނީ ވެސް ފައިސާގެ ދަހިވެތި ކަމުގައި ބުނެއެވެ.

މުހުސިން، 2011 ވަނަ އަހަރު ގއ. ކޮލަމާފުށީ ފަޅުގޯއްޗެއްގެ ތެރެއަށް އެއްލައިލާފައި އޮއްވާ ފެނުނު އެރަށު ވިޔަފާރިވެރިޔެއް ކަމަށްވާ ސިލްނާމަންޒިލް، އަބްދުލް މުހުސިން، 52، އަކަށް ވެސް ހަމަލަދީ ބޮޑެތި އަނިޔާތަކެއް ކޮށްފައިވަނީ ފައިސާ ގެ ބޭނުމުގައި ޒުވާނުން ކަމަށް ބުނެވެއެވެ.

ހދ. ނޭކުރަންދޫގައި 65 އަހަރުގެ އަންހެނަކު މަރާލި ކަމަށް ވަނީ ވެސް ފައިސާގެ ބޭނުމުގައެވެ. މީގެ އިތުރުން ވެސް މިފަދަ މަރުގެ ހާދިސާތައް ހިނގާފައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ.

މިހުރިހާ މަރެެއްގައި ވެސް އުމުރުން ދުވަސްވީ މީހުންގެ ފައިސާއަށް ކުއްވެރިން ދަހިވެތިވުން ސަބަކަށް ވުމަކީ ހުރިހާ ދިވެހިން ވެސް ފުންކޮށް ވިސްނަން ޖެހޭ ބޮޑު ގައުމީ މައްސަލައެކެވެ.

އެންމެ ފަހުން އެފަދަ ކަމެއްގައި މިމަރުވީ ނައީމާ އެވެ. ދެން އަމާޒުވެގެން ދާނީ ކޮން އިސްރައްވެއްސަކަށް ކަމެއް އެނގޭނީ ކިހިނެއްހެއްޔެވެ؟

އިސްރައްވެހިން އެކަނި ދިރުއުޅުން ރާއްޖޭގައި ހާއްސަކޮށް ރަށްރަށުގައި އާންމުވެފައިވާ އިރު، މިކަމަކީ، ރަށްރަށުގެ ކައުންސިލުތަކުންނާއި، ކަމާ ބެހޭ އިދާރާތަކުން، ހައްލުކުރަން ޖެހިފައިވާ މައްސަލައެކެެވެ. ދަރިންދުރުގައި ތިބުމާއި އަޅާލާނެ މީހަކު ނެތުމަކީ ދުވަސްވީ އެތައް މީހުންކަށް ކުރިމަތިލާން ޖެހިފައިވާ އެކަމާމެދު އެންމެން ވެސް ސަމާލުވެ ވިސްނަންޖެހިފައިވާ ކަމެކެވެ.

ނައީމާގެ ގާތިލް ހައްޔަރުކުރީ މަސްތުވާތަކެތީގެ މައްސަލައެއްގައި

އާންމުކޮށް ފައިސާގެ ބޭނުމުގަ މީހުން މަރާމީހުންނަކީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުނަށް ވާއިރު، ނައީމާ މަރާލި ކަމުގެ ތުހުމަތުގައި ފުރަތަމަ ހައްޔަރު ކުރި މީހާ ވެސް ހައްޔަރު ކުރީ މަސްތުވާތަކެތީގެ މައްސަލައެެއްގައެވެ. އަހްޒަމް އަބްދުއްޝަކޫރު 23އ ، އަކީ މަސްތުވާތަކެތީގެ މައްސަލަތަކާއި ތޫނު ހަތިޔާރު ގެންގުޅުމުގެ މައްސަލައިގެ ރިކޯޑު މީގެ ކުރިންވެސް އޮންނަ މީހަކަށް ވާ އިރު މިފަހަރު ފުލުހުން ހައްޔަރުކުރީ އޭނާގެ ކޮޓަރިން ފެނުނު 50.1 ގްރާމް މަސްތުވާތަކެއްޗާ އެކުގައި ކަމަށް އޭނާގެ ބަންދަށް 14 ދުވަސް އިތުރުކޮށް މަނަދޫ މެޖިސްޓްރޭޓް ކޯޓުން އިއްޔެ ނެރުނު އަމުރުގައި ބުނެފައިވެ އެވެ.

އޭނާ ދިން މައުލޫމާތަށް ބަލައި އުމުރުން 20 އަހަރުގެ މީހަކު ފަހުން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އިރުކޮޅެއްގެ ތެރޭ ފުލުހުން ވަނީ ނައީމާއަށް ހަމަލާދޭން ބޭނުންކުރި ކަމަށް ބެލެވޭ ދެ ވަޅި އާއި ހަމަލާ ދިން މީހުން އެކަން ކުރި ވަގުތު ލައިގެން ތިބި ކަމަށް ބެލެވޭ އަންނައުނު އަތިރިމަތީ ވަޅުލާފައި ހުއްޓާ ހޯދައިފަ އެވެ. އަދި އެދެމީހުން އެރޭ ދުއްވި ކާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ އިރު ކާރު ދުއްވި ގޮތް އެމީހުްނ ލައްވާ ކުޅުވާފައިވެސް ވެއެވެ.

ފުލުހުންގެ މަސައްކަތައް އައްސަރިބަހާ ސާބަހެެވެ. ނަމަވެސް މިފަދަ ހިތާމަވެރި ބިރުވެރި ކަންކަން މި ކުޑަކުޑަ މުޖުތަމައު ގައި ހިނގަން މެދުވެރިވާ އަސްލު ސަބަބަބާމެދު ވިސްނާ ފަރުދީ ގޮތުން ވެސް ފިޔަވަޅު އެޅުމަކީ ކޮންމެ ދިވެއްސެއްގެ ވެސް ޒިންމާއެކެވެ. އުމުރުން ދުވަސްވީމީހުން އެކަނި ކޮށްނުލުމާއި، އެކަނި އުޅޭ މީހުނަށް ރައްކާތެރި މާހައުލެއް ގާއިމްކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަންކަމެވެ. މީގެ އިތުރުން ޒުވާނުން މިފަދާ ކުށްކުރުން ހުއްޓުވުމަށް ކުރަންޖެހޭ ކަންކަމަކީ ވެސް ވަކި މީހެއްގެ ނުވަތަ ވަކި އިދަރާއެއްްގެ ޒިންމާއަކަށް ހަދާފަ ތިބެގެންވާނެކަމެއްނޫނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. ފުރަތަމަ ބަލަންވީ ކައުންސިލް ތައް ޒިންމާދާރު ވާން ޖެހޭ ތޯތަ؟
    މައިންބަފައިން މުސްކުޅި ވީމާ އެކަނި މާ އެކަނި އުޅެން ދޫކޮށްފައި ދަރިން ގެ ޒިންމާ ކޮބާ ތަ؟ މައިންބަފައިން ނަށް ނުރުހުމުގެ ގޮތުން އުފް ވެސް ނުބުނަން ޤުރުއާނުގައި ވާ އިރު ކައުންސިލް ގެ ވާހަކަ ނެތް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *