logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024
ފޮޓޯ: ޕޮލިސް

ފުލުހުން ސްޕީޑް ގަން ބޭނުންކުރާ ގޮތް

ދިވެހި ފުލުހުންގެ ޚިދުމަތުގައި މިހާރު ބޭނުން ކުރަމުން ދަނީ ލޭޒަ ސްޕީޑް ގަން އިން އުޅަނދު ތަކުގެ ސްޕީޑް ދެނެގަންނަ ގޮތާއި އެއާއި ބެހޭ ގިނަ މައުލޫމާތު ތަކެއް އެ އިދާރާއިން ދީފިއެވެ.

ފުލުހުން ބުނިގޮތުގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާފައި ވަނީ ކަނޑައަޅާފައިވާ ދުވެއްޔާ ހިލާފަށް އުޅަނދު ދުއްވުމުގެ ސަބަބުންކަން ފާއިތުވި އަހަރުތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެނގެއެވެ. ސަބަބަކީ އެއްގަމު އުޅަނދުފަހަރު ދުއްވުމަށް މާލެއާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިންގަނޑުތަކެއް ކަނޑައަޅާފައިވާއިރު، ދުއްވުމަށް ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފުވުން ކަމަށް ފުހުހުން ބުނެޏެވެ.

މުދާ އުފުލުމަށް ބޭނުންކުރާ ހުރިހާ އުޅަނދެއް ދުއްވުމަށް ކަނޑައަޅާފައި ވަނީ 25 ކިލޯމީޓަރަށާއި މި ސްޕީޑަށް އާންމު ރައްޔިތުން އަމަލު ކުރަމުންދޭތޯ ބެލުމަށް \ފުލުހުން ބޭނުން ކުރަމުންދާ އެއް ވަސީލަތަކީ ސްޕީޑް ގަންކަމުގައި އެ އިދާރާ އިން ބުންޏެވެ.

ފުލުހުން މިހާރު ބޭނުން ކުރަމުން ދަނީ ލޭޒަ ސްޕީޑް ގަންތަކުގެ ތެރެއިން އެންމެ ފަހުގެ ޓެކްނޮލޮޖީގެ ސްޕީޑް ގަންއެކެވެ. އެ ސްޕީޑް ގަންއަށް 1.5 ކިލޯމީޓަރުގެ ދުރުން އުޅަނދުގެ ސްޕީޑް ދެނެގަނެވެއެވެ. އުޅަނދެއް ދުއްވާފައި އަންނައިރު އެ އުޅަނދަކަށް ލޭޒަރ އެޅުވުމުން އެ އުޅަނދު ދުއްވާފައި އަންނަ ސްޕީޑް ކެމެރާއަށް ރެކޯޑު ކުރެއެވެ. މިގޮތުން ރެކޯޑު ކުރަނީ އެ އުޅަނދުގެ ފޮޓޯ އަކާއި އެ އުޅަނދުގެ ވީޑިއޯ ކޮޅެކެވެ.

ކަނޑައެޅިފައިވާ ދުވެއްޔާ ހިލާފުވާ ފުރަތަމަ ފަހަރު 500 ރުފިޔާއިން ޖޫރިމަނާކުރުމާ އެކު އެކަން ތަކުރާރު ކޮށްފިނަމަ ވާނެގޮތް ފުލުހުން ބުނެދެވޭނެއެވެ. ކަނޑައެޅިފައިވާ ދުވެއްޔާ ދެވަނަ ފަހަރަށް ހިލާފުވެއްޖެ ނަމަ 750 ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު 48 ގަޑި އިރަށް އެ މީހެއްގެ ދުއްވުމުގެ ހުއްދަ ހިފަހައްޓާނެއެވެ. އެ ހުއްދަ ދޫކުރަނީ ފައިސާދެއްކި ކަމުގައި ވިޔަސް 48 ގަޑި އިރު ހަމަވުމުންނެވެ. ކަނޑައެޅިފައިވާ ދުވެއްޔާ ތިންވަނަ ފަހަރަށް ހިލާފުވެއްޖެ ނަމަ 1000 ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު އެ މީހަކު ދުއްވި އުޅަނދު 15 ދުވަހުގެ މުއްދަތަށް ދިވެހި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެއެވެ. އެ އުޅަނދު ދޫކުރަނީ 15 ދުވަސް ހަމަވުމުންނެވެ.

ކަނޑައެޅިފައިވާ ދުވެއްޔާ ހިލާފަށް ދުއްވުމަކީ ތިމާއާއި އެހެން މީހުނަށް އޮތް ނުރައްކަލެއް ކަމަށް ފުލުހުން ބުނާ އިރު ކަނޑައެޅިފައިވާ ވަރަށްވުރެ މަޑުން ދުއްވުމަކީވެސް ނުރައްކަލެއް ކަމަށް ފުލުހުން ބުންޏެވެ.

ސްޕީޑް ގަން ބޭނުން ކުރަމުންދަނީ ދުވެއްޔާ ހިލާފުވާ މީހުން ދެނެގަނެ ސްޕީޑުގެ ސަބަބުން އޮތް ނުރައްކާ ކުޑަކުރުމުގެ މަގުސަދުގައި ކަމަށާ ދިވެހި ފުލުހުންގެ އަމާޒަކީ މަގުމަތީގެ ހާދިސާތަކުގައި މަރުވާ މީހުންގެ އަދަދު ސުމަކަށް ހެދުން ކަމުގައި ވެސް ފުލުހުން ބުންޏެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *