logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ކުނި މެނޭޖު ކުރުމަށް 5 އަތޮޅަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ބަޔަކާ ހަވާލުކޮށްފި

ރާއްޖޭގެ 5 އަތޮޅެއްގެ 22 ރަށަށް ކުނި މެނޭޖް ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ ގެ ފަރާތުން ސްރީލަންކާގެ ކުންފުންޏެއްކަމަށްވާ  "ސޯ އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑް" އާއި ހަވާލުކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ އެންވަޔަރަމަންޓް މިނިސްޓްރީގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި އެއްބަސް ވުމުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އާމިނަތު ޝަޢުނާއެވެ. އަދި ސޯ އިންޖިނިއަރިންގގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ ބަނޑުލަ ޖަޔަރަތުނައެވެ.

މިނިސްޓްރީން ބުނިގޮތުގައި، ޖުމްލަ 7.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މިމަޝްރޫއުއަކީ ވޯލްޑް ބޭންކުގެ ހިލޭ އެހީގެ ދަށުން ހިންގަމުންދާ މޯލްޑިވްސް ކްލީން އެންވައިރޮމެންޓް ޕްރޮޖެކްޓުގެ ތެރެއިން ހަރަދު ކުރާ މަޝްރޫޢުއެކެވެ.

މިނިސްޓްރީން ބުނީ، މިރަށްތަކަށް ކުރިއަށް އޮތް 4 މަސްދުވަހުގެ ތެރޭގައި ފޯރުކޮށްދޭން ހަމަޖެހިފައިވާ ސާމާނުގެ ތެރޭގައި މަލްޓި-ޕަރޕަސް މިނީ ބޭލަރ، ސިންގަލް ފީޑް ގްލާސް ބޮޓަލް ކްރަޝަރ، ކުނި ކަލެކްޓުކުރުމަށް ބޭނުންކުރާނެ އެކި ވަރުގެ ޑަސްބިން، ޕީ.ޕީ.އީ ކިޓު އަދި އެހެނިހެން ބައެއް އާލާތްތައް ހިމެނޭ ކަމަށެވެ.

ކުނި މެނޭޖްކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ސްރީލަންކާގެ ސޯ އިންޖިނިއަރިންގއާއި ޙަވާލުކުރި ރަށްތަކަކީ މ. އަތޮޅުން މުލަށް، މުލި، ކޮޅުފުށި އަދި ދިއްގަރެވެ. ފ. އަތޮޅުން މަގޫދޫ، ނިލަންދޫ އަދި ފީއަލި އާއި،  ދ. އަތޮޅުން  ރިނބިދޫ، މާއެނބޫދޫ އަދި ކުޑަހުވަދޫ އާއި، ލ. އަތޮޅުން ދަނބިދޫ، ގަން، ފޮނަދޫ އަދި މާމެންދޫ އާއި، މީގެ އިތުރުން ތ އެއަތޮޅުން ބުރުނި، މަޑިފުށި، ގުރައިދޫ، ވަންދޫ، ތިމަރަފުށި، ކިނބިދޫ، އޮމަދޫ އަދި ހިރިލަންދޫ އަށް ފޮނުވަން ވަނީ ނިންމާފައެވެ.

އެންވަޔަރަމަންޓް މިނިސްޓަރ އާމިނަތު ޝައުނާ ވިދާޅުވީ، ކުނީގެ މައްސަލައަކީ ރާއްޖެއައް ދިމާވެފައިވާ ބޮޑު މައްސަލައެއްކަމަށެވެ.

އެހެން ކަމުން ރާއްޖޭގެ ހުރިހާ ރަށެއްގައި ކުނި މަނޭޖް ކުރުމަށް ބޭނުންވާ ވަސީލައްތައް ގާއިމް ކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަމަށް ޝައުނާ ވަނީ ވިދާޅުވެފައެވެ. އަދި ކުނި އުފުލުމަށް ބޭނުންވާ ވެހިކަލް ފޯރުކޮށްދިނުމާއި އަދި ރަށު ފެންވަރުގައި ކުނި މެނޭޖް ކުރުމަށް ރަށުގެ ކައުންސިލްތަކަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދެމުންދާކަމަށްވެސް ޝައުނާ ވިދާޅުވިއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *