ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަކި ކުރަން ހުށަހަޅާފައިވާ ގަރާރު އިއްވުމަށް ބާއްވާ ޖަލްސާ މާދަމާއަށް އެޖެންޑާ ކުރައްވާނެ ކަމަށް މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް އަމީން އާންމު މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ނައިބު ރައީސް ވަކި ކުރުމުގެ ގަރާރު އިއްވާ ޖަލްސާ އާންމު ކޮމެޓީން ހަމަޖައްސާފައި ނުވިޔަސް އެ މައްސަލަ އެޖެންޑާ ކުރެވޭނެ ކަމަށެވެ.
"… ގަރާރުގެ ބަހުސްގެ ވަގުތު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 206 ވަނަ މާއްދާއަށް ރިއާޔަތްކޮށް އެ ގަވާއިދުގެ 205 ވަނަ މާއްދާގެ ކ. ގެ ދަށުން ކަނޑައަޅާފައިނުވި ނަމަވެސް، އެ މާއްދާގެ ނ. ގައި އެ ގަރާރުގެ ނޯޓިހުގެ ތާރީހުން ފެށިގެން 14 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަށް އެ ގަރާރު ހުށަހަޅަންވާނެ ކަމަށް ބަޔާންކޮށްފައިވާތީ، މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެ ގަރާރު އެޖެންޑާ ކުރެވޭނެ ވާހަކަ ދަންނަވަން،" ނިޔުޝާ ވިދާޅުވެފައިވެ އެވެ.
މިއަދު އެ މައްސަލަ އެޖެންޑާ ނުކޮށް އޮތީ އާންމުކޮމިޓީ އެކުލަވާ ނުލެވި އޮތުމުން ކަމަށް ކުރިން އަމީން އާންމު ވިދާޅުވިއެެވެ.
ނައިބުރައީސް ވަކިކުރުމުގެ ގަރާރު ހުށަހަޅާ އެ ޖަލްސާގައި ވާހަކަ ދައްކާނެ މެމްބަރުންގެ އަދަދާއި ވާހަކަ ދައްކަން ލިބޭނެ ވަގުތު ކަނޑައަޅަން ޖެހެނީ އާންމު ކޮމެޓީންނެވެ. ނަމަވެސް އެމްޑީޕީގެ މެމްބަރުންތަކެއް އެ ޕާޓީން ވަކިވި ފަހުން ކޮމެޓީ އޮތީ ފުރިހަމަނުވެ އެވެ. އަދި ޕާޓީތަކުން އެއްބަސްނުވެވިގެން އަދިވެސް ކޮމެޓީ އަލުން އެކުލަވައެއް ނުލެވެ އެވެ.
މިއަދު ގެ މައިޖިލިސް ޖަލްސާ ވެސް އެއްގޮތަކަށް ވެސް ކުރިއަށް ނުގޮސްގެން ވަނީ ހުއްޓާލާފައެވެ.