logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ސޭޝެލްސްގެ ރައީސް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދު ގިނަކަންތަށްތަކެއް މަޝްވަރާ ކުރައްވައިފި

ސޭޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން އާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއި ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ބާއްވަވައިފިއެވެ.

ރައީސްގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި ރަސްމީ ވާހަކަތަކުގައި ދެ ގައުމުގެ އިސްބޭފުޅުންގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު އާއި ސޭޝެލްސްގެ ރައީސް ވަނީ ދެ ގައުމުގެ ދެމެދު އޮންނަ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި ސޭޝެލްސްގެ ރައީސް ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަކީ އެގައުމުގެ އިސްވެރިއަކު ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުކަމުގައިވާތީ މިއީ ވަރަށް ތާރީޚީ ދަތުރުފުޅެއްކަން ފާހަގަކުރެއްވިއެވެ.

ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު 2019 ވަނަ އަހަރު ސޭޝަލްސްއަށް ކުރެއްވި ދަތުރުފުޅުގެ ހަނދާންތައް އާ ކުރައްވަމުން އެދަތުރުފުޅަކީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށް ކުރިއަށް އެޅިގެންދިޔަ ފިވަޅެއްކަން ފާހަގަކުރެއްވިއެވެ.

ދެބޭފުޅުންގެ ވާހަކަފުޅުގައި ދެ ގައުމުގެ ގުޅުންތަކުގައި މިހާރު ގުނަމުންދަނީ މުޅިން އާ ދުވަސްތަކެއްކަން ފާހަގަކުރައްވައި ކުރިޔަތް އޮތް މަސްތަކާއި އަހަރުތަކަކީ ދެޤައުމުގެ ގުޅުންތައް އިތުރަށް ފުޅާވެގެންދާނެ ދުވަސްތަކެއްކަން ފާހަގަކުރައްވާފައިވެއެވެ. އަދި ދެބޭފުޅުން ވަނީ ދެގައުމުން އިސްކަންދޭ އެކިދާއިރާތަކުން ކުރިމަގުގައި އިތުރަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

އަދި ދެބޭފުޅުން ވަނީ ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުމާއި ބައިނަލްއަގަވާމީ އަދި ސަރަޙައްދީ ގުޅުންތަކާގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއާއި ވިޔަފާރިއާ އިގްރިސާދީ ދާއިރާއާއި ކުޅިވަރާ ޒުވާނުންގެ ދާއިރާއާ ވައިގެ ދަތުރުފަތުރާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރައްވާފައިވެއެވެ. މީގެ އިތުރުންވެސް ތިމާވެއްޓާ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުންނާއި ބައިނަލްއަގުވާމީ އަދި ސަރަހައްދީގޮތުން އެއްބާރުލުން އިތުރުކުރުމާއި ކައުންޓަރ ޓެރަރިޒަމް އަދި ސަލާމަތާގުޅޭ ކަންކަމާ ބެހޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ދެގައުމުން ހިއްސާކުރާ އެއްގޮތް ކަންކަމަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ ދެގައުމުގެ ވެސް ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރު ފަރާތްތަކުން އެފަރާތްތަކުގެ ތަޖުރިބާ ބަދަލުކުރުމުގެ ޕްރޮގްރާމެއް ބޭނުންވާކަން ފާހަގަކުރައްވާފައެވެ. މީގެ ސަބަބުން މިދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އެހެން މާޙައުލެއް ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބި އާވިސްނުންތަކާއެކު މިދާއިރާއިން ހުނަރުތައް ތަރައްޤީކުރުމުގެ ފުރުސަތު ފަހިވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވިޔަފާރިއާ އިގްތިސާދީ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަމުން އަންނަނީ އެކި ސިނާޢަތްތައް ތަރައްޤީކޮށް އިގްތިސާދު ސިންދަފާތުކޮށް ފުޅާކުރުމަށްކަން ފާހަގަކުރެއްވިއެވެ. އެގޮތުން ރައީސް ސޯލިހު ވަނީ ރާއްޖޭގެ ވިޔަފާރިތަކާ ގުޅިގެން ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުސަތުގެ ބޭނުން ހިފުމަށް ސޭޝެލްސްގެ އިންވެސްޓަރުންގެ ކިބައިން އެދިވަޑައިގެންފައެވެ. މީގެ އިތުރުން ތަމްރީނުދީ އިންސާނީ ވަސީލަތް ތަރައްޤީކުރުމުގެ ރޮނގުން ދެގައުމުން ގުޅިގެން މަސައްކަތްކުރަން ބޭނުންވެވަޑައިގަންނަވާކަން ފާހަގަކުރައްވަމުން ރައީސް ސޯލިހު ވަނީ ކޮންމެ އަހަރަކު ކުރިޔަށްގެންދާ ޤައުމީ ދިފާއީ ބާރުގެ ކޯސްޓްގާޑް ބޭސިކް ޑައިވިންގ ކޯހުގައި ބައިވެރިވުމަށް ސޭޝެލްސްއަށް ދައުވަތު ދެއްވާފާއެވެ.

މިއަދު ސޮއިކުރެވިގެންދިޔަ އެއަރ ކަނެޓްޓިވިޓީ އެއްބަސްވުމަށް އިޝާރާތްކުރައްވައި ރައީސް ސޯލިހު ވަނީ މި އެއްބަސްވުމުގެ ސަބަބުން ދެގައުމުގެ ދެމެދު ވިޔަފާރިއާ އިޤްތިޞާދީ ރޮނގުން ގުޅުންތައް އިތުރަށް ބަދަހިގެންދިއުމަށް މަގުފަހިވެގެންދާނެކަން ފާހަގަކުރައްވާފައެވެ. އެއަރ ސަރވިސް އެގްރިމެންޓަކީ ދެ ޤައުމުގެ އިގޮތިސާދު ކުރިއަރައިގެންދިއުމަށް އެހީތެރިވުމަށް ކޮންމެހެން މުހިންމު ކަމެއްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ސޯލިހު އާއި ސޭޝެލްސްގެ ރައީސް ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރުކުޑަކުރުމާއި ވިލުންތެރިކަން އިތުރުކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ. އެގޮތުން ހުރިހާ ފަރާތްތަކުގެ އެއްބާރުލުމާއެކު ލޮސް އެންޑް ޑެމޭޖް ފަންޑުގެ މަސައްކަތް ވީހާވެސް އަވަހަށް ހިނގައިގަންނަ ގޮތް ހެދުމަށް ވެސް ދެޤައުމުން ގުޅިގެން ކުރެވެންހުރި މަސައްކަތްކުރުމަށް ދެބޭފުޅުން އެއްބަސްވެވަޑައިގެންނެވިއެވެ. މި ފަންޑުގެ މަސައްކަތް އަވަސްކުރުމަކީ މުސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު އެންމެބޮޑަށް ފޯރާ ގައުމުތަކަށް ލިބޭ އެހީތެރިކަމަކަށް ވާނެއެވެ.

ރައީސް ސޯލިހު އާއި ސޭޝެލްސްގެ ރައީސް ވަނީ ކައުންޓަރޓެރެރިޒަމާއި ހައްދުފަހަނައަޅާދިއުން ފަދަ މައްސަލަތަކާ ކުރިމަތިލުމުގައި ދެގައުމުން ގުޅިގެން އެކުގައި، އާ ވިސްނުންތަކަކާއެކު މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ. އަދި ދެބޭފުޅުން ވަނީ އިންޑިޔާ ކަނޑުގެ ސަރަހައްދުގައި ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމުގައި ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވެވަޑައިގަންނަވާފައެވެ.

ދެޤައުމުގެ ދެމެދު ބޭއްވެވި ރަސްމީ ވާހަކަތައް ނިންމަވާލައްވަމުން ދެ ބޭފުޅުން ވަނީ ދެ ޤައުމުގެ ގުޅުންތައް އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ. ދެގައުމުގެ ދެމެދު ބޭއްވުނު ރަސްމީ ވާހަކަތަކުގެ ކުރިން ދެބޭފުޅުން ވަނީ ވަކިން ބައްދަލުކުރައްވައި ވެސް މަޝްވަރާކުރައްވާފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ