އީދު ބަންދަށް ފަހު ސަރުކާރު ހުޅުވުމާއެކު، ޖުލައި މަހުގެ މެދަކާ ހިސާބަށް ކޮންމެ ދެ ދުވަހުން އެއް ދުވަހަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތްތަށް ބޭއްވުމަށް ކްރިމިނަލް ކޯޓުން ތާވަލްކޮށްފި އެވެ.
މީ ކްރިމިނަލް ކޯޓުގައި މީގެ ކުރިން އެހެން އެއްވެސް މައްސަލައެއް ތާވަލް ކުރުމުގައި ނުގެންގުޅޭ އުސޫލެކެވެ.
ރައީސް ޔާމީންގެ ޝަރީއަތްތަށް އީދު ބަންދު ފަހުން ކްރިމިނަލް ކޯޓުގައި ތާވަލުުކޮށްފައި ވަނީ އަންނަ މަހުގެ 2، 4، 6، 9، 11 އަދި 13 ވަނަ ދުވަހަށެވެ. މިކަން ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމެވެ.
ރައީސް ޔާމިންގެ ޝަރީއަތްތަށް މިގޮތަށް ތާވަލު ކުރުމާ ގުޅިގެން ލޯޔަރު އާސިފް "މިނިވަން" އަށް މައުލޫމާތު ދެމުން ވިދާޅުވީ، އީދު ބަންދު ފަހުން ވިދި ވިދިގެން ކަހަލަ ގޮތަކަށް ޝަރީއަތްތަށް ބޭއްވުން ތާވަލުކުރުންމީ ރައީސް ޔާމީންގެ އިސްތިއުނާފް ހައްގަށް ކަނޑައެޅިގެން ހުރަސް އެޅޭ ގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
"މިކަމުން ދޭހަ ވަނީ އީދު ބަންދަށް ވުރެން ބޮޑު އުފަލެއް ސަރުކާރަށް ލިބިގެން އުޅޭކަމުގެ އިހުސާސެއް ކުރެވެނީ" އާސިފް ވިދާޅުވިއެވެ.
މީގެ އިތުރުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ ކްރިމިނަލް ކޯޓުން އެހެން ހުރިހާ މައްސަލައެއް އެއްކައިރިކޮށް ހަމައެކަނި ރައީސް ޔާމީންގެ މައްސަލަ ކުރިއަށް ގެންދަން ހިފާފައިވާ ކަމަށެވެ. އަދި އެކަން އެގޮތަށް އެކުރީ އެއީ ސަރުކާރުގެ ނުފޫޒާ ހެދި ކަމަށާއި، ކްރިމިނަލް ކޯޓުގެ ޝަރީއަތް އަވަސްކުރަން ނުފޫޒު ފޯރުވާ ކަމަށް ވެސް ޝިޔާމް ތުހުމަތު ކުރެއްވިއެވެ. ހައި ކޯޓުގެ ފަނޑިޔާރުން ޗުއްޓީއަށް ދާން މަޖުބޫރުކުރާ ކަމަށް ވެސް ޝިޔާމް ވަނީ ތުހުމަތު ކުރައްވާފައެވެ.