logo minivan

English

އާދިއްތަ, 22 ޑިސެމްބަރ 2024

ސްޕެޝަލް އޮލިމްޕިކްސްގައި މެޑަލް ހޯދި ކުދިންނާއި ރައީސްގެ ދެކަނބަލުން ބައްދަލުކުރައްވައިފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު، "ސްޕެޝަލް އޮލިމްޕިކްސް ވަރލްޑް ގޭމްސް"ގައި ބައިވެރިވެ ރާއްޖެއަށް ރަންވަނަތައް ހޯދައިދިން ރާއްޖޭގެ ސްޕެޝަލް އޮލިމްޕިކްސް ޓީމުގެ އެތުލީޓުންނާ އެފަރާތްތަކުގެ ބެލެނިވެރިންނާއި އަދި ޑެލިގޭޝަނުގެ މެންބަރުންނާއި ބައްދަލުކުރައްވައި މަރުހަބާ ވިދާޅުވެއްޖެއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ. މިދިޔަ މަހު 17 އިން 25 އަށް ޖަރުމަނުވިލާތުގެ ބާރލިންގައި ބޭއްވި "ސްޕެޝަލް އޮލިމްޕިކްސް ވަރލްޑް ގޭމްސް"ގައި ރާއްޖޭގެ ޓީމުން ވަނީ 2 ރަންމެޑަލްއާ 1 ލޯ މެޑެލް ހޯދާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި ބައިނަލްއަގްވާމީ ބޮޑު މުބާރާތަކުން ރާއްޖޭގެ އެތުލީޓުން ވަރަށް ފުރިހަމަ ކާމިޔާބީއެއް ހާސިލުކޮށްފައިވާތީ އެކަންފާހަގަކުރައްވައި މި ކާމިޔާބީ ހޯދުމުގައި މަސައްކަތްކޮށްދެއްވި ހުރިހާ ފަރާތްތަކާއި އަދި ހާއްސަކޮށް ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްއާ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އަދާކޮށްފައިވާ މުހިންމު ދައުރު ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ.

ރައީސް ސޯލިހުގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ސަރުކާރުގެ ސިޔާސަތަކީ އެއްވެސް މީހަކު ބާކީނުކޮށް ހުރިހާކަމެއްގައި ޝާމިލުކޮށްގެން ކުރިޔަށްދިއުންކަމާއި ކުޅިވަރުގެ ދާއިރާގައިވެސް ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ އެއީކަން ފާހަގަކުރައްވާފައެވެ. އޭގެ އިތުރުން އެމަނިކުފާނު ވަނީ މި ސަރުކާރު ވެރިކަމަށް އައުމަށްފަހު، ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އުފައްދަވާފައިވަނީ ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކުން ކުޅިވަރުގައި ބައިވެރިވުމަށް ފުރުސަތުތައް ފަހިކޮށްދެއްވުމަށްކަން ފާހަގަކުރައްވާފައެވެ.

ރައީސް ސޯލިހު ވަނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކުޅިވަރުގެ މައިދާނުން ކަންކަން ފަހިކޮށްދިނުމުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ޖަރުމަނުގެ ބާލިންގައި ބޭއްވި "ސްޕެޝަލް އޮލިމްޕިކްސް ވަރލްޑް ގޭމްސް"ގައި ދުނިޔޭގެ އެތައް ޤައުމަކުން 6500އަށްވުރެ ގިނަ އެތުލީޓުން ބައިވެރިވެ ވާދަކޮށްފައިވެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *