logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024
ކަރާޗީގެ ސެންޓްރަލް ޖަލު ކުރިމަތީގައި ފުލުހުންގެ ވެހިކަލެއް ފޮޠޯ: އޭއެފްޕީ

އިޒްރޭލުގައި މަސައްކަތް ކުރި ޕާކިސްތާނު ފަސް މީހަކު ހައްޔަރުކޮށްފި

ފަލަސްތީނުގެ މުސްލިމުންގެ ބިންތައް ފޭރިގަނެގެން އުޅޭ އިޒްރޭލުގައި މަސައްކަތްކުރި ޕާކިސްތާނުގެ ފަސް މީހަކު ހައްޔަރުކޮށްފިއެވެ.

އިޒްރޭލުގައި މަސައްކަތްކުރުމަކީ ޕާކިސްތާނުގެ ގާނޫނުތަކާ ހިލާފު ކަމެކެވެ. ޕާކިސްތާނުން އިސްރާއީލަކީ ދައުލަތެއްގެ ގޮތުގައި ބަލައިނުގަންނައިރު އެ ގައުމުން ގެންދަނީ ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމްކުރުމަށް ވަކާލާތު ކުރަމުންނެވެ.

އެ މީހުން ހައްޔަރު ކުރުމުގެ އޮޕަރޭޝަން ފެށީ އިޒްރޭލުގައި މަސައްކަތް ކުރާތާ އެތައް އަހަރެއް ވެފައިވާ ކަމުގެ ހެކިތައް ކަމާއި ބެހޭ ފަރާތްތަކަށް ފެނުމާއި ގުޅިގެންނެވެ. އެމީހުން ޕާކިސްތާނަށް ފައިސާ ފޮނުވަމުން ދިޔައީ ވެސްޓަން ޔޫނިއަން މެދުވެރިކޮށެވެ.

ތުހުމަތު ކުރެވޭ ފަސް މީހުންނަކީ ތެލްއަވީވްގައި ހެލްޕަރުންނާއި ކާރު ދޮންނަ މީހުންގެ ގޮތުގައި މަސައްކަތްކުރަމުން ދިޔަ މީހުންނެވެ. ސިންދް ޕްރޮވިންސްގެ މީރުޕޫރު ހާސް ޑިސްޓްރިކްޓަށް ނިސްބަތްވާ އެ މީހުން އިޒްރޭލުގައި މަސައްކަތްކުރާތާ ހަތް އަހަރު ވެއްޖެއެވެ. އެ މީހުންގެ މައްޗަށް ދައުވާ ކޮށްފައިވަނީ ޕާކިސްތާނުގެ ޕާސްޕޯޓް ގާނޫނު 1974 އާއި އިމިގްރޭޝަން އޯޑިނަންސް 1979 އާ ހިލާފުވެގެންނެވެ.

ޕާކިސްތާނުގެ ޕާސްޕޯޓަކީ އިޒްރޭލުގައި ބަލައިގަނެވޭ ޕާސްޕޯޓެއް ނޫން ކަމަށްވާއިރު އެ މީހުން އެގައުމަށް އެތެރެވީ އިސްރާއީލުގެ އެޖެންޓެއްގެ އެހީގައެވެ. ކޮންމެ މީހަކުވެސް އެޖެންޓަށް ތިން ލައްކަ އާއި ހަތަރު ލައްކަ ރުޕީސް އާ ދެމެދުގެ އަދަދަކަށް ފައިސާ ދީން ކަމަށްވެއެވެ. އިޒްރޭލަށް އެތެރެވީ އުރުދުން މަގުންނެވެ. އަދި އެނބުރި ޕާކިސްތާނަށް ގޮސްފައިވަނީ ދުބާއީގައި ޓްރާންސިޓް ކުރުމަށް ފަހު ސްރީލަންކާ މަގުންނެވެ.

މި ކަމެއް ހިނގާފައިވަނީ އިސްރާއީލުގެ ބާޒާރުތަކުގައި ޕާކިސްތާނުގެ މުދާ ވިއްކާކަމުގެ ޚަބަރުތަކެއް ފެތުރިފައި ވަނިކޮށެވެ. ނަމަވެސް ޕާކިސްތާނު ސަރުކާރުން އިޒްރޭލަށް އެއްވެސް މުދަލެއް އެކްސްޕޯޓް ނުކުރާ ކަމަށާއި އިޒްރޭލާ ގުޅޭ ގޮތުން ގެންގުޅޭ ސިޔާސަތަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށް ތަކުރާރުކޮށް ބުނެފައިވެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *