logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ކޮޅުފުށީގައި އިތުރު 50 ހައުސިން ޔުނިޓް އަޅައިދޭނަން: ރައީސް

މ. ކޮޅުފުށީގައި އިތުރު 50 ހައުސިން ޔުނިޓް ހަދައިދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މ. އަތޮޅަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުގައި، ކޮޅުފުށި ރައްޔިތުންނާ ބައްދަލުކުރައްވުމަށް ބޭއްވި ކަންމަތީ ޖަލްސާގައި  ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ކޮޅުފޫށީގައި ބޯހިޔާވަހިކަމަށްޓަކައި 100 ހައުސިން ޔުނިޓް އަމަލީ ގޮތުން ފަށާފައިވާއިރު، ކުރިއަށް އޮތް ދައުރުގެ ތެރޭގައި 50 ހައުސިން ޔުނިޓް އިތުރުކޮށްދޭނެ ކަމަށެވެ.

"މިރަށުގައި އަޅުގަނޑުމެން ބޯހިޔާވަހިކަމަށްޓަކައި 100 ހައުސިން ޔުނިޓްގެ މަސައްކަތް އަމަލީ ގޮތުން ފެށި، އެކަން އިރާދަކުރެއްވިއްޔާ ކުރިޔަށް އެދަނީ. ކުރިއަށް މިއޮތް ދައުރުގެ ތެރޭގައި އޭގެ ތެރެއަށް އިތުރު 50 ހައުސިން ޔުނިޓް އިތުރުކޮށް، މިރަށުގެ ރައްޔިތުން އެ ބޭނުންވާ ވަރަށް އަޅުގަނޑުމެން ބޯހިޔާވަހިިކަން ފޯރުކޮށްދޭނަން." ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު، މިދަތުރުފުޅުގައި އެކަނިކުފާނު ވަނީ ކޮޅުފުށީގެ ފެނުގެ ނިޒާމުގެ ހިދުމަތް ރަސްމީކޮށް ފެށުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިންމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު އިފްތިތާހްކޮށްދެއްވާފައެވެ.

އޭގެ އިތުރުން، އެރަށުގައި ހުންނަ މ. އަތޮޅު މަދަރުސާގައި މި ސަރުކާރުން ގާއިމްކޮށްދިން މަލްޓި ޕާޕަސް ހޯލާއި 8 ކްލާސްރޫމް އެމަނިކުފާނު ވަނީ ރަސްމީކޮށް ހުޅުވާދެއްވާފައެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭން އަތޮޅުތެރެއަށް ފަށާފައިވާއިރު، މި ރަށުން ދެން އެމަނިކުފާނު ވަޑައިގަންނަވާނީ މި އަތޮޅު ނާލާފުށްޓަށެވެ.

ތިން ދުވަހުގެ މި ދަތުރުފުޅުގައި މިއަދު އިތުރަށް ވަޑައިގަންނަވާނީ މުލި އަދި މުލަކަށެވެ. އެގޮތުން ރައީސް ސޯލިހުގެ ކެމްޕޭން ޖަލްސާއެއް މިރޭ މުލަކުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ކެމްޕޭން ދަތުރުފުޅުތަކުގައި ރައީސް އާއިއެކު އެމްޑީޕީގެ ކޯލިޝަން ބައިވެރިން ކަމަށްވާ އަދާލަތާއި އެމްޑީއޭގެ ލީޑަރުން ވެސް ބައިވެރިވެވަޑައިގެންނަަވައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ