މ. ރަތްމަންދޫ ކައުންސިލްގެ ރައީސް އިސްމާއިލް ނާހިދާއި ކައުންސިލް މެންބަރު ފާތިމަތް ލިއުޝާ އެމްޑީޕީއަށް ސޮއި ކުރައްވައިފި އެވެ.
މި ދެ ބޭފުޅުން އެމްޑީޕީއަށް ސޮއި ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕޭން ދަތުރުފުޅެއްގައި ރަތްމަންދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ކަންމަތީ ޖަލްސާގެ ތެރެއިންނެވެ. ދެ ބޭފުޅުންގެ ފޯމާއިވެސް ހަވާލުވެވަޑައިގެންނެވީ ރައީސް ސޯލިހެވެ.
ކައުންސިލްގެ ރައީސް އާއި ކައުންސިލް މެންބަރު އެމްޑީޕީއަށް ސޮއި ކުރެއްވުމާއި އެކު ރަތްމަންދޫ ކައުންސިލްގެ މެޖޯރިޓީ މިހާރު ވަނީ އެމްޑީޕީއަށް ލިބިފަ އެވެ.
ރަތްމަންދޫ ކައުންސިލްގެ ރައީސް ނާހިދު އެމްޑީޕީއަށް ސޮއި ކުރެއްވުމަށްފަހު ވިދާޅުވީ ކުރިންވެސް އެމްޑީޕީގައި މަސައްކަތް ކުރެއްވި ކަމަށާއި ނަމަވެސް ކައުންސިލް އިންތިހާބަށް އަމިއްލަ ގޮތުން ކުރިމަތި ލެއްވީ އަމިއްލަ މެންބަރެއްގެ ގޮތުގައި ހުރެގެން ރަށަށް އިތުރު ތަރައްގީ ގެނެވޭނެ ކަމަށް ގަބޫލު ކުރެވިގެން ކަމަށެވެ. ނަމަވެސް މިހާރު ގަބޫލު ކުރެވެނީ ރަށަށް ފުރިހަމަ ތަރައްގީ ގެނެސްދެވޭނީ އެއިރެއްގައި ވެރިކަމުގައި އޮންނަ ޕާޓީއާއި އެކު މަސައްކަތް ކުރުމުންކަމަށާއި އެމްޑީޕީއާއި ގުޅި ވަޑައިގަތީ މި ވެރިކަމުގައި ރަށަށް ތަރައްގީ ގެނެސް ދިނުމަށް ކަމަށެވެ.
ރަތްމަންދޫ ކައުންސިލްގެ ރައީސާއި ކައުންސިލް މެންބަރުގެ އިތުރުންވެސް އެތަށް ބަޔަކު އެމްޑީޕީއާއި ގުޅިފައިވާކަމަށް އެރަށުން މައުލޫމާތު ލިބެ އެވެ. އަދި މިއަދު އެ ފޯމްތައްވެސް ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަންއާއި ހަވާލު ކުރާނެ ކަމަށްވެސް މައުލޫމާތު ލިބެ އެވެ.