ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފްގެ މައްސަލައަށް ކޯޓުން ގޮތެއް ނިމެންދެން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު ފަސް ކުރުމަށް އިދިކޮޅުން ގޮވާލައިފި އެވެ.
އިންތިހާބު ފަސް ކުރުމަށް ގޮވާލާފައިވަނީ އިދިކޮޅު ކޯލިޝަން ހިންގުމާއި އެންމެ އިސްކޮށް މިވަގުތު ހަވާލުވެ ވަޑައިގެން ހުންނެވި އިބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެވެ. އަދުރޭ ވިދާޅުވީ ރައީސް ޔާމީނަށް އިންސާފު ލިބެންދެން އިންތިހާބު ފަސްކުރުމަށް ގޮވާލާ ކަމަށެވެ.
ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލާފައިވަނީ ވ. އާރަށް ކުއްޔަށް ދިނުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަން ސާބިތުވުމުންނެވެ. ނަމަވެސް މި މައްސަލަ ރައީސް ޔާމީންގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.
ހައި ކޯޓުގައި ރައީސް ޔާމީންގެ އިސްތިއުނާފްގެ މައްސަލަ ބައްލަވާ ބައެއް ފަނޑިޔާރުން ޗުއްޓީގައި ތިއްބެވުމާއި ގުޅިގެން އިސްތިއުނާފްގެ މައްސަލަ މިހާރުވަނީ ހުއްޓުމަކަށް އައިސްފަ އެވެ. އިދިކޮޅުން އަންނަނީ މިކަމާއި ގުޅިގެން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަދުރޭ އިތުރަށް ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ބާއްވައިގެން ބާއްވާ ރިޔާސީ އިންތިހާބެއް އިންސާފުވެރިއެއް ނުވާނެ ކަމަށެވެ. އަދި ރައީސް ޔާމީން ޖަލަށް ލާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ބާރާއި ނުފޫޒު ބޭނުންކޮށްގެން ކަމަށްވެސް އަދުރޭ ވަނީ ތުހުމަތު ކުރައްވާފަ އެވެ.
ރައީސް ޔާމީންގެ މައްޗަށް ދަށު ކޯޓުން އިއްވާފައިވާ ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ނުކުރާހާ ހިނދަކު އެމަނިކުފާނަކަށް އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ. އަދި މިހާރު ކުރިއަށްދާ ފުއްގިރި މައްސަލަ ރައީސް ޔާމީނާއި ދެކޮޅަށް ނިމި ހުކުމެއް އަތުވެއްޖެ ނަމަ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު އިތުރަށް ހަނިވާނެ އެވެ.