ށ. ނަރުދޫ ކައުސިލްގައި ހިމެނޭ ފަސް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުން އެމްޑީޕީއަށް ސޮއި ކުރުމާއި އެކު އެ ކައުންސިލްގެ ހުރިހާ ގޮނޑިއެއް އެމްޑީޕީއަށް ލިބިއްޖެ އެވެ.
ނަރުދޫ ކައުސިލްގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ހަތަރު ކައުންސިލަރުން އެމްޑީޕީއަށް ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުގައި ނަރުދޫގައި ބޭއްވި ޖަލްސާގަ އެވެ. އެ ކައުންސިލަރުންގެ ފޯމްތަކާއި ހަވާލުވެވަޑައިގެންނެވީވެސް ރައީސް ސޯލިހެވެ.
އެމްޑީޕީއަށް މިއަދު ސޮއި ކުރައްވާފައިވަނީ ނަރުދޫ ކައުންސިލްގެ ރައީސް މުހައްމަދު މުސްތަރުސިދާއި ނައިބް ރައީސް އަލީ ޝަރީފާއި ކައުންސިލް މެމްބަރު މުހައްމަދު މަދީހު އާއި ސާމާ މުހައްމަދެވެ. މި ހަތަރު ކައުންސިލަރުންނަކީވެސް ކުރިން ޖުމްހޫރީ ޕާޓީގައި ތިއްބެވި ކައުންސިލަރުންނެވެ. ބާކީ ކައުންސިލުގައި ހުންނެވި އައިޝަތު މަޒާ އަކީ ކުރިންވެސް އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރެކެވެ.
ރައީސް ސޯލިހުގެ ކެމްޕޭން ދަތުރުފުޅުތަކުގައި ވަޑައިގަންނަވާ ގިނަ ރަށްރަށުގެ ކައުންސިލުގައި ތިއްބަވާ އެހެން ޕާޓީތަކުގެ މެންބަރުން އަންނަނީ އެމްޑީޕީއަށް ސޮއި ކުރައްވަމުންނެވެ. މީގެ އިތުރުން އެކި ރަށްރަށުން އެމްޑީޕީއާއި ގުޅޭ އާންމު މެންބަރުންވެސް އަންނަނީ އިތުރުވަމުންނެވެ.