މިދިޔަ އަހަރު ބޮކްސް އޮފީހުގައި އެންމެ ބޮޑު މަގްބޫލުކަމެއް ހޯދި ފިލްމް "ބާބީ" ފަހަތަށް ޖައްސާލައި، އެންމެ މޮޅު ފިލްމުގެ އެވޯޑް ޑައިރެކްޓަރު ކްރިސްޓޯފާ ނޯލަންގެ "އޯޕަންހީމާ" އަށް ލިބިއްޖެ އެވެ.
މިއަދު ބޭއްވި 81 ވަނަ ގޯލްޑެން ގްލޯބް އެވޯޑްސްގައި އެކި ކެޓަގަރީތަކުން ގިނަ ފިލްމުތަކެއް ނޮމިނޭޓްވެފައިވާއިރު، އެންމެ ގިނަ ނޮމިނޭޝަން ލިބުނު ދެ ފިލްމަކީ "އޯޕަންހައިމާ" އާއި "ބާބީ" އެވެ. ގިނަ ބަޔަކަށް ކަމުދިޔަ ނަމަވެސް ބާބީ ވަނީ ހުރިހާ ބޮޑެތި ކެޓަގަރީއަކުން "އޮޕެންހައިމާ" އާއި "ޕުއަ ތިންގްސް" އަށް ވުރެ ފަހަތަށް ޖެހިފައެވެ.
އެގޮތުން "ބާބީ" ނޮމިނޭޓްވި ކެޓަގަރީތަކުގެ ތެރޭގައި އެންމެ މޮޅު ކޮމެޑީ ނުވަތަ މިއުޒިކަލް، ސިނަމެޓިކް، އަދި ބޮކްސް އޮފީސް އެޗީވްމަންޓް، އެންމެ މޮޅު ލަވަ، އެންމެ މޮޅު ބަތަލާ (މާގޮޓް ރޮބީ)، ސްކްރީންޕްލޭގެ އިތުރުން އެންމެ މޮޅު ސަޕޯޓިން ބަތަލު (ރަޔަން ގޮސްލިންގް) ހިމެނެއެވެ. ޖުމްލަ 9 ކެޓަގަރީއަކަށް މި ފިލްމް ނޮމިނޭޓްވެފައިވީ ނަމަވެސް "ބާބީ" އަށް ލިބިފައިވަނީ އެންމެ 2 އެވޯޑްސް އެވެ. އެއީ ގޯލްޑަން ގްލޯބްސް ސިނަމެޓިކް އަދި ބޮކްސް އޮފީސް އެޗީވްމަންޓް އެވޯޑާއި އެންމެ މޮޅު ލަވަ، ބިލީ އައިލިޝް އާއި ފިނީސް އޯ ކޮނެލް ކިޔާފައިވާ "ވަޓް ވޯސް އައި މެޑް ފޯ؟" އަށެވެ.
"ބާބީ" އަކީ މިދިޔަ އަހަރުގެ އެންމެ ބޮޑު އާމްދަނީއެއް ލިބުނު އެއް ފިލްމަށްވީއިރު، އެންމެ ދެ އެވޯޑްސް ލިބުމަކީ ފިލްމުގެ ޑައިރެކްޓަރަށާއި ކާސްޓުންނަށް ލިބުނު ގެއްލުމެއްކަން ފާހަގަކުރެވެއެވެ. އެ ފިލްމަށް ވަނީ ދުނިޔޭގެ ފެންވަރުގައި 1.44 ބިލިއަން ޑޮލަރު ލިބިފައެވެ.
މި އެވޯޑް ހަފްލާގައި އެންމެ މޮޅު ފިލްމްގެ މަގާމުގެ އިތުރުން، ބައޮގްރަފިކަލް ތުރިލާއެއްގެ ގޮތުގައި ގެނެސްދިން "އޯޕަންހީމާ" އަށް ވަނީ ނޯލަން އަށް ލިބުނު އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑާއި، ޝިލިއަން މާފީ އަށް ލިބުނު އެންމެ މޮޅު އެކްޓަރުގެ އެވޯޑާއި، އެމިލީ ބްލަންޓަށް ލިބުނު އެންމެ މޮޅު ސަޕޯޓިން ބަތަލާގެ އެވޯޑާއި، ރޮބަޓް ޑައުނީ ޖޫނިއާ އަށް ލިބުނު އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އެވޯޑްގެ އިތުރުން އެންމެ މޮޅު ބެކް ސްކޯ އެވޯޑް ލިބިފައެވެ.
ނިއުކްލިއާ ހަތިޔާރު އުފެއްދުމުގައި މޭސްތިރިއެއްގެ ގޮތުގައި މަޝްހޫރުވި އެމެރިކާ ތިއަރެޓިކަލް ފިޒިސްޓް ޖޭ ރޮބަޓް އޯޕެންހީމާ އަށް ހާއްސަކޮށް ހެދި މި ފިލްމަށް ޖުމްލަ 100 މިލިއަން ޑޮލަރު ހަރަދުވެފައިވެއެވެ. އަދި ބޮކްސް އޮފީހުގައި އެ ފިލްމަށް ލިބިފައިވަނީ 954.7 މިލިއަން ޑޮލަރެވެ.
ގޯލްޑެން ގްލޯބްގެ އިތުރު ކާމިޔާބީތައް:
- މޮޅު މޯޝަން ޕިކްޗާ-މިއުޒިކަލް ކޮމެޑީ: ޕުއާ ތިންގްސް
- މޮޅު ބަތަލާ މޯޝަން ޕިކްޗާ-ޑްރާނާ: ލިލީ ގްލެޑްސްޓޯން (ކިލާސް އޮފް ދަ ފްލާވާ މޫން)
- މޮޅު ބަތަލާ މޯޝަން ޕިކްޗާ-މިއުޒިކަލް ކޮމެޑީ: އެމާ ސްޓޯން (ޕުއާ ތިންގްސް)
- މޮޅު އެކްޓަރު މޯޝަން ޕިކްޗާ-މިއުޒިކަލް ކޮމެޑީ: ޕޯލް ޖިއަމަޓީ (ދަ ހޯލްޑްއޯވާސް)
- މޮޅު ސަޕޯޓިން ބަތަލާ މޯޝަން ޕިކްޗާ: ޑަ ވީން ޖޯއި ރަންޑޯލްފް (ދަ ހޯލްޑްއޯވާސް)
- މޮޅު ސްކްރީންޕްލޭ-މޯޝަން ޕިކްޗާ: އެނަޓަމީ އޮފް އަ ފޯލް
- މޮޅު އެނިމޭޓެޑް ފިލްމު: ދަ ބޯއި އެންޑް ދަ ހެރޯން
- އެންމެ މޮޅު ބޭރު ފިލްމު: (އެނަޓަމީ އޮފް ދަ ފޯލް ފްރާންސް)
- އެންމެ މޮޅު ޓީވޫ ޑްރާމާ ސީރީޒް: ސަކްސެޝަން
- އެންމެ މޮޅު މިއުޒިކަލް/ކޮމެޑީ ސީރީޒް: ދަ ބެއާ