logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ވިއްސާރައިގައި ގެއްލުންވި 48 ގެއަކަށް 7 ލައްކަ ރުފިޔާގެ އެހީދެނީ

މިދިޔަ ހުކުރު ދުވަހު މާލެއަށް ކުރި ވިއްސާރައިގައި ފެންބޮޑުވެ، ފެންވަނުމުގެ ސަބަބުން ގެއްލުން ލިބުނު ގެތަކުގެ ތެރެއިން 48 ގެއަކަށް އެހީގެ ގޮތުގައި ޖުމްލަ ހަތް ލައްކަ ރުފިޔާގެ އެހީ ދޭން ނިންމާފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެންޑީއެމްއޭއިން ބުނީ މާލެއަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ހާދިސާއާއި ގުޅިގެން އެ އޮތޯރިޓީ، ދިވެހި ސިފައިން، ދިވެހި ފުލުހުން އަދި ދިވެހި ރެޑްކްރެސެންޓުގެ ހޮޓްލައިންތަކަށް 494 ކޯލް ލިބިފައިވާ ކަމަށެވެ.

އެގޮތުން، އެންޑީއެމްއޭއިން އިއްޔެ އާއްމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން ފެންވަނުމުގެ ސަބަބުން އެކިވަރުގެ ގެއްލުން ލިބުނު ތަންތަނުގެ އަދަދަކީ 227 އެވެ، އަދި އޭގެތެރެއިން 193 ތަނަކަށް ވަނީ އިޖާބަދެވިފައެވެ.

ފެންވަނުން ކޮންޓްރޯލް ކުރުމަށް ސިފައިންނާއި މާލޭ ސިޓީ ކައުންސިލް އަދި ފުލުހުންގެ އިތުރުން ޕަބްލިކް ވޯކްސްގެ އެހީތެރިކަމާއިއެކު 152 (ގޭގޭގެ އިތުރުން ސްކޫލް، ފިހާރަ އަދި ގުދަންތައް) ތަނެއްގައި 1018 ވެލިބަސްތާ ޖެހާފައިވާނެ ކަމަށް އެ އޮތޯރިޓީއިން ބުނެއެވެ. އަދި ވަގުތުން އެހީތެރިކަން ބޭނުންވާ 43 ގޭބިސީއެއްގެ ރެޕިޑް އެސެސްމަންޓް ދިވެހި ރެޑްކްރެސެންޓްގެ އެހީތެރިކަމާއެކު ހެދުނުކަން އެ އޮތޯރިޓީއިން ފާހަގަކުރެއެވެ.

މި ހާދިސާއާއި ގުޅިގެން ޑެމޭޖް އެސެސްމަންޓް ހަދަންޖެހޭ ކަމަށް ނިންމުނީ 78 ތަނަކަށް ކަމަށާއި އޭގެ ތެރެއިން 53 ގޭބިސީއެއްގެ އެސެސްމަންޓް ނިމިފައިވާއިރު 48 ގެއަކަށް އެހީދިނުމުގެ އުސޫލުގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.

އެންޑީއެމްއޭއިން ބުނި ގޮތުގައި ޒަރޫރީ ހިފާގެންގުޅޭ ތަކެއްޗަށާއި ސްޓްރަކްޗަރަލް ގެއްލުންތަކަށް 1,111,842.50 ރުފިޔާގެ ގެއްލުން ލިބިފައިވާއިރު، އެސެސްމެންޓް ހެދުނު ގެތަކަށް، ކާރިސާތަކުގައި އިންސާނީ އެހީ ފޯރުކޮށްދިނުމުގެ އުސޫލުގެ ތެރެއިން އެހީގެ ގޮތުގައި 711,541.70 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެއެވެ.

އެއީ:

  • ޒަރުރީ ހިފާ ގެންގުޅޭ ތަކެއްޗަށް ޖުމްލަ ގެއްލުމުގެ 20 ޕަސެންޓަށް ވާ 100,075.20 ރުފިޔާ
  • ސްޓްރަކްޗަރަލް ގެއްލުންތަކަށް ޖުމްލަ 611,466.50 ރުފިޔާ

ވިއްސާރައިގައި ގެއްލުންވި 19 ތަނަކުން އެސެސްމަންޓް ހަދަން ބޭނުން ނުވާ ކަމަށް ބުނެފައިވާއިރު، ހަ ތަނަކަށް އެކި ސަބަބުތަކާ ހެދި ނުވަދެވުމުގެ ސަބަބުން އެސެސްމަންޓް ހެދިފައިނުވާކަން އެންޑީއެމްއޭއިން ފާހަގަކޮށްފައިވެއެވެ.

އެންޑީއެމްއޭއިން އިތުރަށް ބުނީ 18 ގޭބިސީއެއްގެ 110 މީހުންނަށް ދެ ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ހަމަޖައްސައި ދެވުނު ކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *