logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

ހެޕަޓައިޓިސް ބީ, ޖިންސީ ގުޅުމުން ޖެހޭ ނުރައްކާތެރި ބައްޔެއް!

އިއްޔެ އެޗްޕީއޭ އިން ވަނީ، ރާއްޖެ އަކީ ހެޕަޓައިޓިސް ބީ ކޮންޓްރޯލްވެފައިވާ ގައުމެއް ކަމަށް ޑަބްލިއުއެޗްއޯއިން ކަނޑައެޅިކަން އިއުލާންކޮށްފައެވެ.

ޑަބްލިއުއެޗްއޯ އިން އެގޮތަށް ނިންމީ، ހެޕަޓައިޓިސް ވެކްސިން ދިނުމުގައި ގިނަ އަހަރުތަކެއް މަސައްކަތްކޮށް، ރާއްޖޭގެ ގިނަ އަދަދެއްގެ ކުޑަކުދިންނަށް ހެޕަޓައިޓިސް އެ ވެކްސިން ދެވިފައިވާތީ އާއި ހެޕަޓައިޓިސް ބީ ފެތުރޭތޯ ބެލުމަށް ކުރިއަށްގެންދިޔަ ސާވޭގެ ތެރެއިން، އުމުރުން 6 އަހަރާއި 7 އަހަރާ ދެމެދުގެ ސްކޫލް ކުދިންގެ ގައިން އެ ބަލި ފެނިފައި ނުވާތީ އެވެ.

ނަމަވެސް، ހަގީގަތަކީ، ރާއްޖޭގައި އަދިވެސް އެބަލި ހުރި ގިނަ ބަޔަކު އުޅޭކަމެވެ. ހާއްސަކޮށް ރާއްޖެ އަންނަ ބިދޭސީންގެ ގައިން އެބަލި ފެނިފައި އެބަހުއްޓެވެ. އެހެންކަމުން ހާއްސަ ސަމާލުކަމެއް ދޭންވީ ކަމެކެވެ.

ކިހިނެއް ޖެހޭ ބައްޔެއް ؟

ހެޕަޓައިޓިސް ބީ އަކީ ވައިރަސް އެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. މިއީ ފުރަމޭ (ލިވަރ) ދުޅަވުމުގެ ވައްތަރެކެވެ. ހެޕަޓައިޓިސް ބީ ކުޑަ ދުވަސްކޮޅަކަށް ވެސް ޖެހިދާނެ އެވެ. އަދި ބަލީގައި ދިގުލައި ދިގުމުއްދަތަކަށް ބަލި ދެމިގެން ވެސް ހިގައިދާނެ އެވެ. ދާއިމީ ބައްޔެއްގެ ގޮތުގައި މުޅި އުމުރަށް ހެޕަޓައިޓިސް ބީ ދެމިހުންނަނީ ބަލިޖެހޭމީހުންގެ ތެރެއިން 15 އިންސައްތަ މީހުންގެއެވެ. މިއީ ބަލިޖެހުމަށްފަހު ބަލީގެ ވައިރަސް ހަށިގަނޑުން ބޭރުކޮށް ނެތިކޮށްލުމަށް އެމީހުންގެ ހަށިގަނޑު ނުކުޅެދިފައިވާ މީހުންނެވެ.

މަޔޯ ކްލިނިކް އިން ބުނެފައިވާ ގޮތުގައި ހެޕަޓައިޓިސް ބީ ޖެހުމަށް މެދުވެރިވެދާނެ ކަންތައްތަކުގެ ތެރޭގައި ވައިރަސް ހުރި ލޭއެޅުން، ވައިރަސް އާއި ތަޣައްޔަރުވެފައި ހުރި ސިރިންޖު، ތިނޯސް، ކަށި، އެނޫންވެސް ހަށިގަނޑުގެ ދިޔައެއް ނުވަތާ ލޭ ޖެހިފައި ހުރި އެއްޗެއްް ބޭނުންކުރުން، ބަލިޖެހިފައިވާ މީހަކާއި އެކު ޖިންސީގުޅުން ހިންގުން، ވައިރަސް ހުރި މީހެއްގެ ލޭ، ހަށިގަނޑުން ބޭރުވިދިޔައެއް ސަލާމަތުން ހުރިމީހާގެ ހަށިގަނޑަށް އަނގައިގެ ޒަރިއްޔާ އިން، ނުވަތަ ނޭނގިނަމަވެސް ކެނޑިފައިވާ ފާރުކޮޅެއް ފަދަ ތަނަކުން ވާސިލްވުން، އަދި ބަލިޖެހިފައިވާ މައިމީހާގެ ފުށުން ގާތުންދިނުމުގެ ތެރޭގައި ކުޑަދަރިފުޅަށް ބަލި ފޯރުން ފަދަ ކަންތައްތައް ހިމެނެއެވެ.

ބަލީގެ އަލާމާތް

ހެޕަޓައިޓިސް ބީ ގެ އަލާމާތްތައް އެކި މީހުންނަށް ތަފާތުވެދާނެއެވެ. އަދި މި ވައިރަހުގެ އަސަރުކޮށް އަލާމާތް ނުފެނިވެސް ހުރެދާނެއެވެ. އެހެން ނަމަވެސް އާންމުގޮތެއްގައި މި ބަލީގައި ފެންނަ އަލާމާތްތަކުގެ ތެރޭގައި ދޭތެރެ ދޭތެރެއިން ހުން އައުމާއި، ގައިގެ އެކި ތަންތަން ދުޅަވެފައި ހުރުމާއި ކުޑަކަމުދާ ތަކެތީގެ ކުލަ ގަދަ ވުމާއި، ހުޅުހުޅާއި ގައިގެ އެކި ހިސާބުތަކުގައި ރިހުމާއި، ގައިގައި ވަރު ނެތުން ނުވަތަ ވަރުބަލިވުމާއި، ދަށްބަނޑަށް އުނދަގޫ ވެފައި ހުރުމާއި އަދި ހަންގަނޑާއި ލޮލުގެ ހުދުބައި ރީނދޫވެފައި ހުރުން ހިމެނެއެވެ. އަދި މިނޫނަސް އެކި އެކި އަލާމާތްތައް ފެނުމަކީ އެކަށީގެންވާ ކަމެކެވެ. މިފަދަ އަލާމާތެއް ފެންނަ ނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ އެހީތެރިކަން ހޯދަން ވާނެއެވެ.

ބަލިން ސަލާމަތް ވުމާއި ރައްކާތެރިވުން

މި ބައްޔަށް އެކަށީގެންވާ ފަރުވާ ނުދެވުމަކީ އޭގެ ސަބަބުން ނުރައްކާތެރި އެތައް ކަމެއް ހިނގާފާނޭ ކަމެކެވެ. އެގޮތުން ފުރަމޭ ގިރުމާއި، ފުރަމޭގެ މަސަައްކަތް ހުއްޓުމާއި، ފުރަމާގެ ކެންސަރުފަދަ ބަލިތައް ޖެހުމަށް މަގުފަހިވެއެވެ.

ހެޕަޓައިޓިސް ބީ އިން ރައްކާތެރިވުމަށް އޮތް ހައްލަކީ ވެކްސިން ޖެހުމެވެ. ދެން އޮތް ރައްކާތެރިކަމަކީ ބަލި ޖެހިފައިވާ މީހާ އާއި ކައިރިން ބައްދަލުވާ ހިނދު ސަލާމަތީ ގޮތުން ސަމާލުކަން ދިނުމެވެ. އަދި ނަހަމަގޮތުގައި ޖިންސީގުޅުން ނުހިންގުމެވެ.  މި ބައްޔަށް ހާއްސަ ފަރުވާއެއް ނެތް ނަމަވެސް މިބަލީގެ އަލާމާތްތަކަށް ފަރުވާ ކުރެއެވެ. އެއާއި އެކު އެންޓިވައިރަލް ބޭހެއް ދެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *