logo minivan

English

ހުކުރު, 27 ޑިސެމްބަރ 2024
އެމްޓީޑީސީގެ ވެބްސައިޓް މިދިޔަ އަހަރުގެ ވެބްރުއަރީމަހު ރީބްރޭންޑް ކުރުމުގެ ތެރެއިން---

ރީބްރޭންޑް ކުރިތާ އަހަރެއް ނުވަނީސް، އެމްޓީޑީސީގެ ވެބްސައިޓް އަނެއްކާވެސް ބަދަލުކުރަނީ

ސަރުކާރާއި ރައްޔިތުން ހިއްސާވާ ޓޫރިޒަމް ކުންފުނި، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ވެބްސައިޓް ރީ ބްރޭންޑް ކުރިތާ އަހަރެއް ނުވަނީވެސް، އަނެއްކާވެސް އެކުންފުނީގެ ވެބްސައިޓް އަލަށް ފަރުމާކުރުމަށް ނިންމައިފިއެވެ.

އެމްޓީޑީސީން ވަނީ އެ ކުންފުނީގެ ވެބްސައިޓް ފަރުމާކުރުމަށް ބޭނުންވާ ފަރާތެއް ހޯދުމަށް ދިވެހި ސަރުކާރުގެ ގެޒެޓްގައި އިއުލާނުކޮށް، އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޖެނުއަރީމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް އެކަން ހުށަހެޅުމަށް އެދިފައެވެ.

އެމްޓީޑީސީގެ ވެބްސައިޓް އަލުން ފަރުމާކުރުމަށް ނިންމާފައިވާއިރު، އެމްޓީޑީސީއަށް 15 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިދިޔަ އަހަރުގެ ފެބްރުއަރީމަހު ކުރުނބާ މޯލްޑިވްސްގައި ހާއްސަ ރަސްމިއްޔާތެއްގައި ވަނީ އެކުންފުނީގެ އައު ލޯގޯ އާއި އައު ވެބްސައިޓް ލޯންޗުކޮށްފައެވެ. އެމްޓީޑީސީން އެކުންފުނީގެ ވެބްސައިޓް އަލުން ފަރުމާކުރުމަށް ނިންމި ސަބަބެއް ހާމައެއް ނުކުރެއެވެ.

އެމްޓީޑީސީއަކީ ފަތުރުވެރިކަމުގެ މަންފާ ދިވެހި ރައްޔިތުންނަށް ސީދާ ގޮތެއްގައި ހޯދައިދިނުމުގެ ގޮތުން ރައީސް މައުމޫނުގެ ވެރިކަމުގައި 2006 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ.

އެމްޓީޑީސީއަށް ރިސޯޓް ތަރައްޤީކުރުމަށް ސަރުކާރުން 9 ރަށެއް ދިންއިރު، މީގެ ތެރެއިން މިހާރު އެމްޓީޑީސީއަށް ނަފާވަނީ އެންމެ ދެ ރިސޯޓުންނެވެ. އެއީ އަނަންތަރާ ކިހަވަށް ވިލާސް އާއި އަޔާޑާ މޯލްޑިވްސް އެވެ. އެމްޓީޑީން ކުރިއަށްގެންދިޔަ ޓޫރިޒަމް ޕްރޮޖެކްޓްގެ ތެރެއިން ހެރެތެރެ ރިސޯޓް އަދި ހއ އުލިގަމްގައި ތަރައްޤީކުރަންފެށި ސިޓީ ހޮޓާ މަޝްރޫއު އިން ބޮޑެތި ގެއްލުންތަކެއް ލިބިގެންދިޔައިރު، މިހާރު އެކުންފުނީގެ އެންމެ ބޮޑު އުއްމީދަކީ ހދ އަތޮޅުގައި ތަރައްޤީކުރަމުންދާ ނާގޯށި ރިސޯޓެވެ. އެ ރިސޯޓަކީ 230 އެނދުގެ ރިސޯޓެކެވެ.

އެމްޓީޑީސީ ވުޖޫދަށް އައިތާ 17 އަހަރުވެފައިވާއިރު، ފަތުރުވެރިކަމުން ލިބެންޖެހޭ ހަގީގީ މަންފާ އަދި މިހާތަނަށް އެކުންފުނިން ލިބެމުން ނުދާކަމަށް އާއްމު ހިއްސާދާރުން ކޮންމެ އަހަރެއްގެ އަހަރީ އާއްމު ޖަލްސާގައި ފާހަގަކުރެއެވެ.

 

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *