އަންނަ ރޯދަމަހުގެ ތެރޭގައި ބާއްވަން ހަަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓްލާ މަރުކަޒުތަކުގައި އޮފިޝަލުންގެ ގޮތުގައި މަސައްކަތްކުރާނެ މީހުން ހޯދަން އިލެކްޝަން ކޮމިޝަން (އީސީ) އިން އިއުލާންކޮށްފިއެވެ.
އީސީން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މާޗް 5 އާ ހަމައަށް މި ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މި ލިންކް https://my.elections.gov.mv މެދުވެރިކޮށް އެޕްލައި ކުރެވޭނެ ކަމަށާއި ޕޯޓަލްއަށް ލޮގިން ކުރެވޭނީ ވެރިފައިޑް އީ-ފާސް އެކައުންޓެއް މެދުވެރިކޮށް ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.
އޮފިޝަލުންގެ ޝަރުތުތައް:
- އުމުރުން 18-65 އަހަރާއި ދެމެދުގެ މީހަކަށްވުން
- އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަގާމެއް އަދާކުރަމުން އަންނަ މީހަކަށް ނުވުން
- އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވާ މީހަކަށް ނުވުން
- އޮފިޝަލެއްގެ މަސްއޫލިއްޔަތު އަދާކުރެވޭނެ ތައުލީމާއި ތަޖުރިބާ ހުރުމާއި ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒު ކުރަމުންދާ މީހަކަށް ނުވުން
- ސްކޫލް ދަރިވަރަކަށް ނުވުން
އެގޮތުން، ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް އުޖޫރައިގެ ގޮތުގައި 2،650ރ، ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް 2،350ރ، ވޯޓުލާ މަރުކަޒެއްގެ އޮފިޝަލަކަށް 2،250ރ. އަދި ރިޒާވް އޮފިޝަލަކަށް 1،000ރ ލިބޭނެ ކަމަށް އީސީން ބުނެފައިވެއެވެ.
އަދި އުޖޫރައިގެ އިތުރުން އިންތިހާބު އޮންނަ ދުވަސް ރަމަޟާން މަހުގެ ދުވަހަކަށް ދިމާވާތީ 500ރ. ގެ އެލަވަންސެއް ވޯޓުލާމަރުކަޒުގައި ހަރަކާތްތެރިވާ ކޮންމެ އޮފިޝަލަކަށް ލިބޭނެ ކަމަށް ވެސް އީސީން ބުނެފައިވެއެވެ. އޭގެ އިތުރުން، ކެއުމާއި ސައި ކޮމިޝަނުން ހަމަޖައްސައިނުދޭ ނަމަ ކެއުމާއި ސަޔަށްވާ ފައިސާ އޮފިޝަލުންގެ އެލަވަންސްއާ އެކީ ޖަމާކޮށް ދޭނެއެވެ. އެއީ ރޯދަވީއްލުމަށް 250ރ. އަދި ތަރާވީސް ދަމަށް 100ރ. އެވެ.
އޮފިޝަލުންނަށް ވާން ކުރިމަތިލާ މީހުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމް އަންނަ މަހުގެ 24 އާއި މާޗް 10 އާ ދެމެދު ބާއްވަން އީސީން ނިންމާފައިވާއިރު، މި ޕްރޮގްރާމް ފުރިހަމަނުކުރާ ފަރާތްތަކުން އޮފިޝަލަކަށް ނުވެވޭނެ ކަމަށް އީސީން ވަނީ ބުނެފައެވެ.
މަޖިލިސް އިންތިހާބު ބާއްވަން ނިންމާފައިވަނީ މާޗް 17 ގައެވެ.