logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024
ޕީއެންއެފުން ބޭއްވި ޖަލްސާއެއްގެ ތެރެއިން---

ފްރަންޓް އޮފީހުން ބާއްވާ ޖަލްސާތަކުން ސަރުކާރުން ދަރުސް ނަގާތީ އުފާކުރަން: ޑރ.ޖަމީލް

ކުރީގެ ރައީސް ޔާމީނު އިސްވެ ހުންނަވައިގެން އުފައްދާފައިވާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ޖަލްސާތަކުން ރައީސް ޑރ.މުޢިއްޒާއި ކެބިނެޓްގެ މެމްބަރުން ދަރުސް ނަގާކަމީ އުފާކުރައްވާ ކަމެއްކަމަށް ރައީސް ޔާމީނުގެ އިސް ވަކީލް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ.ޖަމީލް މިހެން ވިދާޅުވެފައިވަނީ، ގެއްލުނު ކަނޑުގެ ސަރަހައްދުން ހޯދުމަށް ފަށާފައިވާ މަސައްކަތުގައި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރުގެ އެހީތެރިކަން ނުހޯއްދަވާތީ ރައީސް ޔާމީނު ސުވާލު އުފައްދަވާފައި ވަނިކޮށް، ސަރުކާރުން އެންމެފަހުން މިއަދު އެ މައްސަލައިގައި ޑރ މުނައްވަރުގެ އެހީތެރިކަން ހޯދުމަށް ނިންމުމާއި ގުޅިގެންނެވެ.

ގެއްލުނު ކަނޑުގެ މައްސަލަ ސަރުކާރުން އަލުން މުރާޖައާ ކުރުމަށް ނިންމާފައިވާއިރު، އެކަމުގައި ޑރ. މުނައްވަރުގެ އެހީތެރިކަން ނުހޯއްދަވާތީ އެކަމާމެދު ރައީސް ޔާމީނު ސުވާލު އުފެއްދެވީ އެންމެފަހުން ޕީއެންއެފުން ބޭއްވި ޖަލްސާގައެވެ.

ޑރ.ޖަމީލް މިއަދު އެކްސްގައި ވިދާޅުވީ ސަރުކާރުން ރ. ޔާމީނުގެ ވާހަކަތައް އަޑު އަހައި ދަސްކުރަން ވަގުތު ހޭދަކުރުން ބުއްދިވެރިކަމަށެވެ.

ދައުލަތުގެ ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލިފައިވާ ބައި އަނބުރާ ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ބައިނަލްއަޤްވާމީ ކަނޑުތަކުގެ ގާނޫނާބެހޭ މާހިރެއްކަމަށްވާ ޑރ މުޙައްމަދު މުނައްވަރާއި ބޭރުގެ ޤާނޫނީ ތަޖުރިބާކާރުންނާއި މަޝްވަރާކުރުމަށްފަހު، އެބޭފުޅުންގެ ލަފާގެ މަތިން ކަމަށެވެ.

ޗާގޯސް ކަނޑުގެ މައްސަލާގައި އިޓްލޮސްއިން ނިންމި ނިންމުން ދިރާސާ ކުރުމަށްފަހު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި ހޯދުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ބުނީ ޑރ.މުނައްވަރުގެ އިތުރުން މިކަމުގައި ލަފާ ހޯއްދެވުމަށް ނިންމާފައިވާ އިތުރު ފަރާތްތަކުގެ ތެރޭގައި ހިމެނެނީ، އިނގިރޭސިވިލާތުގެ ކިންގްސް ކައުންސެލްއަކާއި ކަނޑުތަކުގެ ޤާނޫނާބެހޭ މޯލްޓާގެ ކަމާބެހޭ ތަޖުރިބާކާރެކެވެ.

މި ބޭފުޅުންނާ ޙަވާލުކުރެވިފައިވާ މައިގަނޑު މަސައްކަތުގެ ތެރޭގައި ހިމެނެނީ، އިޓްލޮސްއިން ނިންމާފައިވާ ނިންމުން ދިރާސާކުރުމާއި، އެ މައްސަލަ އިޓްލޮސްގައި ކުރިޔަށްދިޔައިރު ދިވެހިރާއްޖެއިން ހުށަހަޅާފައިވާ ހުށަހެޅުންތަކުގައި ހުރި މައްސަލަތައް ދެނެގަތުމެވެ.

މީގެ އިތުރުން މި މައްސަލަ ހިނގަމުންދަނިކޮށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސާލިޙްގެ ފަރާތްޕުޅުން 22 އޮގަސްޓް 2023 ގައި މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީއާ ގުޅިގެންނާއި، އެ ބޭފުޅުންގެ ނަޒަރުގައި މި މައްސަލާގައި ދިވެހިރާއްޖެއިން ނެގެން ހުރި ދިފާޢުތަކަކީ ކޮބައިތޯ އަދި އެ ގޮތަށް ޢަމަލުކުރިނަމަ މައްސަލައިގެ ނިންމުމަށް ބަދަލެއް އައުމުގެ ފުރުޞަތު އޮތްތޯ ބެލުމުގެ މަސައްކަތްވެސް ހިމެނެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ