މިއަދު ކުރިއަށްދިޔަ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ކުރިއަށް އޮތް ދައުރުގެ ރައްޔިތުން މަޖިލިސް އިންތިހާބުގެ ޕްރައިމަރީގައި މީގެ ކުރިން ރައްޔިތުން މަޖިލީސް ތަމްސީލް ކުރެއްވި ފާހަގަކޮށްލެވޭ މެމްބަރުން ޓިކެޓް ކަށަވަރުކޮށްފިއެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ޓިކެޓް ކަށަވަރުކުރި ފާހަގަކޮށްލެވޭ މެމްބަރުންގެ ތެރޭގައި، އިނގުރައިދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި މުހައްމަދު ފަލާހު، ހޯރަފުށީ ދާއިރާގެ މެމްބަރުކަން ކުރެއްވި މުހައްމަދު އިސްމާއީލް، މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބުދުﷲ ރިފާއު (ބޮޗޭ) ގެ އިތުރުން ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބުދުލް ލަތީފް ފާހަގަކޮށްލެވެއެވެ.
މީގެ ތެރެއިން ފަލާހު މިފަހަރުވެސް ކުރިމަތިލައްވާފައިވަނީ އިނގުރައިދޫ ދާއިރާއަށެވެ. އިސްމާއީލް މުހައްމަދު ވިލިމާލޭ ދާއިރާއަށް ކުރިމަތިލެއްވިއިރު، ބޮޗޭ ކުރިމަތިލެއްވީ މާފަންނު ދެކުނު ދާއިރާއަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ޓިކެޓް ކަށަވަރުކުރި ފާހަގަކޮށްލެވޭ އިތުރު ފަރާތްތައް:
- މިލަންދޫ ދާއިރާ: ހަސަން މުފީދު
- ދިއްދޫ ދާއިރާ: ޢަބްދުލް ލަތީފް
- މާފަންނު މެދު ދާއިރާ: އަސްމާ ރަޝީދު
- ތިނަދޫ އުތުރު ދާއިރާ: ސައުދުﷲ ހިލްމީ
ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދިޔަ ގޮތާއި ބެހޭގޮތުން މިއަދު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މަދުވެގެން 62 ގޮނޑި ކާމިޔާބު ކުރާނޭކަމަށެވެ. އެގޮތުން ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތައް ރައްޔިތުން ބަލައިގަންނަ ކަމަށާއި، ވެރިކަންކުރާ ކޯލިޝަނަށް 62 ގޮނޑި ލިބޭނޭކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.