އިއްޔެ ބޭއްވި ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި އެ ޕާޓީގެ ޓިކެޓް ކަށަވަރުކުރި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް މަރުހަބާ ދަންނަވައިފިއެވެ.
އެމަނިކުފާނު މިއަދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޕްރައިމަރީ ކާމިޔާބު ކުރި ފަރާތްތަކަށް މަރުހަބާ ވިދާޅުވެ، ޕްރައިމަރީގައި ވާދަކުރި އެހެނިހެން ކެންޑިޑޭޓުންގެ ހިތްވަރު ފާހަގަކުރައްވާފައެވެ.
"އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ތިޔަ ކެނޑިޑޭޓުންނަށް ފުރިހަމަ ކާމިޔާބީއަކަަށް އެދެން." އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
PPM/PNC މަޖިލިސް ޕްރައިމަރީ ކާމިޔާބުކުރައްވާ، ޓިކެޓު ހޯއްދެވި އެންމެހާ ކެނޑިޑޭޓުންނަށް މަރުޙަބާ ދަންނަވަން. އަދި ވާދަކުރެއްވި އެންމެހާ ކެނޑިޑޭޓުންގެ ހިތްވަރަށް ސާބަސް ދަންނަވަން. އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ތިޔަ ކެނޑިޑޭޓުންނަށް ފުރިހަމަ ކާމިޔާބީއަކަަށް އެދެން. pic.twitter.com/M3sjuo8RyR
— Hussain Mohamed Latheef (@HucenSembe) January 28, 2024
އިއްޔެ ބޭއްވި ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި 73 ދާއިރާއަށް 283 ކެންޑިޑޭޓުން ވަނީ ވާދަކޮށްފައެވެ. މި ޕްރައިމަރީގައި 71،597 މީހަކަށް ވޯޓުލުމުގެ ހައްގު ލިބުނުއިރު، މިއީ މިހާތަނަށް ރާއްޖޭގައި ބޭއްވުނު އެންމެ ބޮޑު ޕްރައިމަރީ ކަމަށް ޕީއެންސީން ބުނެފައިވެއެވެ.
ޕްރައިމަރީގެ ކުރިން ބައެއް ދާއިރާތަކަށް އިތުރު މެމްބަރުން ކުރިމަތި ނުލާތީ، ޕްރައިމަރީއަކާ ނުލައި ޕީޕީއެމް/ ޕީއެންސީގެ 13 މެމްބަރަކަށް ރައްޔިތުން މަޖިލީހުގެ މެމްބަރުކަމަށް ވާދަކުރުމަށް ޓިކެޓް ވަނީ ކަށަވަރުވެފައެވެ.
ރައްޔިތުންގެ މަޖިލިސް އިންތިހާބު ބާއްވަން ނިންމާފައިވަނީ އަންނަ މާޗު މަހުގެ 17 ވަނަ ދުވަހުގައެވެ. އެއީ ރޯދަމަހުގެ ފުރަތަމަ ހަފްތާއެވެ.