ރައީސުލްޖުމްހޫރިއްޔާ އަޒަލުކުރާ ވާހަކަ އެމްޑީޕީ އާއި ޑިމޮކްރެޓްސްއިން ރައީސުލްޖުމްހޫރިއްޔާ އަޒަލްކުރަން މަސައްކަތްފެށި ވާހަކަ އިއުލާންކުރުމާއެކު ސަރުކާރަށް ނިސްބަތްވާ ސިޔާސީ ފަރާތްތަކުން އަޑީގައި ތިބެ ސޯޝަލް މީޑިޔާގައި ތުހުމަތުތަކެއް ފަތުރަން ފެށިއެވެ. އެއީ އިންޑިޔާއިން ގިނަ އަދަދެއްގެ ފައިސާ ގެނެސްގެން ދިވެހިރާއްޖޭގެ ވެރިކަން ބަދަލުކުރުމަށް މަސައްކަތްކުރާކަމުގެ ތުހުމަތެވެ.
ސޯޝަލް މީޑިޔާގެ ބައެއް ޕްލެޓްފޯމްތަކުގައި އަޑުފަތުރާފައި އޮތީ، ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި އޭނާގެ ޒަމާންވީ އެކުވެރިޔާ ޗާންދަނީ އިސްމާއިލް ޝުޖާއު (އިންމަ) އާއި ދެބޭފުޅުން ދާދި ފަހުން ލަންކާއަށް ވަޑައިގެން އިންޑިޔާގެ ބަޔަކާ މަޝްވަރާކޮށް، އެމީހުން އަތުން ގިނަ އަދަދެއްގެ ފައިސާ ރާއްޖެ ގެނެސް، ރާއްޖޭގެ ވެރިކަން ބަދަލުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.
ސަރުކާރަށް ނިސްބަތްވާ ސިޔާސީ ބޭފުޅުން އަޑީގައި ތިއްބަވައިގެން ފަތުރާ މި ވާހަކަތަކުގައި ހިމެނޭ ސުޖާއުއަކީ ޑރ. މުއިއްޒުގެ ރިޔާސީ ކެމްޕޭނަށް ހަރަދުކުރެއްވި ބޭފުޅެކެވެ. މާލޭ ސިޓީގެ މޭޔަރަކަށް ނެރުއްވި އާޒިމާ ޝަކޫރުގެ ކެމްޕޭނަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ކެމްޕޭނުގައި އަމަލީ ގޮތުން ބައިވެރިވެ، އަދި ވޯޓުލީ ދުވަހު އާޒިމާގެ ފަރާތުން ވޯޓުލުމަށް މީހުން ނެރުމަށްޓަކައި އަމިއްލައަށް ޚަރަދުކުރައްވައިގެން ވެހިކަލާއި އެވެހިކަލްތަކުގައި އާޒިމާ ވިދާޅުވާ ގޮތަކަށް ހަރަކާތްތެރިވާނެ ޓީމެއްވެސް ގެންގުޅުއްވިއެވެ. އެއިން އެއްވެސް ކަމެއްގެ އަގު ވަޒަން ކުރުމެއް ނެތި ސަރުކާރުން އިންމަގެ ބޮލުގައި ވެސް އެއެޅުވީ ބަގާވާތަކުން ވެރިކަން ބަދަލުކުރަން އުޅޭ ކަމުގެ ތުހުމަތެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގިނަ އަދަދަކަށް ލާރި ދީގެން ރައީސުލްޖުމްހޫރިއްޔާ އަޒަލްކުރުމަށް މަސައްކަތްކުރާކަމުގެ ދޮގު އިލްޒާމް އެޅުވުމަކީ ތަހުޒީބު ބަޔަކު ކުރާނެ ކަމެއް ނޫނެވެ. އެއީ އެއްވެސް ހެއްކެއް ހަގީގަތެއް އެކަމުގައި އެކުނުލެވޭތީއެވެ.
އަބްދުﷲ ޝާހިދުއާއި އިސްމާއިލް ސުޖާޢު ގުޅިގެން ޑރ. މުއިއްޒުގެ ވެރިކަން ބަދަލުކުރަން ޖެހޭ ސަބަބަކީ ކޮބައިތޯއެވެ. އެމްޑީޕީއާއި ޑިމޮކްރެޓްސްގެ ޕާލިމެންޓްރީ ލީޑަޝިޕުން ހިންގާނެ ކަމަށް އިއުލާނުކުރި ކަމެއްގެ ޒިންމާ އެދެބޭފުޅުންގެ ބޮލުގައި އަޅުވަން ޖެހޭ ސަބަބަކީ ކޮބައިތޯއެވެ. މިކަމުގައި މައިގަނޑު ދެ ބޭނުމެއް އެބައޮތެވެ. އެއީ އެބޭފުޅުންގެ އަބުރާއި ނަފްސު ކަތިލުމާއި އަނެކުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމެވެ.
އެމްޑީޕީގެ ރައީސް ކަމަށް ވަޑައިގަންވާނެ ކަމަށް ބެލެވޭ ޝާހިދުގެ ޚާދިޖީ ގުޅުންތައް ވަރުގަދަވެފައި ހަރުދަނާކަމުން ސަރުކާރުން އެކަމާ ގަންނަނީ އަމަށަކު ބިރެއްނޫނެވެ. ބޭރުގެ ޕްރެޝަރުގައި ސަރުކާރު ޖެއްސުމަށް ޝާހިދުގެ ދައުރުފުޅާވެފައި ބޮޑުވެދާނެ ކަމަށް ގަބޫލުކޮށް، ޝާހިދުގެ ނަފްސު ލަތިލާލައި، ބަލިކަށިކޮށްލުމަކީ ވެސް ވެރިކަމުގެ ފަރާތަށް ވާގިވެރިވާ ގްރޫޕުތަކުން ފޮރުވިގެންތިބެ ހިންގާ މުޑުދާރު އަމަލެކެވެ. އެއްވެސް ހަގީގަތެއް ނެތް ޔޯލަ ވާހަކައަކަށް މިފަދަ ނޭއްގާނީ ވާހަކަތައް ފެތުރުމަކީ ތަސައްރަފު ފުދޭ ސިޔާސީ ބަޔަކު ކުރާނެ ކަމެއް ނޫނެވެ.
އިސްވެ އިންޑިޔާއަށް ހަރުކަށިކަމުގެ ބަހުގެ ހަމަލާތައް ދެއްވަން ފެއްޓެވީ ރައީސް ޑރ. މުޢިއްޒުއެވެ. ތެދެކެވެ. އަބްދުﷲ ޝާހިދުގެ ފޮރިން މިނިސްޓަރުކަމުގައި އާދަޔާ ޚިލާފު ގާތް، ހަރުދަނާ ގުޅުމެއް ގާއިމްކުރައްވާފައިވާ އިންޑިޔާއިން އެކަމާ އެހާ ގަޔާވާ ކަމަކަށް އެކަން ނުވިއެވެ. އެހެންވެ އިންޑިޔާއިން ނިންމީ ވާހަކަ ދައްކައިގެން، ޚިޔާލު ތަފާތުވުންތަކަށް ހައްލެއް ގެނެސް، ދެ ގައުމުގެ ގާތް ރަހުމަތްތެރިކަމުގެ ގުޅުމަށް ބުރޫ ނާރާނެ ގޮތަކަށް ކަންކަން ތަރުތީބުކޮށް ޑރ. މުޢިއްޒުގެ ސަރުކާރުން އިންޑިޔާއާ މެދު ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދުމެވެ. މިކަމުގެ އެއްވެސް ހިސާބެއްގައި އަބްދުﷲ ޝާހިދު ދައުރެއް ނެތެވެ.
ޑރ. މުޢިއްޒުގެ ވެރިކަން ފެށިގެން މިހާތަނަށް އައިއިރު އިންޑިޔާގެ ނުފޫޒު ގަދަ ސިޔާސީ ބަޔަކާ ނުވަތަ އިންޑިޔާގެ މިހާރުގެ ސަރުކާރަށް މަދަދުވެރިވާ ލޮބީސްޓަކާވެސް، ވިޔަފާރިވެރިޔަކާވެސް ސިޔާސީ މަގުސަދެއްގައި ޝާހިދުވެސް އަދި ޝުޖާއު ވެސް ބައްދަލުކުރައްވާފައެއް ނުވެއެވެ. މި ހަގީގަތަށް ފަސް އަޅާ ފޮރުވާލައި، ދޮގު ވާހަކަތަކުން އެބޭފުޅުންގެ ގާތް އެކުވެރިކަމަށް އަސަރެއްވެސް ނުކުރާނެއެވެ. އަދި އެބޭފުޅުންގެ އަބުރުވެސް ކަތިލާ ނުލެވޭނެއެވެ، ނަފްސުގެ އަގު ވައްޓައެއް ނުލެވޭނެއެވެ.
އަހަރެންގެ ހަނދާން އަންނަނީ މަޖިލީހުން ރުހުން ނުދޭން ނިންމުމުން އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ވިދާޅުވެފައިވާ ބަސްފުޅެކެވެ؛ "ބިޔަ ގަސްގަހުގައި ގަދައަށް ވައި އަޅާނެއެވެ."