logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024
majilis

ރޯދައިގެ ފަހަަށް އިންތިހާބު ލަސްކުރަން މަޖިލީހުން ނިންމައިފި

މިއަހަރުގެ މާޗު މަހު ބާއްވަން ރާވާފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބު އަންނަ ރަމަޟާން މަހަށްފަހު، ހަރޯދައިގެ ފަހުން ބާއްވާ ގޮތަށް މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހަށް ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއެވެ. އެ އިސްލާހު ބަލައިގަތުމަށްފަހު ފަސް މެންބަރުންގެ ވަގުތީ ކޮމިޓީއެއް އެކުލަވާލާ އެ އިސްލާހު ވަނީ ދިރާސާކޮށް މިދިޔަ ބުދަ ދުވަހު ކޮމިޓީން ފާސްކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު ދިރާސާ ކުރަން އެކުލަވާލި ވަގުތީ ކޮމިޓީން ވަނީ ކޮމިޓީ ރިޕޯޓް ހުށަހަޅާފައެވެ. އެ ރިޕޯޓަށް އިތުރު އިސްލާހެއް ގެނައުމަށް ނުވަތަ ބަހުސް ކުރުމަށް ވެސް އެއްވެސް މެންބަރަކު އެދިވަޑައިގެންފައިނުވާތީ ރިޔާސަތުން ވަނީ ވޯޓަށް އަހާފައެވެ.

ޤާނޫނަށް ހުށަހެޅި މި އިސްލާހު ފާސްވެފައިވަނީ 46 މެންބަރުންގެ ވޯޓުންނެވެ. މި ބިލަށް އަމަލު ކުރަން ފަށާނީ ރައީސުލްޖުމްހޫރިއްޔާ ބިލް ތަސްދީގު ކުރެއްވުމުންނެވެ. މިއާއެކު މާޗު 17ގައި ބޭއްވުމަށް ނިންމަވާފައިވާ މަޖިލިސް އިންތިހާބު ބާއްވަން ޖެހޭނީ ރަމަޟާން މަސް ނިމި، 10 ދުވަސް ފަހުންނެވެ.

މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލުގައި އިންތިހާބުތަކާބެހޭ އާންމު ޤާނޫނުގައި ނުވަތަ އެހެން ޤާނޫނެއްގައިވެސް އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް ރަމަޟާން މަހުގެ ދުވަހެއްގައި އިންތިހާބެއް ބާއްވައިގެން ނުވާނެކަމަށް ވަނީ ބަޔާން ކޮށްފައެވެ. އަދި ރޯދަމަހުގެ ދުވަހަކާއި އިންތިހާބު ދިމާވާނަމަ އެ އިންތިޚާބެއް ބާއްވަންވާނީ ރޯދަމަސް ނިމި 10 ދުވަސް ފަހުންކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުން ވޯޓު ކަރުދާހުގައި ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގައެއްގެ ގޮތުގައި ބެލެވޭ ނިޝާނެއް ހިމަނާފައިވާނަމަ އެއީ ސައްހަ ވޯޓެއް ކަމުގައި ބަލައިގަންނަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި ފާހަގަ ފުރިހަމަކުރުމުގެ ގޮތުން، އެ ފާހަގަމަތިން ފެވިގެންދާ ގޮތަށް ރަނގަޅު ފާހަގައެއް ޖަހާފައި އޮތް ނަމަވެސް ވޯޓު ބާތިލު ނުވާނެކަމަށްވެސް އިސްލާހުގައިވެއެވެ.

އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނު އިސްލާހު ކުރަން ހުށަހެޅުއްވި ބިލު ދިރާސާ ކުރުމަށް އެކުލަވާލި ވަގުތީ ކޮމިޓީން ވަނީ އެ ބިލުގައި ހިމަނާފައިވާ ކަންކަމުގެ އިތުރުން އިލެކްޝަންސް ކޮމިޝަނުން ގެންނަން ބޭނުންވާ ބައެއް ބަދަލުތައް ވެސް ބިލުގައި ހިމަނާފައެވެ. އެގޮތުން، އިންތިޚާބެއް ބޭއްވުމުގެ 45 ދުވަސް ކުރިން ވޯޓާސް ރަޖިސްޓްރީ ގެޒެޓުކޮށް ކޮމިޝަނުގެ ވެބްސައިޓުގައި އާންމު ކުރާ ގޮތަށް ވަނީ އިސްލާހެއް ހުށަހަޅާފައެވެ. އަދި ވޯޓު ކަރުދާސް ދެއްކުމަކީ ކުށެއް ކަމަށް ކަނޑައަޅައި އެ ކުށަށް އަދަބެއް ކަނޑައެޅުމަށް ވެސް ވަނީ ނިންމާފައެވެ.

ވަގުތީ ކޮމިޓީން ވަނީ އިންތިހާބެއްގައި ވޯޓު ކަރުދާސް ދައްކައިފިނަމަ އެއީ ކުށެއް ކަމަށް ކަނޑައަޅައި އަދަބުގެ ގޮތުން 1 މަހާއި 3 މަހާ ދެމެދުގެ ޖަލު ބަންދެއް ކަނޑައެޅުން ނުވަތަ 6000 ރުފިޔާ އާއި 18000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ހިމަނުއްވާފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *