logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024
ގުޅީފަޅު

ސްޕްރީމް ކޯޓުން އަންގަނީ، ގުޅީފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް

ގުޅީފަޅު ހިއްކުމުގެ މަސައްކަތް މަޑުޖައްސާލުމަށް ހައިކޯޓުން އަމުރެއް ނެރެފައިވަނިކޮށް، ހައި ކޯޓުގެ އެ އަމުރަށް އަމަލުކުރުން ފަސްކުރުމަށް ސްޕްރީމް ކޯޓުން އަމުރެއް ނެރެފިއެވެ.

ރާއްޖޭގެ އެންމެ މަތީ ކޯޓް، ސްޕްރީމް ކޯޓުްނ ނެރުނު މި އަމުރުގައި ބުނެފައިވަނީ ހައި ކޯޓުގެ އަމުރަށް އަމަލުކުރަން ވެއްޖެނަމަ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނޭ ކަމަށާއި، އެހެންކަމުން ހައިކޯޓުން ނެރެފައިވާ އަމުރު ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަންގާ ކަމަށެވެ.

މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު ރައުޔުގައި ބަޔާންކޮށްފައިވަނީ އެ ކޯޓުން ވަކިގޮތެއް އަންގަންދެން ހައިކޯޓުން ނެރުނު އަމުރު ތަންފީޒު ނުކުރުމަށެވެ. މި މައްސަލާގައި ސްޕްރީމް ކޯޓުން މައްސަލަ ބެއްލެވީ ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިިޔާރު އަޒްމިރަލްދާ ޒާހިރުގެ އިިތުރުން، ފަނޑިޔާރު އަލީ ރަޝީދު ހުސައިނެވެ. މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އަލީ ރަޝީދެވެ.

ގުޅީފަޅު ހިއްކުމުގެ މަސައްކަތް ހުއްޓާލުމުގެ އަމުރެއް އިއްޔެ ހައިކޯޓުން ނެރެފައިވަނީ، ގުޅީފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ ތިމާވެއްޓަށް ގެއްލުންވާގޮތަށްކަމަށް ބުނެ އަމިއްލަ  ފަރާތަކުން އެ ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. ހައިކޯޓުން ކުރި އަމުރުރުގައި ބުނެފައިވަނީ ސިވިލްކޯޓުން މައްސަލަ ނިމެންދެކަ ގުޅީފަޅު ހިއްކުމުގެ މަސައްކަތް މަޑުޖައްސާލުމަށެވެ.

ގުޅީފަޅު ހިއްކުން ހުއްޓުވުމުގެ އަމުރެއް ހައި ކޯޓުން ނެރުނުއިރު، ގުޅީފަޅުން ހިއްކުމަށް ހަމަޖެހިފައިވާ 150 ހެކްޓަރުގެ ތެރެއިން 100 ހެކްޓަރުގެ ބިން ހިއްކާ ވަނީ ނިމިފައެވެ.

ގުޅީފަޅު ސަރަހައްދަކީ މާލޭ ރައްޔިތުންނަށް ގޯއްޗާއި ފްލެޓު ދިނުމަށް ނިންމާފައިވާ އެއް ސަރަހައްދެވެ. މި މަޝްރޫއު ނެދަލޭންޑްސްގެ ބޮސްކާލީސް ކުންފުންޏަކާއި ހަވާލުކޮށްފައިވާއިރު، މިމަސައްކަތް ހަވާލުކޮށްފައިވަނީ، 120 މިލިއަން ޑޮލަރު ނުވަތަ 2 ބިލިއަން ރުފިޔާ އަށެވެ.

ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 2000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގުޅީފަޅު ހިއްކައިގެންނެވެ. ގުޅީފަޅުން ބިން ހިއްކަން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *