މަސްވެރިންނަށް ނުދެވި ހުރި ފައިސާމިއަދުން މިއަދަށް ދެވޭނެގޮތެއް ނެތް ކަމަށާއި އޭގެ ތެރެއިން 100 މިލިއަން ރުފިޔާ މިމަހުގެ 26 ވަނަ ދުވަހުގެ ކުރިން ދައްކާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ ކުރީގެ ސަރުކާރުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު މަހުގެ އަގަށް ގެނައި ބަދަލު ދައުލަތަށް ވަރަށް ބޮޑު ބުރައަކަށްވެފައިވާ ކަމަށެވެ.
"އެހެން ނޫންނަމަ މިދިޔަ ސަރުކާރުންވެސް އޭރުގައި މަސްވެރިންނަށް ދައްކަން އޮތް ފައިސާ 200 މިލިއަނަށްވުރެ މަތީގައި ނޫޅޭނެކަން ހަމަ ޔަގީން،" ޝިޔާމް ވިދާޅުވި އެވެ.
މި ސަރުކާރުން މަހުގެ އަގު މުރާޖައާކުރުމަށްފަހު ހަފުތާއިން ހަފުތާއަށް ފައިސާ ދޭން ނިންމާފައިވާއިރު މިދިޔަ ހަފުތާގައި މަސްވެރިންނަށް ދޭންޖެހޭ 26 މިލިއަން ރުފިޔާ މި ހަފުތާ ތެރޭގައި މަސްވެރިންނަށް ދޭން ނިންމާފައިވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ. މިނިސްޓަރު މިހެން ވިދާޅުވި އިރު މިއަދު މަޖިލީހުގައި ބައެއް މެމްބަރުންވަނީ، މިއަދުން މިއަދަށް މަސްވެރިނަށް ފައިސާ ދީ ހަލާސްކުރެވޭނެތޯ ސުވާލުކުރައްވާފައެވެ.
މިނިސްޓަރު ވިދާޅުވީ މަސްވެރިންނަށ ދޭން ހުރި ފައިސާގެ ތެރެއިން ތެރެއިން 100 މިލިއަން ރުފިޔާ މިމަހުގެ 26 ވަނަ ދުވަހު ދެއްކުމަށްފަހު ބާކީ 180 މިލިއަން ރުފިޔާ މާޗް ފަހެއްގެ ކުރިން ދޭނެ ކަމަށެވެ. ޝިޔާމް ވިދާޅުވި ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ނޮވެމްބަރު 17، 2023 އިން ފެށިގެން މިއަދާ ހަމަށް މަސްވެރިންނަށް 435 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ.
މީގެ އިތުރުން މިނިސްޓަރު ޝިޔާމް ވިދާޅުވީ، މަސްވެރިންނާ ގުޅޭ ވައުދުތައް މި ސަރުކާރުން ދައުރުގެ ކުރީކޮޅު ފުއްދަވާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
އެގޮތުން މަސްވެރިންގެ އަތުން ގަންނަ މަހަށް 48 ގަޑިއިރުގެ ފައިސާ ދެއްކުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދު މި ދައުރުގެ ކުރީކޮޅު ފުއްދަވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ ދައުރުގެ ކުރީކޮޅު 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދެވޭ ގޮތަށް މަސައްކަތް ގެންދާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
މަސްވެރިންނަށް ފައިސާ ނުލިބިގެން ކޫއްޑު އާއި އައްޑޫގައި މުޒާހަރާ ކުރަމުންދާތާ ދެ ދުވަސް ވެއްޖެ އެވެ. މިނިސްޓަރު ވިދާޅުވީ، މުޒާހަރާ ކުރަމުންދާ މަސްވެރިން ގާތަށް ވަޑައިގެން، ފައިސާ ދެވޭނެ ގޮތަކާއި ތާރީހެއް ވިދާޅުވެފައިވާނެ ކަމަށެވެ.