logo minivan

English

އަންގާރަ, 22 އޮކްޓޯބަރ 2024

ދާންދޫ ސިއްޙީ މަރުކަޒުގައި ޑިޓޮކްސިފިކޭޝަންގެ ޚިދުމަތް ގާއިމްކޮށްފި

ގއ.ދާންދޫ ސިއްހީ މަރުކަޒުގައި ޑިޓޮކްސިފިކޭޝަންގެ ޚިދުމަތް މިއަދު ގާއިމްކޮށްފިއެވެ.

މިއީ މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަ ހުންނަ ފަރާތްތަކަށް ގާތުން ޚިދުމަތް ފޯރުކޮށްދެއްވުމުގެ ގޮތުން ދިވެހިރާއްޖޭގެ މަސްތުވާ ތަކެއްޗާއި ބެހޭ ގައުމީ އިދާރާ، ނޭޝަނަލް ޑްރަގް އޭޖެންސީން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން، އެ އޭޖެންސީއާއި ގއ.ދާންދޫ ކައުންސިލާއި، ގުޅިގެން ގާއިމްކުރި ސެންޓަރެކެވެ.

މިއަދު ދާންދޫއަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޒިޔާރަތުގައި އެ ޚިދުމަތް ފައްޓަވައި ދެއްވީ ދިވެހިރާއްޖޭގެ ދާޚިލީ ސަލާމަތާ ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އެވެ.

މި ޚިދުމަތް ދާންދޫގައި ފެށުމުން، މާލެއަށް ނުގޮސް އެރަށުގައި ތިބެގެން ޑިޓޮކްސިފިކޭޝަންގެ ޚިދުމަތް ލިބިގެންދާނެއެވެ.

މިރަސްމިއްޔާތުގައި ގއ.އަތޮޅު ކައުންސިލްގެ ރައީސް އިބްރާހީމް ޝަހީން، ގއ.އަތޮޅު ހޮސްޕިޓަލްގެ އިސްވެރިޔާ ޢަލީ ޝަމީމްގެ އިތުރުން ގއ. ވިލިނގިލީ ދަގެނާގެ އޮފިޝަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެންޑީއޭއިން ދަނީ ޑިޓޮކްސިފިކޭޝަންގެ ޚިދުމަތް ހުރިހާ ރަށަކުން ވެސް ލިބޭނެގޮތް ފަހިކުރުމަށްޓަކައި ރަށްރަށުގެ ސިއްހީ ޚިދުމަތްދޭ މަރުކަޒުތަކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ސަރުކާރުން މިދިޔަ ޖެނުއަރީމަހު ވަނީ، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭ ރިހިބިލިޓޭޝަން ސެންޓަރުތައް ގާއިމްކުރުމަށް އަމިއްލަ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހުނަށް މިހާރު ފަރުވާ ދިނުމަށް ރާއްޖޭގައި ނެޝަނަލް ޑްރަގް އޭޖެންސީން 6 ސެންޓަރެއް ރާއްޖޭގެ އެކި ސަރަހައްދުގައި ހިންގައެވެ.

އެންޑީއޭއިން މިހާތަނަށް ހިންގަމުންއައި ސެންޓަރުތައް:

  • ކ.ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރު.
  • ހުޅުމާލޭގައި ހުންނަ ހާފްވޭ ހައުސް.
  • ހދ.ހަނިމާދޫގައި ހުންނަ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު.
  • ފުވައްމުލައް ސިޓީގައި ހުންނަ ޑްރަގް ޓްރީޓްމެންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރު.
  • އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު.
  • ގދ.ތިނަދޫ ސިޓީގައި ހުންނަ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު.

އަމިއްލަ ފަރާތްތަކަށް ރިހެބް ސެންޓަރުތައް ހިންގުމަށް ރައީސް ސޯލިހުގެ ސަރުކާރުންވެސް މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

ރާއްޖޭގެ އާބާދީއަށް ބަލާއިރު މަސްތުވާ ތަކެތި ބޭނުންކުރާ މީހުންގެ އަދަދު ގިނަ ވަމުން އަންނަކަމަށް ކަމާއި ބެހޭ ފަރާތްތަކުން ބުނާއިރު، އަމިއްލައަށް އެދިގެން ފަރުވާ ހޯދަން ބޭނުންވާ 800 އަށްވުރެ ގިނަ މީހުން ތިބިކަމަށް ސަރުކާރުން ބުނެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *