logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

އިންޑިއާގެ އުޅަނދުތައް ދުއްވަން އެގައުމުގެ ސިވިލިއަނުންގެ ފުރަތަމަ ގްރޫއްޕު މިއަދު އަތުވެއްޖެ

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަށް ކުރަމުންގެންދާ މަސައްކަތުގެ ދަށުން، ގަމުގައި ތިބި އިންޑިއާ ސިފައިންގެ ބަދަލުގައި ހެލިކޮޕްޓަރު އޮޕަރޭޓްކުރުމަށް އެގައުމުގެ ސިވިލިއަނުންގެ ފުރަތަމަ ގްރޫޕް މިއަދު ރާއްޖެ އަތުވެއްޖެއެވެ.

މިކަމާ ގުޅޭގޮތުން ގައުމީ ދިފާއީ ބާރުން ބުނީ، އިންޑިއާގެ ސިވިލިއަން ކުރޫ ރާއްޖެ އައިސްފައިވަނީ މިއަދު ހަވީރު ކަމަށެވެ. މި ޓީމް މިރޭގެ ވަގުތެއްގައި އައްޑޫސިޓީއަށްގޮސް ހޭންޑްއޯވަރ ކުރުމުގެ ކަންކަން ފަށާނެއެވެ.

ގައުމީ ދިފާއީ ބާރުން ބުނީ ކަނޑައެޅިފައިވާ ތާރީހަށް އައްޑޫގައި ގާއިމްވެތިބި އިންޑިއާ ސިފައިން ދިވެހިރާއްޖެއިން ފައިބާނެ ކަމަށެވެ.

އައްޑޫގައި ތިބި އިންޑިއާ ސިފައިން ބަދަލުވުމުގެ މަރުހަލާތަކުގައި އެ ސިޓީގައި ހުރި ހެލިކޮޕްޓަރު މަރާމާތަށް އިންޑިއާއަށް ގެންދިއުމަށްޓަކައި މާދަމައިން ފެށިގެން ހެލިކޮޕްޓަރުގެ ޓެސްޓް ފްލައިޓްތަކެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ގައުމީ ދިފާއީ ބާރުން ބުނީ މި ހެލިކޮޕްޓަރު ގެންދިއުމަށާއި  އޭގެ ބަދަލުގައި ގެންނަ ހެލިކޮޕްޓަރު ހިފައިގެން އަންނަ އިންޑިއާގެ މަނަވަރު ފެބުރުއަރީމަހުގެ 28 ވަނަ ދުވަހު އައްޑޫސިޓީއަށް އައުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ލ.ކައްދޫ އާއި ހދ.ހަނިމާދޫގައި ތިބި އިންޑިއާ ސިފައިން މެއިމަހުގެ 10 ވަނަ ދުވަހުގެ ކުރިން ފޮނުވާލުމުގެ ކަންކަން އޮމާންކަމާއެކު ފުރިހަމަކޮށް ނިންމުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ މަޝްވަރާތައް ޑިޕްލޮމެޓިކް ހަމަތަކާއި އުސޫލްތަކުގެ ތެރެއިން ސަރުކާރުން ކުރަމުންގެންދާކަމަށްވެސް ގައުމީ ދިފާއީ ބާރުން ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، މެއިމަހުގެ 10 ވަނަ ދުވަހުގެ ކުރިން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އެއްކޮށް ބާލައި ނިމޭއިރު، މިއީ ދިވެހިންނަށް ލިބޭނޭ ވަރަށްބޮޑު ކާމިޔާބެއް ކަމަށެވެ. އަދި މިއީ ދިވެހިން އެދުނު ގޮތްކަމަށާއި، ރާއްޖޭގައި ބޭރު ގައުމެއްގެ ސިފައިން ގާއިމްވެ ތިބުމަކީ ދިވެހިން އެދޭގޮތް ނޫންކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބެނީ އެގައުމުން ހަދިޔާކުރި ހެލިކޮޕްޓަރުތައް ދުއްވުމަށާއި އެނޫންވެސް ޓެކްނިކަލް މަސައްކަތްތައް ކުރުމުގެ ބޭނުމަށްކަމަށް ކުރީ ސަރުކާރުން ވަނީ ބުނެފައެވެ.

އިންޑިއާ ސިފައިން ފޭބުމާ ގުޅޭގޮތުން އެގައުމުގެ އެކްސްޓާނަލް އެފެއާސް މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވަލް ވިދަޅުވެފައިވަނީ، ހެލިކޮޕްޓަރުތައް ދެންވެސް ދުއްވާނީ އިންޑިއާގެ ޕައިލެޓުން ކަމަށެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *