ޕީއެންސީގެ ށ. މިލަންދޫ ދާއިރާގެ ޕްރައިމަރީން ނާކާމިޔާބުވުމުން އެ ޕާޓީން ވަކިވި ކަމަށް ބުނެ ބައެއް އޮންލައިން ނޫސްތަކުގައި ފަތުރަމުންދާ ހަބަރު ޕީއެންސީގެ ސެނެޓު މެމްބަރު ނަބީލް ޒަމީލް ދޮގުކޮށްފިއެވެ.
ނަބީލް ވަނީ އެދާއިރާގެ ޕްރައިމަރީ އިން ނާކާމިޔާބުވުމުން ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރަން ނިންމައި އޭނާގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައެވެ.
ނަމަވެސް ނަބީލް މިއަދު މީސްމީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ވަނީ އެންވަޔަރަމަންޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމަށް އައްޔަންކޮށްފައިވާ ކަމަށެވެ.
މި ހަބަރާ ގުޅިގެން ބައެއް އޮންލައިން ނޫސްތަކުގައި ބުނެފައިވަނީ އަމިއްލަ ގޮތުން އޭނާ ކުރިމަތިލެއްވީ ޕީއެންސީން ވަކިވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ތާއީދާއެކު އަލަށް ރައީސް ޔާމީން އުފައްދެވި ޕީއެންއެފް އިން ކަމަށެވެ. އަދި އަމިއްލަ ގޮތުން ކުރިމަތިލެއްވުމުން މަގާމު ދެއްވުމުން އަނބުރާ ޕީއެންސީއާ ގުޅިވަޑައިގެންނެވި ކަމަށެވެ.
އެހެން ނަމަވެސް މި މަހު 19 ވަނަ ދުވަހު މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ނަބީލް ވިދާޅުވީ، އަމިއްލަ ގޮތުން ވާދަކޮށްފި ނަމަ ވޯޓުތައް ބައިބައިވެ، ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ގެއްލިދާނެ ކަމަށެވެ. އެހެން ކަމުން ސަރުކާރުގެ ކެންޑިޑޭޓު ހަސަން މުފީދަށް ތާއީދުކުރަން ނިންމާފައިވާ ކަމަށެވެ.
ޕާޓިން ވަކިވިކަމަށް ދެކެވޭ ވާހަކަތަކަށް ރައްދުދެއްވައި ނަބީލް އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، ދާއިރާގެ ކުރިމަގު ބައްޓަން ކުރެވޭނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކަމަށާއި، އެހެން ކަމުން ހިތުން ރުހުމުން އެމްޑީޕީއަށް މަޖިލިސް ގޮނޑިދިޔަ ނުދޭނެ ކަމަށެވެ.
"އަޅުގަނޑު ޕާޓީން ވަކި ނުވަން, ސެނެޓުން ވެސް ވަކި ނުވަން. އަޅުގަނޑުމެން ގެނައި ސަރުކާރު ވެސް ދަމަހައްޓާނީ އަޅުގަނޑުމެން. ޑރ. މުއިއްޒުގެ މި ސަރުކާރު ބަލިކަށިކުރަން ޖާގައެއް ނެތް. އެމްޑީޕީ ފިކުރު އެއީ ދަންނަ ފިކުރެއް ނޫން" ނަބީލް ވިދާޅުވިއެވެ.
ނަބީލަކީ ޕީޕީއެމް/ޕީއެންސީގެ މަގުމަތީ ހަރަކާތްތަކުގައި އިސްކޮށް އުޅުނު އެކްޓިވިސްޓެކެވެ. އޭނާ އެންވަޔަރަމަންޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވީ އިއްޔެގައެވެ.