logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

އެއާ އިންޑިއާގައި މުމްބާއީން ރާއްޖެއަށް!

އެއާ އިންޑިއާގެ ފްލައިޓް ބޮމްބޭއިން ރާއްޖެ ދިއުމަށް ނައްޓާލުމުގެ ތައްޔާރީތަކުގައި ކުރޫއިން އަވަދިނެތި އުޅެނިކޮށް ޕައިލެޓްގެ އެނައުންސްމަންޓެއް އައެވެ. ހުރިހާ ފަސިންޖަރުންގެ ސަމާލުކަމަށްޓަކައި އޭނާ އެންމެ ފުރަތަމަވެސް އެދުނީ، ހުރިހާ ކަމެއް ހުއްޓާލައި ރާއްޖޭގެ ރީތިކަން ދެކިލުމަށްޓަކައި ބޯޓުގެ ކުޑަދޮރުން ބޭރަށް ބަލަން ތިބުމަށެވެ.

"އަމިއްލަ ޑިވައިސްއަކުން ރާއްޖޭގެ ރީތި ފޮޓޯތައް ނެގުމަކީ ކޮންމެ މީހަކަށްވެސް ލިބޭނެ އާދަޔާ ޚިލާފު ފުރުސަތެއް. މާގިނަ އިރުތަކެއް ނުވެ އެ މަންޒަރުތައް ފެންނަން ފަށާނެ. ކުޑަދޮރުން ބަލަން ތިބޭ. ރާއްޖެ އަކީ ގުދުރަތީ ރީތިކަމުގައި ދެވަނައެއް ނުވާ ތަނެއް،" މޫސުމާ ބެހޭ ކުރު ވާހަކަ ކޮޅަކަށް ފަހު އިންޑިޔާ ޕައިލެޓްގެ ތައުރީފު ރާއްޖެއަށް އޮއްސާލިއެވެ.

ފްލައިޓުގައި އަހަރެންނާ ޖެހިގެން ތިބީ އަލަތު ކައިވެނީގެ ހަނީމޫނަށް އިންޑިޔާއިން ރާއްޖެއަށް ޗުއްޓީ ހޭދަކޮށްލަންދާ ޒުވާން ދެމަފިރިންނެވެ. ހީނާފަތުން ޖަރީކޮށްފައިވާ އަނބިމީހާގެ ލޫޅާފަތި އަތުގައި ހިފަހައްޓާލައިގެން އިން ޒުވާން ފިރިމީހާ އަށް އަހަރެން ތައާރަފުވެލައި، އަހަރެންނަކީ ދިވެއްސެއް ކަމަށް ބުނުމުން ދެމަފިރިންނަށް ވެސް ލިބުނީ ހައިރާން ކަމެކެވެ. ކުޑަ އިރުކޮޅަކުން ފިރިހެން މީހާ އަހަންނާ ސުވާލެއް ކުރިއެވެ؛ "ދިވެހިން އަހަރެމެން، އިންޑިއާ މީހުން ދެކެ ރުޅި އަންނަނީ ކީއްވެ. ކޮބާ މައްސަލައަކީ؟"

އަހަރެން ޖަވާބުގައި ބުނީމެވެ. ދިވެހިންނަކީ އެއްވެސް އިރެއްގައި އިންޑިޔާގެ އާންމު ރައްޔިތުންނާ ޒާތީވެ ދުޝްމަނުކަމެއް ބާއްވާ ބައެއް ނޫނެވެ. އަދި ނުވެސް ބާއްވާނެއެވެ. އެހެން ނަމަވެސް ދެ ގައުމުގެ ސިޔާސީ ވެށިން އުފަންވާ ބައެއް ކަހަލަ ނުތަނަވަސްކަމުގެ އަސަރާއި އެކަންކަމުގެ ނަތީޖާ ދެފަރާތުގެ ސިޔާސީ ފަރާތްތަކުން މާނަކުރާ ގޮތުން ބައެއް ހާލަތްތަކުގައި ނުކިއްސަރު އަޑުތައް އިވުން އެކަށީގެންވާ ކަމަށް ބުނީމެވެ. އެހެން ބުނުމަށް ފަހު އަހަރެން ވެސް އެދެމަފިރިންނަށް ސުވާލެއް ކުރީމެވެ؛ "ނުތަނަވަސްކަމާއެކު ތިކަހަލަ ސުވާލެއް ތިޔަ ކުރީ ކީއްވެ؟"

މިފަހަރު ވާހަކަ ދެއްކީ އަންހެން މީހާއެވެ. އޭނާ ބުނި ގޮތުގައި އިންޑިޔާގެ އެންޑީޓީވީގެ ޕްރޮގްރާމެއްގައި ދެއްކި ވާހަކަތަކުގެ ސަބަބުން ރާއްޖެ ދާން ޖެހިލުންވެ ވަރަށް ކަންބޮޑުވިއެވެ. އެހެންނަމަވެސް ކައިވެނީގެ ކުރިންވެސް ދެމީހުންގެ ހަނީމޫން ހޭދަކުރަން ރާވާފައި އޮތީ ރާއްޖޭގައި ކަމުން، ކެންސަލު ނުކޮށް ދަތުރުކުރަނީ ކަމަށް ބުންޏެވެ.

"އަނެއްކާ އަހަރެމެންނަށް ރައްކާތެރިކަން އޮންނާނެތަ،" އަންހެން މީހާ އެހިއެވެ.

އަހަރެން ފަހުރުވެރިކަމާއެކު ބުނީމެވެ؛ "މުޅި ދުނިޔެއިންވެސް ރާއްޖެހާ އަމާން ގައުމެއް ޓޫރިސްޓުންނަކަށް ނުފެންނާނެ. ކޮންމެ ގައުމެއްގެ ބަޔަކަށް ވިއަސް އެއްވެސްތަފާތު ކުރުމެއް ނެތި ހިނިތުންވުމާއެކު މަރުހަބާ ކިޔާނެ. ހަނީމޫނަށް ރާއްޖެ ދާން ނިންމުމަކީ ދެމަފިރިންގެ ހަޔާތުގައި ދުވަހަކު ވެސް ފޮހެވިގެން ނުދާނެ ފުން ހަނދާންތަކެއް ސިކުނޑީގައި ކުރަހާލެވޭނެ ކަމެއް."

އަހަރެން ހިތަށް އެރިއެވެ. ދެ ގައުމުގެ ސިޔާސީ ވެރިންގެ މެދުގައި އުފެދިފައިވާ ސިޔާސަތުގެ ނުތަނަވަސްކަމެއްގެ އަސަރު މިހާ ބޮޑަށް އާންމު ރައްޔިތުންނާ ހަމައަށް ފޭދިގެން ދިއުމަކީ އެންމެ ރަނގަޅު ގޮތް ބާވައެވެ. ހަނީމޫނަށް ރާއްޖެދާން ބޯޓުގައި އެތިބި އިންޑިޔާގެ ޒުވާން ދެމަފިރިންގެ ހިތުގައި އެވާ ނުވަނަވަސްކަމަކީ އުފަން ވެގެންވާނެ ނުތަނަވަސްކަމެއް ނޫނެވެ.

އިންޑިޔާގެ ސިޔާސީ އިސްބައެއް ވެރިން ސޯޝަލް މީޑިޔާގައި ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓްކުރަން ގޮވާލުމާއެކު އެގައުމުގެ މީޑިޔާއިން އެކަން ބޮޑު ކޮށްލީ ގައުމީ ކަމެއްގެ ގޮތުގައި ދެކިގެންނެވެ. ދެގައުމުގެ ގުޅުން އިތުރަށް ގޯސްވެގެންދާނެ އެތައް ކަމެއް ދެ ގައުމުގެ މީޑިޔާއިންނާއި ސޯޝަލް މީޑިޔާގައި ވަކިވަކި ފަރުދުން ކުރިއެވެ.

އެއާ އިންޑިޔާގެ ޕައިލެޓަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބޯޓު ތިރި ކުރަން ފަށަމުން އަނެއްކާވެސް ރާއްޖޭގެ ރީތިކަމުގެ ވާހަކައިން ފަސިންޖަރުންގެ ސަމާލުކަން ހޯދިއެވެ؛

"މިއީ ތިޔަ އެންމެ ފަސެންޖަރުންނަށް ތާރީޚީ މުހިއްމު ވަގުތު ކޮޅެއް. އުމުރުގައި ވެސް އަމިއްލަ ޑިއައިސް އަކުން ނުނެގޭނެ ރީތި ފޮޓޯއެއް ނަގާލުމަށް ލިބޭނެ މުހިއްމު ފުރުސަތެއް. ދެފަރާތު ކުޑަ ދޮރުތަކުން އެފެންނަނީ ރާއްޖޭގެ ރީތި މަންޒަރުތައް. އެއީ ރީތިކަމުގައި ދެވަނައެއް ނުވާ މަންޒިލެއް."

އަހަރެންނަށް ގަބޫލު ކުރެވުނީ އިންޑިޔާއާއި ރާއްޖެއާ ދެމެދު ސިޔާސަތުގެ ހިޔާލު ތަފާތުވުން ތަކެއް އުފެދިފައި ވީނަމަވެސް ދެ ގައުމުގެ އާންމުން އެއްބަޔަކު އަނެއް ބަޔަކާމެދު ދެކެނީ މުޅިން ތަފާތު ގޮތަކަށް ކަމެވެ. އާނއެކެވެ. ރާއްޖެއާ އިންޑިޔާގެ ގުޅުމަކީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ގުޅި ލާމެހިފައިވާ ގުޅުމެއް ކަމާއި ދެގައުމުގެ އާންމު ރައްޔިތުންގެ ހިތްތަކުގައި އޮތް އަޚުވަންތަކުގެ ގުޅުން ދުވަހަކުވެސް ކެނޑިގެން ނުދާނެ ކަމެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *