ރޯދަ މަހު ސްކޫލުތަކުގައި ކިޔަވައިދިނުން ކުރިއަށް ގެންދާނެ ސެޝަން ގަޑިތައް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ސުކޫލުތަކަށް އަންގައިފި އެެވެ.
މިނިސްޓްރީއިން އަންގާފައިވާ ގޮތުން ހެނދުނު 8:30 އާއި 9:00 އާ ދެމެދު ކިޔެވުން ފަށަންޖެހެއެވެ. އަދި އެންމެ ލަސްވެގެން މެންދުރުފަހު 3:00 ގައި ސެޝަން ނިންމަންޖެހެއެވެ.
ދެ ދަންފަޅިއަށް ކިޔަވައިދޭ ސުކޫލުތަކުގައި ވެސް 8:30 ގައި ކިޔެވުން ފަށަން ޖެހޭނެކަމަށާއި ކޮންމެ ދުވަހެއްގެ ވެސް މެންދުރުފަހު 3:00 ގެ ކުރިން ނިންމަން ޖެހޭނެ ކަމަށް މިނިސްޓްރީއިން ވަނީ އަންގާފައެވެ.
ދަންފަޅިތައް ކުރިއަށް ދާ ގޮތާއި ދިގުމިން:
- އެލްކޭޖީ އަދި ޔޫކޭޖީގައި ކިޔަވާ ދަރިވަރުން: 1 ގަޑިއިރާ 30 މިނެޓް
- ގްރޭޑް 1 އިން 6 އަށް ކިޔަވާ ދަރިވަރުން: 2 ގަޑިއިރާ 30 މިނެޓް
- ގްރޭޑް 7 އިން 12 އަށް ކިޔަވާ ދަރިވަރުން: 3 ގަޑިއިރު
ގަޑިތަކުގެ ވަގުތު މަދުވުމުގެ ސަބަބުން ކޮންމެ ގަޑިއެއް ވެސް 30 މިނެޓާއި 45 އަށް ކިޔަވާ ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ބުނެފައެވެ. އަދި ފުރަތަމަ ދެ ހަފުތާ ހުރިހާ މާއްދާއެއް ކިޔަވައި ދިނުމަށް ވެސް މިނިސްޓްރީން ވަނީ އަންގާފައެވެ.
މީގެ އިތުރުން ޓީޗަރުންގެ މަސައްކަތުގެ ގަޑި ހަތަރު ގަޑިއިރަށްވުރެ ދިގު ނުކުރުމަށާއި ކިޔެވުން ކުރިއަށްދާ ވަގުތުގައި އިދާރީ މުވައްޒަފުންގެ ހިދުމަތް މެދުނުކެނޑި ކުރިއަށް ދިނުމަށް ވެސް މިނިސްޓްރީން ވަނީ އަންގާފައެވެ.
އަދި ރޯދަ މަހުގެ ދުވަސްތަކުގައި ހަވީރު 4:00 އިން ރޭގަނޑު 9:00 އާއި ހަމަޔަށް އެއްވެސް އިތުރު ހަރާކާތެއް ކުރިއަށް ނުގެންދިޔުމަށް މިނިސްޓްރީން އެންގިއެވެ
ސެކަންޑްރީ ގްރޭޑުތަކުގެ ދަރިވަރުންނަށް ރޭގަނޑު ވަގުތުތަކުގައި އިތުރު ހަރަކާތް ހިންގާނަމަ 9:00 އާއި 10:30އާ ދެމެދު ރޭވުމަށް ވެސް މިނިސްޓްރީން ވަނީ އަންގައިފައެވެ.
މިއހަަރު ރޯދަމަހު ފަހު ދިހައިގައި ސަރުކާރު ބަންދު ކަމަށް ސަރުކާރުން ކަނޑައަޅާފައިވާތީ، ދަރިވަރުންނަށް ވެސް އެ ދުވަސްތައް ބަންދުވާނެއެވެ.