ބަޓަރ ޗިކަން ޕާސްތާ އަކީ ތައްޔާރުކޮށްލަން ފަސޭހަ، މީރު ކެއުމެކެވެ. އަދި މިއީ އިންޑިއާ އާއި އިޓަލީގެ ކޮންބިނޭޝަން އެކެވެ.
ބޭނުންވާތަކެތި:
ކުކުޅު މެރިނޭޓް ކުރުމަށް ބޭނުންވާތަކެތި:
- 1 މޭޒުމަތީ ސަމްސާ ޕްލެއިން ޔޯގަޓް
- 2 މޭޒުމަތީ ސަމްސާ އޮލިވް އޮއިލް
- 1 މޭޒުމަތީ ސަމްސާ ލޮނުމެދު އަދި އިނގުރު ޕޭސްޓް
- 1 ސައި ސަމްސާ ލޮނު/ ޗިލީ ޕައުޑާ/ ރީނދޫ/ ކިއުމިން ޕައުޑާ/ ގަރަމް މަސާލާ
- 250 ގްރާމް ކުކުޅު
- 1 ކިއުބް ބަޓާ
ޕާސްތާ ސޯސްއަށް ބޭނުންވާތަކެތި:
- ޕާސްތާ
- 1 މޭޒުމަތީ ސަމްސާ އޮލިވް އޮއިލް/ 2 ކިއުބް ބަޓާ
- 1 ފިޔާ
- 3 ލޮނުމެދު
- 1 ސައި ސަމްސާ ޕެޕްރިކާ/ ޗިލީ ޕައުޑާ/ ގަރަމް މަސާލާ/ ކިއުމިން ޕައުޑާ/ ހަކުރު
- 2 މޭޒުމަތީ ސަމްސާ ޓޮމާޓޯ ޕޭސްޓް
- 2 ޖޯޑު ޕާސްތާ ފެން
- 3/4 ޖޯޑު ހެވީ ކްރީމް
- 4-5 ކިއުބް ބަޓާ
ތައްޔާރުކުރާނެ ގޮތް
- ބަޓާ ޗިކެން ޕާސްތާ ތައްޔާރުކުރުމަށް ފުރަތަމަ ކުކުޅުކޮޅު މެރިނޭޓް ކޮށްލާނީއެވެ. އެގޮތުން، ތައްޓަކަށް ޔޯގަޓާއި އޮލިވް އޮއިލްއާއި ލޮނުމެދު އަދި އިނގުރު ޕޭސްޓާއި ލޮނު/ ޗިލީ ޕައުޑާ/ ރީނދޫ/ ކިއުމިން ޕައުޑާ/ ގަރަމް މަސާލާ އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު އޭގެ ތެރެއަށް ކުކުޅުކޮޅު އަޅާލުމަށްފަހު ސޯސްއާއި ރަނގަޅަށް އެއްކޮށްލައި މަތި ޖަހާލުމަށްފަހު މަދުވެގެން 2 ގަޑިއިރު ވަންދެން ބަހައްޓާށެވެ.
- ކުކުޅު ރަނގަޅަށް މެރިނޭޓް ވުމުން އޮލިވް އޮއިލް އާއި ބަޓާކޮޅަކާއި އެކު ކުކުޅު ރަނގަޅަށް ރޯފިލުވާލާނީއެވެ. އެއަށްފަހު މަތި ޖެހި ތައްޓަކަށް އަޅައި ބަހައްޓާނީއެވެ.
- ދެން ފެން ހޫނު ކޮށް ލޮނު ކޮޅަކާއިއެކު ފާސްތާ މަޑުކުރަން އުދާނީއެވެ.
- އެއަށްފަހު ފާސްތާގެ ސޯސް ތައްޔާރުކުރުމަށް ތެލާއި ބަޓާ އެޅުމަށްފަހު ހޫނުވުމުން ފިޔާ ކޮޅާއި ލޮނުމެދު ކޮޅު އަޅައި މީރުކޮށްލާނީއެވެ.
- ފިޔާކޮޅު މީރުވުމުން ދެން އަޅާނީ ޕެޕްރިކާ/ ޗިލީ ޕައުޑާ/ ގަރަމް މަސާލާ/ ކިއުމިން ޕައުޑާ/ ހަކުރު އަދި ޓޮމާޓޯ ޕޭސްޓެވެ.
- ދެން ޓޮމާޓޯ ފޭސްޓްގެ ރޯފިލުވުމަށްފަހު ފުރަތަމަ 1 ޖޯޑުގެ ޕާސްތާ ފެން އަޅައި ރަނގަޅަށް ކައްކާލާނީއެވެ.
- ރަނގަޅަށް ކެކި ބޮކި އަރަން ފެށުމުން ކުކުޅު ކޮޅު އަޅައި އެއްކޮށްލާނީއެވެ. ދެން އަނެއްކާވެސް އަނެއް ޖޯޑު ޕާސްތާ ފެން އަޅައި އެއްކޮށްލުމަށްފަހު ބޮކިއަރަން ފެށުމުން ހެވީ ކްރޯމް އަޅައި ކައްކާލާނީއެވެ.
- ސޯސް ކަނޑު ރަނގަޅަށް ކެކުމުން 5-4 ކިއުބްގެ ބަޓާކޮޅު އެޅުމަށްފަހު އަނެއްކާވެސް ކައްކާލާނީއެވެ. ދެން މަޑުކުރި ފާސްތާ ކޮޅު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލުމުން ބަޓާ ޗިކެން ފާސްތާ ތައްޔާރުވީއެވެ.