މިހާރު ސްކޫލުތަކުގެ އިތުރު ހަރަކާތްތައް މަދުކޮށްފައިވަނީ ޓީޗަރުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށްޓަކައި ކަމަށް އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވަލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަފީއު ވިދާޅުވީ ދިރާސީ ކަލަންޑަރަށް ގެނައި ބަދަލާއެކު ބައެއް މީހުންގެ ކަންބޮޑުވުން ހުރި ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ދަރިވަރުންގެ އިތުރު ހަރަކާތްތައް ކުރިން ރާވާފައި އޮތީ ހަރުދަނާ ނިޒާމެއްގެ ދަށުން ނޫން ކަމަށާއި ކުރިން ގިނައަދަދެއްގެ މުބާރާތްތަޢް މިނިސްޓްރީއިން ވެސް ބާއްވާކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރަން ކުޅިވަރު ކުޅެން ޖެހޭނެ, ކަސްރަތު ކުރަންޖެހޭނެ, ކޮމްޕެޓިޝަންތައް ބާއްވަން ޖެހޭނެ, އެހެން ނަމަވެސް އެއީ ޓީޗަރަކަށް ހުކުރެއް ހޮނިހިރެއް, ރޭގަނޑެއް ދުވަލެއް ނެތް ގޮތަކަށް ނޫން އެކަން އޮންނަން ވާނީކީ އެއް," މިނިސްޓަރު ޝަފީއު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ޓީޗަރުންނަކީ ވެސް ވަޒީފާގެ ހައްގުތަކެއް އޮންނަ, އާއިލާއެއް ބަލަހައްޓަން ޖެހޭ, އަދި ސައިކޮލޮޖިކަލީ ވަރަށް ޑިމާންޑިން ވަޒީފާއެއް އަދާކުރާ ބައެއްކަމަށެވެ. އެކަޑަމިކް ކަލަންޑަރަށް ބަދަލު ނުގެނައި ނަމަވެސް, މުބާރާތްތައް އެއްކޮށްލައިގެން ނުވަތަ އިންތިޒާމުކޮށްލައިގެން ޓީޗަރުންގެ ދުޅަހެޔޮކަން ކަށަވަރު ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެކެޑަމިކް ކަލަންޑަރަށް ގެނައި ބަދަލާއެކު ވެސް ދަރިވަރުންނަށް ދޭންޖެހޭ ހަށިހެޔޮކަމާއި ދުޅަހެޔޮކަމާއި ކަސްރަތުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމާއެކުގައި ޓީޗަރުންގެ ނަފްސާނީ ދުޅަހެޔޮކަމާއި ޖިސްމާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން ވެސް ނަގަންޖެހޭ ފިޔަވަޅުތައް ނަގާނަން," ޝަފީއު ވިދާޅުވި އެވެ.
ޓީޗަރުންގެ ކަންތައްތަކަކީ ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ދިރާސީ އަހަރަށް ގެނައި ބަދާލާ ގުޅެގޮތުން ވެސް މިނިސްޓަރު ޖަވާބުދެއްވިއެވެ. މިނިސްޓަރު ވިދާޅުވީ އެއީ ކުއްލިއަކަށް ގެނައި ބަދަލެއް ނޫން ކަމަށާއި ފަސް ސެމިސްޓަރަކަށް ބަހާލައިގެން ދިރާސީ އަހަރަށް ބަދަލުގެނައީ ކެމްބްރިޖުގައި ކޮންމެ މާއްދާއެއް ކިޔަވަން ޖެހޭ ކަމަށް ބުނާ ވަގުތު ލިބޭނެހެން ކަމަށެވެ.
"ކެމްބްރިޖުގައި މި އޮންނަނީ މާއްދާއެއް ކިޔެވުމަށް ވަކި ވަރެއްގެ ގައިޑެޑް ލާނިން އަވާސްތަކެއް ހިމަނާފައި. އެހެންމަ މި ބަދަލު ގެނައުމުގައި ވަރަށް ބޮޑަށް އިސްކަން ދިނިން ކެމްބްރިޖުގެ އެލޮކޭޓްކޮށްފައި ހުރި ގައިޑެޑް ލާނިން އަވާސްތައް ވައިލޭޓް ނުކުރެވޭތޯ" އޭނާ ވިދާޅުވި އެވެ.
ދިރާސީ އަހަރާއި ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީގައި 30،000 ރައްޔިތުންގެ މައުލޫމާތު ހިމެނޭ ޑޭޓާ ސެޓެއް އެބަ އޮތް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އެއިން 69 އިންސައްތަ. ގާތްގަނޑަކަށް 70 އިންސައްތައާ ކައިރިކުރާ މިންވަރަކަށް ރައްޔިތުން ބޭނުންވީ ހަމަ އިހުގައިވެސް އޮތް ގޮތަށް ޖެނުއަރީން ފެށިގެން ޑިސެމްބަރަށް ޓާމް ބާއްވަން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އިސްމާއީލް ވިދާޅުވީ ދިރާސީ އަހަރުގެ ކަލަންޑަރަށް ބަދަލު ގެންނަން ޓީޗަރުންނާއި ދަރިވަރުން ބޭނުންނުވާ ކަމަށެވެ.