ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު އެއް އަހަރު ތެރޭ ހޯދައި ހާމަކުރާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދު ހާޒުރުވެވަޑައިގެން މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުމުގެ މަސައްކަތް ވަކި ނިޒާމެއްގެ ތެރެއިން ކުރަމުންދާ ކަމަށެވެ.
"އެއް އަހަރު ތެރޭ އިރާދުކުރެއްވިއްޔާ މި އިއްޒަތްތެރި މަޖިލީހަށް ވެސް އެކަން ސާފުކޮށް ދައްކާނަން އަދި ދިވެހި ރައްޔިތުންނަށް ވެސް އެ މައުލޫމާތު ހާމަކޮށް އަރުވާނަން," އެކަން ކުރެވޭނެ ތާރީހެއް ދަންނަވަމުން މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، އެމަސައްކަތް ކުރަމުންދަނީ ރާއްޖޭގެ ރަށްރަށުގައި ހުރި ކައުންސިލް އިދާރާތަކާއި ޕޮލިސް ސްޓޭޝަންތައް މެދުވެރިކޮށްކަމަށެވެ.
"އެ ސިސްޓަމަށް އެކްސެސް ކައުންސިލްތަކާއި ފުލުސް ސްޓޭޝަންތަކަށް ދެވިފައި, ފިންގާ ޕްރިންޓްގެ ޒަރިއްޔާއިން ރާއްޖޭގައި ތިބި ހުރިހާ ބިދޭސީން އައިޑީ ކުރަން ފަށާ ހިސާބުން," މިނިސްޓަރު ވިދާޅުވިއެވެ.
ބިދޭސީންގެ ދަފްތަރު ކައުންސިލްތަކުގައި އޮތުން ގާނޫނުން ލާޒިމްކުރިނަމަވެސް އެ ޑޭޓާބޭސް އަށް ކައުންސިލްތަކަށް ނުވަދެވޭ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"ކައުންސިލްތަކަށް އެ ފިންގަ ޕްރިންޓް ޑޭޓާބޭސްއަށް އެކްސެސް ދެވި ފިންގަ ޕްރިންޓް ސްކޭން ކުރާ މޯބައިލް ޑިވައިސްތަކާއި, ފިކްސްޑް ޑިވައިސް ކައުންސިލްތަކާއި ޕޮލިސް ސްޓޭޝަންތަކަށް ދެވި, އެ ތަނަށް އަންނަ ކޮންމެ ބިދޭސީއަކީ އިނގިލި ޖައްސާލީމާ ކާކުތޯ އެނގޭ ވަރު ކޮށްދިނުން," މިނިސްޓަރު ވިދާޅުވި އެވެ.
މިއަދު މަޖިލީހުގައި ގިނަ މެމްބަރުންގެ ސުވާލުތައް މިނިސްޓަރު އިހުސާނަށް އަމާޒުވެފައިވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ކަންކަމާ ގުޅޭގޮތުންނެވެ.